މުހައްމަދު ހާލިދަކީ ކުރީގެ އަތޮޅުވެރިއެކެވެ. ޕްރިންސިޕަލެކެވެ. ޓީޗަރެކެވެ. ސްކައުޓު ހަރަކާތް ކުރިއެރުވުމުގައި 25 އަހަރު މަސައްކަތް ކުރެއްވި އެވެ. އެހެންވެ، ގިނަ ބަޔަކު ދެކޭގޮތުގައި އޭނާގެ ދާއިމީ ވަކިވުމާއެކު ގައުމަށް ގެއްލުނީ އެތައް ދާއިރާއެއްގެ ހިދުމަތްތެރިއެކެވެ.
"ހިތަށް އެރީ އަދި ތަންކޮޅެއް ގިނަ ދުވަހު ދުނިޔޭގައި ހުންނެވި ނަމަ، ހިއްސާކުރައްވާނެ ހާދަ ތަޖުރިބާތަކެއް ހުންނާނޭ،" މުހައްމަދު ހާލިދުގެ ކޮއްކޮ ޕީއެސްއެމްގެ ކުރީގެ އެމްޑީ އަލީ ހާލިދު ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން އެންމެންނަށް ވެސް ލިބުނު ބޮޑު ހިތާމައެއް."
ރާއްޖޭގެ ސްކައުޓް ޖަމިއްޔާގެ ކުރީގެ ޗީފް ކޮމިޝަނަރު އަދި ޕާމަނަނެންޓް މެމްބަރު މުހައްމަދު ހާލިދު، 65، މިއަދު އަވަހާރަވީ ކުޑަ ދުވަސްކޮޅަކު ބަލިވެ އުޅުއްވުމަށް ފަހު ނިއުމޯނިއާގައި ހާލު ދެރަވެގެންނެވެ. އޭނާގެ ޖަނާޒާ އާސަހަރާގައި ވަނީ ބާއްވާފަ އެވެ.
މުހައްމަދު ހާލިދު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ދިވެހި ސްކައުޓު ކުރި އެރުވުމަށް އޭނާ ކުރެއްވި މަސައްކަތުންނެވެ. ދިވެހި ސްކައުޓު ޖަމިއްޔާއިން ބުނިގޮތުގައި، ސްކައުޓު ލީޑަރުން ތަމްރީނުކޮށް، އެ މީހުން ކުރިއެރުވުމަށް ހާލިދު ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެތަނުގެ އެކި މަގާމުތަކުން ފެށިގެން އެންމެ އިސް މަގާމު ފުރުއްވައި އެ ޖަމިއްޔާއަށް ގިނަ ކުރިއެރުންތައް ހޯއްދަވައިދެއްވި ކަމަށް ބުންޏެވެ.
މުހައްމަދު ހާލިދު ކުރެއްވީ ވ. އަތޮޅުގެ އަތޮޅުވެރިކަމެވެ. އޭގެ ފަހުން ފެނުނީ ތައުލީމީ ދާއިރާއިންނެވެ. ރާއްޖޭގެ ރަށްރަށުގެ ސްކޫލްތަކުގެ ޕްރިންސިޕަލްކަމާއި ޓީޗަރުކަން އަހަރުތަކެއް ވާންދެން ކުރެއްވި އެވެ. މެދުނުކެނޑި 30 އަހަރު އޭނާގެ ހިދުމަތް ގައުމަށް ލިބުނެވެ.
އަލީ ވިދާޅުވި ގޮތުގައި އޭނާގެ ބޭބެއަކީ ގިނަ ވަގުތުތަކެއް ޒުވާނުންނާ އެކު ހޭދަކުރެއްވި، އެ މީހުންނަށް ގިނަ ކަންކަން ދަސްކޮށްދިނުމުގައި އުޅުއްވި ބޭފުޅެކެވެ. އަބަދުވެސް އުޅުއްވީ މީހުންނަށް ކަންކަން ދަސްކޮށްދެއްވުމުގައި ކަމަށް ވިދާޅުވި އެވެ. ސްކައުޓުންގެ އިތުރުން މީޑިއާގެ ޒުވާނުންނާއެކު ވެސް ވަގުތު ހޭދަކުރައްވައި ތަޖުރިބާ ހިއްސާ ކުރެއްވި ކަމަށް އަލީ ވިދާޅުވި އެވެ.
ބެއިރޫތުން ކިޔަވާ ވިދާޅުވި މުހައްމަދު ހާލިދުގެ ހިދުމަތް، އިޖްތިމާއީ އެކި ދާއިރާތަކުން ވެސް ވަނީ ފެނިފަ އެވެ. އޭނާގެ ހިދުމަތްތައް، އެކި ބޭފުޅުން މިއަދު ވަނީ ފާހަގަކުރައްވާފަ އެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މަދުރަސީ ދައުރުން ފެށިގެން ދައުލަތުގެ އެތައް މަގާމެއް އަދާކުރެއްވި ހާލިދުގެ އެ މަސައްކަތްތައް ދުށުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ.
"އެއީ މަތިވެރި، ގައުމީ ހިދުމަތްތަކެއް،" ޝާހިދު ވިދާޅުވި އެވެ.
މުހައްމަދު ހާލިދު: ވަކިވެ ދިޔައީ އެތައް ގޮތަކުން ހިދުމަތްތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ