ހަނގުރާމަ ދިގުލާ ނަމަ އިންފްލޭޝަންގެ ރޯޅި %10 ހުރަސްކޮށްފާނެ

މަރުކަޒީ ބޭންކް، އެމްއެމްއޭ އަދި ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ނިމުނު އިރު ޑިސެމްބަރު މަހުގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ މިންވަރު ހުރީ %0.4ގަ އެވެ. ބޯހިޔާވަހިކަމާއި ފެނުގެ ހިދުމަތް އަދި ދަތުރުފަތުރުގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
ނަމަވެސް އީރާން ހަނގުރާމައާ އެކު އެކަން މިހާރު މި ވަނީ ބަދަލުވެފަ އެވެ. އަހަރުގެ ފުރަތަމަ ކުއާޓަރު ނުނިމި އުޅެނިކޮށް، އެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުއްލިއަކަށް އުފުލުމާއި މެދުއިރުމަތީގެ އެއާލައިންތަކުގެ ދަތުރުތައް ހުއްޓުމާ އެކު ރާއްޖޭގެ ފަތުރުވެރިކަމަށް މި ވަނީ ލަފާކުރެވިފައި ނުވާވަރުގެ މަޑު ޖެހުމެއް އައިސްފަ އެވެ.
ރާއްޖެ ފަދަ ހުރިހާ އެއްޗެއް އިމްޕޯޓުކުރާ އަދި ޓޫރިޒަމަށް އެކަނި ކަހަލަ ގޮތަކަށް ބަރޯސާވެފައި އޮތް ގައުމަކަށް މިއީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން ފަދަ ކަމެކެވެ. އަހަރެމެންނަށް މި ވަނީ އިގްތިސާދީ ދެ ކާރިސާއެއްގެ ނުރައްކާ އެއް ފަހަރާ ކުރިމަތިވެފަ އެވެ.
ރާއްޖޭގެ އިގްތިސާދަށް އަދި އާންމުންނަށް މި ވަގުތު އޮތް އެންމެ ބޮޑު ބިރަކީ ތެލުގެ އަގު ބޮޑުވުމާ އެކު އިންފްލޭޝަން ރާސްލާފައި މައްޗަށް އަރައިގެން ދިޔުމެވެ. އަދި އޭގެ ނަތީޖާއަކީ އިގްތިސާދީ ކާރިސާއެއް އުފެދޭނޭ ސްޓޭގްފްލޭޝަން އެވެ. އަދި އަނެއް ކޮޅުން އިގްތިސާދުގެ މައި އިންޖީނު ޓޫރިޒަމްއަށް މި ވަނީ ހީނަރުކަން ކުރިމަތިވެފަ އެވެ. މިއީ އިގްތިސާދީ ކާރިސާއެއް މެދުވެރި ވެދާނޭ ދެ ސަބަބެވެ.
އިގްތިސާދަށް ކުރިމަތިވާ ފުރަތަމަ އެންމެ ބޮޑު ގޮންޖެހުމަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އިންތިހާއަށް ބޮޑުވެފައިވުމެވެ. ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 110 ޑޮލަރަށް ވުރެ މައްޗަށް ދިއުމާ އެކު، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހިނގާ ހަރަދު އިންތިހާއަށް ވަނީ ބޮޑުވެފަ އެވެ. މި ދައްކަނީ 40 މިލިއަން ޑޮލަރުގެ ތެޔޮ ބިލް ދެގުނަވެ 80 މިލިއަން ޑޮލަރަށް އެރި ވާހަކަ އެވެ.
އިގްތިސާދީ މަފްހޫމުގައި މިއީ ކޯސްޓް-ޕުޝް އިންފްލޭޝަން އެވެ. މިއީ މުދާ އުފެއްދުމާއި ހިދުމަތް ދިނުމުގެ އަސާސީ ހަރަދުތައް ބޮޑުވުމުން ވިޔަފާރިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި އާއްމުންނަށް ވިއްކާ މުދަލުގެ އަގު ބޮޑުކުރަން މަޖުބޫރުވާ ހާލަތެވެ. ޑީސަލްގެ އަގު ބޮޑުވުމުން މަސްދޯނިފަހަރު ދުއްވުމަށާއި ކަރަންޓު އުފެއްދުން ޓެކްސީ ކުރުން އަދި އަތޮޅުތަކަށް މުދާ އުފުލުމުގެ ހަރަދު ބޮޑުވެ ބޯޓްތަކުން ނަގާ ނާލު ފީ ބޮޑުކުރަން ޖެހެ އެވެ.
ދެވަނަ އަދި އެންމެ ނުރައްކާތެރި މައްސަލައަކީ ފަތުރުވެރިން އަންނަ މިންވަރު މިހާރު ވެސް %30ހަކަށް ވެއްޓިފައިވުމެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދަށް ބޭރު ފައިސާ ނުވަތަ ޑޮލަރު ވައްދައިދޭ މައިގަނޑު އިންޖީނެވެ. ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން، އިގްތިސާދުގައި ދައުރުވާ ޑޮލަރުގެ އަދަދު މަދުވެ އެވެ.
ޑޮލަރެއްގެ ރަސްމީ ރޭޓަކީ 15.42ރ. ނަމަވެސް، ވިޔަފާރިވެރިން މުދާ އެތެރެކުރަން ބޮޑެތި އަދަދުތަކުން ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުންނެވެ. ބޭސް، ކާބޯތަކެތި އަދި އިމާރާތްކުރާ ސާމާނު އެތެރެކުރުމަށް ވިޔަފާރިވެރިންނަށް މިހާރު ޑޮލަރު ހޯދަން ޖެހިފައި އޮންނަނީ، އެވްރެޖްކޮށް 20ރ.ގެ ރޭޓުންނެވެ. ޑޮލަރު މިހާ ބޮޑު އަގުގައި ގަނެގެން ތަކެތި އެތެރެކުރަން ޖެހުމުން އެ ބޮޑުވާ އަދަދު ފިހާރަތަކުގައި ހުންނަ މުދަލުގެ އަގަށް ނުލާ ވިޔަފާރިވެރިންނަށް ވިޔަފާރިއެއް ނުކުރެވޭނެ އެވެ. ޑޮލަރު ދައުރުވާ ވަރު މަދުވާ ވަރަކަށް، ޑޮލަރު ގަންނަން ލިބޭ އަގު 20ރ.އަށް ވުރެ މައްޗަށް ދިޔުމުގެ ފުރުސަތު މިހާރު އެބަ އޮތެވެ.
މިކަމަށް ކިޔަނީ އެކްސްޗޭންޖް ރޭޓް ޕާސް-ތްރޫ އެވެ. ރަސްމީ ރޭޓު ބަދަލުނުވި ނަމަވެސް، މުދާ އެތެރެކުރުމުގެ ހަރަދު ބޮޑުވުމުން ރާއްޖޭގައި އިމްޕޯޓެޑް އިންފްލޭޝަން އުފެދެ އެވެ. ކަޅު ބާޒާރުގައި ޑޮލަރު ރޭޓް ބޮޑުވާ ވަރަކަށް ފިހާރައިގެ ހަރުތަކުގައި ހުންނަ މުދާ ވިއްކާ އަގު ދާނީ މަތިވަމުންނެވެ.
މިކަންކަމުގެ އަސަރު އާންމުންގެ ޖީބަށް ކުރާނެ މިންވަރު ހިސާބުކުރުމަށް ރާއްޖެ ފަދަ ގައުމުތަކުގައި ބޭނުންކުރަން އެންމެ ރަނގަޅު އެއް މޮޑެލްއަކީ "އޮގްމެންޓެޑް ފިލިޕްސް ކާވް" މޮޑެލް އެވެ. އެއީ: 
އެ ފޯމިއުލާގައި ބަލާފައި އެ ވަނީ މާދަމާ ތަކެތީގެ އަގު ހުންނާނެ މިންވަރު ބިނާވާ މައިގަނޑު 4 ކަމެއްގެ މައްޗަށެވެ. އެއީ:
ކުރިން ތަކެތީގެ އަގު ހުރިވަރު 
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭ މިންވަރު
ރާއްޖޭގެ އެތެރޭގައި މުދަލަށް އޮތް ޑިމާންޑް 
ހަގީގީ އެކްސްޗޭންޖް ރޭޓް
ބޭރު ފައިސާގެ އަގަށް އަންނަ ބަދަލު ހިސާބުކުރާއިރު ރަސްމީ ރޭޓުން 15.42ރ. ހިސާބެއް ނުކުރެވޭނެ އެވެ. މައްސަލައަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރާއްޖޭގައި އަބަދު ވެސް ރަސްމީ ރޭޓަށް ވުރެ މަތީގައި ހުރުމެވެ. އެހެންވެ ޑޮލަރުގެ ހަގީގީ ރޭޓް ހިސާބުކުރަނީ މިގޮތަށެވެ. އެއީ: 
ފަތުރުވެރިކަން ދަށްވުމުން ރާއްޖެއަށް ލިބޭ ޑޮލަރު މަދުވެ ބޭންކުތަކުން ވެސް ޑޮލަރު ހޯދަން މިހާރަށް ވުރެ ވެސް ވިޔަފާރިތަކަށް އުނދަގޫވެ އެވެ. ބޮޑު އަގުގައި ކަޅުބާޒާރުން ގަންނަންޖެހޭ ޑޮލަރު ގިނަވުމުން މުދާ އެތެރެކުރަންދާ ޖުމްލަ ހަރަދު މައްޗަށް ދެ އެވެ.
މިކަމުގެ އަސަރު އާންމުންނާ ހަމައަށް ފޯރަނީ މައިގަނޑު 3 މަރުހަލާއަކުންނެވެ އެއީ: 
ވަގުތުން: ޕެޓްރޯލް އަދި ޑީސަލްގެ ރީޓެއިލް އަގު ބޮޑުވުން
1-3 މަސް ތެރޭގައި: ދޯނިފަހަރާއި ބޯޓުފަހަރު ދުއްވުމުގެ ހަރަދު ބޮޑުވުމުން އަތޮޅުތަކަށް ގެންދާ މުދަލުގެ ފްރެއިޓް ޗާޖް ބޮޑުވުން
3-6 މަސް ތެރޭގައި: ކަރަންޓާއި ދަތުރުފަތުރުގެ ހަރަދު ބޮޑުވުމުން، ފިހާރަތަކުން އާއްމުކޮށް ގަންނަ ކާބޯތަކެއްޗާއި އެހެނިހެން މުދަލުގެ އަގު ބޮޑުކުރުން
އިންފްލޭޝަނަކީ އަތުގައި ފައިސާ ކާލާ އެއްޗެކެވެ. މާނައަކީ ފައިސާގެ އަގު އެކަމުން ދަށްވެގެން ދެ އެވެ. އޭގެން އާންމު މީހާގެ ދިރިއުޅުމުގެ ފެންވަރަށް އަސަރު ކުރެ އެވެ.
މިސާލަކަށް ރެޑްވޭވް ނުވަތަ ކަންމަތީ ފިހާރައިން މިއަދު 500ރ.އަށް ގަންނަ ތަކެތި (ކުކުޅު، މައިލޯ، ތެޔޮ، ބިސް، ފިޔާ، އަލުވި) އަހަރު ނިމޭއިރު ގަންނަން ލިބޭނެ އަގުތައް އިގްތިސާދީ މިންގަނޑުތަކުން ހިސާބުތަކުން ދައްކަނީ މިހެންނެވެ:
ސިނާރިއޯ އޭ (މެދު-މިންވަރެއްގެ ތާށިކަމެއް): އިންފްލޭޝަން %7.5 - %9.5އަށް ދިއުމުން، ކުރިން 500ރ. ގަތް ތަކެއްޗަށް މިހާރު 538 އާއި 548ރ.އާ ދެމެދުގެ އަދަދެއް ހަރަދުވާނެ އެވެ. 500ރ. އިން ނުފުދޭތީ، މަޖުބޫރުވާނީ މައިލޯ ކަހަލަ އެއްޗެއް ނުގަނެ ދޫކޮށްލާށެވެ. ނުވަތަ ފެންވަރު ދަށް މުދާ ގަންނާށެވެ. ހަރަދުކުރަން ޖެހޭ ފައިސާއެއްވަރެއްގައި ހުރި ނަމަވެސް، ލިބޭ އެއްޗެހި މަދުވީ އެވެ.
ސިނާރިއޯ ބީ (ސްޓެގްފްލޭޝަންގެ ނުރައްކާ): ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، އިންފްލޭޝަން %12 - %18އަށް އަރައިފި ނަމަ، ހަމަ އެ ތަކެއްޗަށް 560 އާއި 590ރ.އާ ދެމެދުގެ އަދަދެއް ހަރަދުކުރަން ޖެހޭނެ އެވެ. އިތުރަށް މިދާ 60 ނުވަތަ 90ރ.އަކީ ހަނގުރާމަ އާއި ޑޮލަރުގެ ތާށިކަމާ ހެދި ޖީބުން ނަގާ "ފޮރުވިފައިވާ ޓެކްސް" އެކެވެ.
މިއީ ހަމައެކަނި އެންމެ ފަހަރަކު ފިހާރައަށް ގޮސް ކުރާ ވިޔަފާރި އެވެ. މަހެއްގެ މައްޗަށް ކާބޯތަކެއްޗަށް 5,000ރ. ހަރަދުކުރާ އާއިލާއަކަށް، ހަމަ އެތަކެތި ގަތުމަށް ސިނާރިއޯ ބީ ގެ ދަށުން މަހަކު އިތުރަށް 600 އާއި 900ރ. ބޭނުންވާނެ އެވެ. މުސާރައަށް އެއްވެސް ކުރިއެރުމެއް ނުލިބި މިގޮތަށް ތަކެތީގެ އަގު ބޮޑުވާ ނަމަ އަތުގައި ހުންނަ ފައިސާއިން ގަނެވޭ ތަކެތި މަދުވެ އެވެ. އަދި ހަރަދުތައް ފޫ ނުބެއްދޭ ހިސާބަށް ދެ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު %0.4ގެ ދަށް އިންފްލޭޝަން ރޭޓް މިހާރު މިވަނީ މާޒީވެފަ އެވެ. ކުރިއަށް އޮތް މަސްތަކުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ހަމައެކަނި ތެލުގެ އަގަށް ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތާ މެދު ވެސް ވިސްނަން ޖެހެ އެވެ. ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު ރަނގަޅުހާ ހިނދަކު، މި އިންފްލޭޝަންގެ ރޯޅިން ސަލާމަތްވުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަން މަޑުޖެހިއްޖެ ނަމަ، ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ