ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލެވޭ ގޮތް ހެދީ ގާނޫނާ ޚިލާފަށް: ޣަފޫރު
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކުރިން ހދ. ހަނިމާދުއަށް ބަދަލުކުރަން ނިންމި އެ އަތޮޅު ހިރިމަރަދޫ ރައްޔިތުން، ހަނިމާދުއަށް ވޯޓުލާން ޖެހޭ ގޮތަށް ނިންމުމަކީ ގާނޫނާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް، އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ. 'އެކްސް'ގައި ޣަފޫރު މިފަދައިން ޕޯސްޓެއް ކުރައްވާފައި ވަނީ އާބާދީ ވަރަށް މަދު ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ނިންމަވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގަރާރެއް ނެރުއްވާފައި ވަނިކޮށެވެ. "ލޯކަލް ކައުންސިލް އިންތިޚާބު ހިރިމަރަދޫގައި ނުބާއްވައި، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި ވޯޓުލާން ޖެހޭ ގޮތަށް މިއަދު ނިންމި ނިންމުމަކީ ކަނޑައެޅިގެން ގާނޫނާ ޚިލާފު ނިންމުމެއް،" އޭނާ ލިޔުއްވާފައިވެއެވެ. https://x.com/mpgapo/status/2005916039373283356 މީގެ ހަފުތާއެއް ކުރިން ޣަފޫރު ވަނީ ހިރިމަރަދޫގެ ކައުންސިލް އުވާލައި، ހަނިމާދޫ ކައުންސިލަށް ވޯޓުލާން ގާނޫނުތަކާ ޚިލާފަށް ނިންމާފައިވާ ކަމަށް ތުހުމަތުވެސް ކުރައްވައިފައެވެ. ރައީސް ނެރުއްވި ގަރާރާ ގުޅޭގޮތުން ހިރިމަރަދޫ ކައުންސިލްގެ ބަހެއް ހޯދަން 'ސަން'އިން ތަކުރާރުކޮށް ގުޅުމުންވެސް، ކައުންސިލްގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ. މިހާރު އެންމެ 200އެއްހާ މީހުން އުޅެމުންދާ, 589 މީހުންގެ ރަޖިސްޓްރީއެއް އޮންނަ ހިރިމަރަދޫގައި ހަތަރު މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަން ހަވާލުކުރިތާ އެއް މަސް ފަހުން، އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ރަސްމީކޮށް ނިންމަވައި ރައީސް ގަރާރެއް ނެރުއްވީ މިއަދެވެ. https://sun.mv/216052 އެ ގަރާރުގައިވާ ގޮތުން، ގަރާރުގެ ބޭނުމަކީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ ހަނިމާދޫ ކަމަށް ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ. އޭރުން އަންނަ ކައުންސިލް އިންތިޚާބަށް ފަހު، ހިރިމަރަދޫ ފަޅުވަންދެން އެ ރަށުގެ ކަންކަން ބަލަހައްޓަން ޖެހޭނީ ހަނިމާދޫ ކައުންސިލެވެ. ގަރާރާއެކު، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓްރީކޮށް ނިމުމުން، އެ ރަށަކީ ފަޅު ރަށެއް ކަމަށް ކަނޑައަޅާނެއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށް، ގަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެ ލިސްޓު ވަނީ ހިމަނުއްވައިފައެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެކަން ސަރުކާރުން އާންމުކޮށް އިއުލާނުކުރާ ތާރީޚުން ފެށިގެން ކަމަށް ގަރާރުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ