އެމެރިކާއާ ސުލްހަވާން އީރާން އޮތީ ކެތްމަދުވެފައި، އެކަން ކުރަން ނުކުރިގެން އުޅެނީ ބިރުން: ޓްރަމްޕް

ހަނގުރާމަ ހުއްޓާލައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރަން އީރާނުގެ ވެރިން ބިރުގަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.
ޔޫނިއަން ސްޓޭޝަންގައި ރޭ ބޭއްވި ރިޕަބްލިކަން ޕާޓީގެ ހަފުލާއެއްގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ، އީރާނުން މިހާރު އޮތީ ހަނގުރާމަ ހުއްޓާލައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރަން ކެތްމަދުވެފައި ކަމަށެވެ. އެކަމަކު އީރާނުގެ ވެރިން އެކަމަށް ފާޅުގައި އެއްބަސްވާން ބިރު ގަންނަ ކަމަށާއި އެއީ އަމިއްލަ ރައްޔިތުން ނުކުމެ އެ މީހުން މަރާލަފާނެތީ ނުވަތަ އެމެރިކާގެ ހަމަލާއެއްގައި މަރުވެދާނެތީ ކަމަށް ޓްރަމްޕް ބުންޏެވެ.
ޓްރަމްޕް މިހެން ބުނެފައި މިވަނީ، ހަނގުރާމަ ހުއްޓާލަން އެމެރިކާ އިން ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭނަކީ ހައްދުފަހަނަޅާފައިވާ އެއްޗެއް ކަމަށް ބުނެ އީރާނުން އެއަށް އިންކާރު ކުރުމުންނެވެ.
އީރާނުން އެހެން ބުނުމުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ބުނީ، ޓްރަމްޕަކީ ބޭކާރު އިންޒާރު ދޭ މީހެއް ނޫން ކަމަށާއި އީރާނުން މި ބަލި ގަބޫލުނުކޮށްފިނަމަ އެ ގައުމަށް ”ނަރަކަ“ ދައްކާލަން ޓްރަމްޕް ހުރީ ތައްޔާރަށް ކަމަށެވެ. އަދި ދުވަހަކުވެސް ނުދޭވަރުގެ ވަރުގަދަ ހަމަލާތަކެއް އީރާނަށް ދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
”އޮޕަރޭޝަން އެޕިކް ފިއުރީ“ގެ ނަމުގައި އެމެރިކާ އާއި ޔަހޫދީ އިޒްރޭލު އިސްވެ އޮވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ހަތަރު ހަފުތާ ވެފައިވާއިރު، އެމެރިކާއިން ދަނީ އެ ސަރަހައްދަށް އިތުރު ސިފައިން ފޮނުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ