ބީއެމްއެލުން ފަންޑުކޮށްގެން އަޅާ 3،000 ފުލެޓުގައި ކުރިއަށް އޮތް ދެ އަހަރުތެރޭ އުޅެވޭ ވަރު ވާނެ: މުއްޠަލިބު
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މި ސަރުކާރުން އިމާރާތްކުރާ 7،900 ފުލެޓުގެ ތެރެއިން ގައުމީ ބޭންކު ބީއެމްއެލުން ފަންޑުކޮށްގެން އިމާރާތްކުރާ 3،000 ފުލެޓަށް މި ދައުރު ނިމުމުގެ ކުރިން ވަދެވޭނެ ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިރޭ ވިދާޅުވެއްޖެއެވެ. މި ސަރުކާރުން ވަނީ މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ "ބޯހިޔާވަހިކަން އެންމެންނަށް"ގެ ނަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ތައާރަފުކޮށް، މިދިޔަ އާދީއްތަ ދުވަހު 7،900 ފުލެޓަށާއި 15،000 ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފައެވެ. އޭގެ ތެރެއިން 3،000 ފުލެޓެއް އަޅަން ހަވާލުކުރީ ބީއެމްއެލުން ބޯހިޔާވަހިކަމަށް ޚާއްސަކޮށް އުފެއްދި ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑެބުލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑަށެވެ. https://sun.mv/213860 ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއްޠަލިބު ވިދާޅުވީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ބައިވެރިވުމަށް ހުޅުވާލިތާ ދެ ދުވަހުގެ ތެރޭ 677 ފަރާތަކުން ފޯމު ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން ގޯއްޗަށް އެދި 221 މީހަކު ފޯމު ހުށަހެޅިއިރު، 416 މީހަކު ފުލެޓަށް ހުށަހެޅި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރައީސް މުއިއްޒާއި ހައުސިން މިނިސްޓަރު މުއްޠަލިބު -- ފޮޓޯ/ ރައީސް އޮފީސް މުއްޠަލިބު ވިދާޅުވީ ގައުމީ ބޭންކު، ބީއެމްއެލުން ފަންޑުކޮށްގެން ފަށާ 3،000 ފުލެޓުގެ މަސައްކަތް ނިންމައި އެތާ ދިރިއުޅެވޭ ވަރު ކުރެވޭނެ ކަމަށާއި، އެހެން ގައުމުތަކުގެ އެހީތެރިކަމާއެކު އަޅާ ފުލެޓުތަކުގެ މަސައްކަތް ނިންމައި މި ދައުރު ނިމުމުގެ ކުރިން އެ ތަންތަނަށް ރައްޔިތުން ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. ހަމަ އެއާއެކު އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ގުޅީފަޅުގައި އިމާރާތްކުރާ 4،000 ފުލެޓުގެ މަސައްކަތްތައް މިއަހަރުގެ މެދުތެރޭ ފެށޭނެ ކަމަށާއި، ސަޢޫދީ ޢަރަބިއްޔާގެ އެހީތެރިކަމާއެކު އިމާރާތްކުރާ 400 ފުލެޓަކާއި، އިންޓްރެސްޓް ފްރީ ލޯނެއްގެ ތެރެއިން ޗައިނާއިން އިމާރާތްކުރާ 500 ފުލެޓުގެ މަޝްރޫއެއް ވެސް އެބައޮތް ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، މި ސަރުކާރުން އަޅާ 7،900 ފުލެޓަކީ މިހާރުވެސް ޔަގީންވެފައި ހުރި އަދަދަށް ވުރެ މަދު އަދަދެކެވެ. މި ސަރުކާރު ވެގެން ދާނީ އިރާދަކުރެއްވިއްޔާ ސަރުކާރަކުން ފަށާ ހައުސިން ޕްރޮޖެކްޓެއް ނިންމައި ރައްޔިތުންނަށް އެތާ ދިރިއުޅެން ފަށަން ފުރުސަތުދޭ ފުރަތަމަ ސަރުކާރަށޭ 2008ގެ ފަހުން، މީގެ ކުރިން އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން އިމާރާތްކުރަން ފެށި ފުލެޓުތަކުގެ މަސައްކަތް ނިންމައި އެ ދައުރެއްގެ ތެރޭގައި ދިރިއުޅެން ފަށަން ފުރުސަތު ދެވިފައެއް ނެތް،ޢަބްދުالله މުއްޠަލިބު - ހައުސިން މިނިސްޓަރު މިކަމާ ގުޅޭ އެއްބަސްވުމުގައި ބީއެމްއެލުން ސޮއިކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ރަސްމީކޮށް އިފްތިތާހުކުރުމުގެ ތިން ދުވަސް ކުރިންނެވެ. https://sun.mv/216827 ބީއެމްއެލް އެފޯޑެބުލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބީއެމްއެލުން ކުންފުންޏެއް އުފެއްދީ ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކެބިނެޓުން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އިއުލާންކުރި، ނެޝަނަލް ހައުސިން އެފޯޑެބުލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓުގެ ދަށުންނެވެ. އެ ސިޔާސަތުގެ ދަށުން މާލީ އިދާރާތަކާ ގުޅިގެން، ލީސް ޓު އޯން ނުވަތަ ކުއްޔަށް ދިރިއުޅުމަށް ފަހު އަމިއްލަ ކުރެވޭ މޮޑެލްގެ ދަށުން އާންމުންނަށް ހައުސިން ޔުނިޓު ދޫކުރުމަށް ވަނީ ނިންމައިފައެވެ. އެ ސިޔާސަތު ތަންފީޒު ކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ގަވައިދެއް އެކުލަވާލައިފައެވެ. އެ ގަވައިދުގެ ދަށުން، އެމްއެމްއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގެ ކޮންމެ ބޭންކަކުން ވެސް އެ ބޭންކެއްގެ ލޯން ޕޯޓްފޯލިއޯގެ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް ސަރުކާރުގެ ހައުސިން ސްކީމަށް ޚާއްސަކުރަން ޖެހޭނެއެވެ. ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް --- ފޮޓޯ: ބީއެމްއެލް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އެ ދުވަހު ވިދާޅުވީ، އެ ގަވައިދު އިއުލާންކުރުމާއެކު، ގައުމީ ބޭންކުގެ ހައިސިއްޔަތުން ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް އިސްނެގި ކަމަށެވެ. އެހެންވެ، އެމްއެމްއޭގެ ހުއްދައާއެކު ސަބްސިޑަރީ ކުންފުނި އުފެއްދި ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެ ކުންފުނިން ހައުސިން ޔުނިޓުތައް ތަރައްގީކޮށް، ކުއްޔަށް ދޭ މުއްދަތު ހަމަވުމުން މިލްކު ކުރެވޭ ގޮތަށް މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ މޮޑެލް ބޭނުންކުރުމުން ވަރަށް ބޮޑަށް ޚަރަދު ކުޑަވާނެ ކަމަށާއި ބޭންކަށް އޮންނަ ހިރާސްތައް ވެސް ކުޑަވާނެ ކަމަށެވެ. "އެއީ މީގެ ލޭންޑް ކޯސްޓް، ފައިނޭންސިން ކޯސްޓް އަދިވެސް ޑިވެލޮޕްމެންޓް ކޯސްޓް މިފަދަ އެތައް ކޯސްޓްތަކެއް ކުޑަކުރުމުގެ ގޮތުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ބޮޑުތަން އަގުހެޔޮ ވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބީއެމްއެލްއަކީ އަބަދުވެސް ބާރު ސްޕީޑުގައި މަސައްކަތްތައް ނިންމާ ބޭންކެއް ކަމަށާއި، އެގޮތުން މި މަޝްރޫއު ވެސް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ. އެ ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓުތައް ދޭނީ ސަރުކާރުން އިޢުލާނުކުރާ ޕްރޮގްރާމަށް ކުރިމަތިލާ މީހުންނަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ