ޔާމީންގެ އެއް މިލިއަން ޑޮލަރު ހިފެހެއްޓި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިމި ހުކުމަކާ ހަމައަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ހޯދުމަށް އެ މަނިކުފާނު ދައުވާ ކުރައްވާ މައްސަލައާ ގުޅޭ އިސްތިއުނާފުގެ އަޑުއެހުންތައް ދެވަނަ ފަހަރަށް ހައި ކޯޓުން ނިންމާލައިފި އެވެ. އެ މައްސަލަ ބަލަމުން އައި ހައި ކޯޓުގެ ބެންޗަށް ބަދަލުތަކެއް ވަނީ އަައިސްފަ އެވެ. އިސް ފަނޑިޔާރެއްގެ ގޮތުގައި ފަނޑިޔާރު އަބްދުالله ޖަމީލު ހުންނެވިއިރު ދެން ތިއްބެވީ ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.ޔާމީންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ އެ ފައިސާ ބޭންކުން ހިފަހައްޓާފައިވަނީ އެސްކްރޯ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުމަށް އަދުލުވެރި ބަދަލެއްގެ ގޮތުގައި އެ ފައިސާއާއެކު، އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓުގައި ބެހެއްޓިނަމަ ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދުގެ ފައިސާ ދިނުމަށް އެންގުމަށެވެ.ބީއެމްއެލުން ސިވިލް ކޯޓަށް ހުށަހެޅި އިއުތިރާޒަކީ، އެ ބޭންކަކީ އެ މައްސަލައިގެ ބައިވެރިއެއް ނޫން ކަމަށް ބުނެ ހުށަހެޅި އިއުތިރާޒެކެވެ. ތަހުގީގުގެ ބޭނުމަށް އޭސީސީން އެދިގެން އެ ފައިސާ ޖަމާކޮށްފައިވަނީ އެ ކޮމިޝަނުގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލް ކަރަންޓު އެކައުންޓަކަށް ކަން ބޭންކުން ފާހަގަކުރި އެވެ. އެހެންވެ އެ ދައުވާ ރައްދު ވާން ޖެހޭނީ ހަމައެކަނި އޭސީސީއަށް ކަމަށް ބޭންކުން ވަކާލާތުކޮށްފައިވެ އެވެ.ނަމަވެސް ސިވިލް ކޯޓުން ނިންމީ ބީއެމްއެލްގެ އިއުތިރާޒު ބަލައިނުގަތުމަށެވެ. އަދި ސިވިލް ކޯޓަށް އެ ބޭންކު ވެސް ހިމެނޭ ގޮތަށް އެ މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިފައިވާ ކަމަށެވެ. އެ ގޮތަށް ސިވިލް ކޯޓުން ނިންމީ ފެބްރުއަރީ 20، 2024، ގަ އެވެ. ނަމަވެސް އެ މައްސަލާގައި ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން ބޭންކުން ދިޔައީ ހައިކޯޓަށެވެ. ބޭންކުން ބުނިގޮތުގައި އެސްކްރޯ އެކައުންޓްގައި ހުރި ފައިސާ ދޫކުރެވޭނެ ގޮތްތައް ޔާމީނާއި އޭސީސީއާ ދެމެދު ހެދި އެއްބަސްވުމުގައި އެބައޮތެވެ. އެހެންވެ، އެ ފައިސާ ހޯދަން އެންމެ ފުރަތަމަ ދައުވާ ކުރިޔަސް ކުރަން ޖެހޭނީ އޭސީސީގެ މައްޗަށް ކަމަށާއި ނަމަވެސް ޔާމީންގެ ފަރާތުން އެ ފައިސާ ހޯދަން އެންމެ ފުރަތަމަ ދައުވާކުރީ ވެސް ބޭންކުގެ މައްޗަށް ކަމަށާއި އަދި އޭސީސީގެ މައްޗަށް ދައުވާކުރީ ފަހުން ކަމަށް ބޭންކުގެ ވަކީލުން ބުންޏެވެ.ބޭންކުގެ ވަކީލުން ބުނިގޮތުގައި ކަސްޓަމަރުންގެ އެކައުންޓްގައި ހުންނަ ފައިސާ އެ ފަރާތުގެ ހުއްދަ ނެތި އެހެން މީހަކަށް ދޫ ކުރުމުގެ ހައްގެއް ބޭންކަކަށް ނޯންނާނެ އެވެ. އެހެންވެ، ބޭންކުން އެދުނީ އެ މައްސަލާގައި ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި ދިނުމަށެވެ.މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ނިމިފައި މިވަނީ އިސްތިއުނާފު ކުރިތާ ގާތްގަނޑަކަށް ދެ އަހަރުވާން ކައިރިވެފައި ވަނިކޮށެވެ."އިތުރު ކަމެއް ސާފުކުރަން ނެތިއްޔާ ދެން މި މައްސަލާގައި އަޅުގަނޑުމެން އަޑުއެހުމެއް ބާއްވާނީ މައްސަލަ ނިންމުމަށްޓަކައި،" ބެންޗުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ފަނޑިޔާރު ޖަމީލް ވިދާޅުވި އެވެ.މައްސަލައިގެ ނިޔާ ކަނޑައެޅުމަށް ބާއްވާ އަޑުއެހުން އޮންނަ ތާރީހެއް ފަނޑިޔާރު އިއުލާނެއް ނުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ