މިއަދު ބޮޑު ކުރި މަސްދަޅުގެ އަގު ކުރިން ހުރި އަގަށް ހެޔޮކޮށްފި

މިފްކޯގެ ތެޔޮ މަސްދަޅު ވިއްކާ އަގު މިއަދުން ފެށިގެން ބޮޑު ކުރުމަށް ފަހު އެ ނިންމުން ބަދަލުކޮށް އަނެއްކާ ވެސް ކުރިން ހުރި އަގަށް ހެޔޮކޮށްފި އެވެ.
ވީ ކިހިނެއް؟ - ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށް ބުނެ މިފްކޯގެ ފިހާރަތަކުން މިއަދުން ފެށިގެން ތެޔޮ މަސް ދަޅު ވިއްކާ އަގު ބޮޑު ކުރިކަން އިއުލާން ކުރީ މިއަދު މެންދުރެއް ހާއިރު އެވެ. އެގޮތުން:
ކުރިން 17.5ރ.އަށް ވިއްކި ތެޔޮ މަސް ދަޅު  18.5ރ.އަށް ބޮޑު ކުރި؛ މިއީ، 1ރ.ގެ ބޮޑު ވުމެއް
ކުރިން 769ރ.އަށް ވިއްކި ތެޔޮ މަސްދަޅު ކޭސް މިހާރު 800ރ.އަށް ބޮޑު ކުރި؛ މިއީ 40ރ.ގެ ބޮޑު ވުމެއް
ނަމަވެސް މިއަދު އިރުއޮއްސުނު ފަހުން މިފްކޯއިން ވަނީ ކުރިން ހުރި އަގަށް މަސްދަޅު ވިއްކަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.
ތަފްސީލު - މިފްކޯގެ ޕީއާރު މެނޭޖަރު ޝިފްޒާ މުސްތަފާ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ:
މިފްކޯއިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، "ރައްޔިތުންގެ  ހިޔާލާއި  ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިއާޔަތްކޮށް"، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް
އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ 
ފާހަގަކޮށްލޭވޭ - މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅު މެދުއިރުމަތީގައި ފަށާފައިވާ އީރާން ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ބޮޑު ލޮޅުމެއް މުޅި ދުނިޔެއަށް ކުރިމަތިވެ، އެ ވަގުތުން ފެށިގެން ގައުމުތަކުން ދިޔައީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބު ބޯމަތީގައި އޮތުމުން ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ބޮޑު ފިޔަވަޅުތައް އޮތީ ނާޅަ އެވެ.
މިހާރު އިންތިހާބު ނިމި، ސަރުކާރު ކުންފުނިތަކުން ވަނީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާފަ އެވެ.
އިންތިހާބުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އިންތިހާބު ނިމިގެން ހަރަދު ކުޑަ ކުރުމަށްޓަކައި ތަންފީޒު ކުރުމަށް ފެށުމަށް ބާއްވާފައި އޮތް ފިޔަވަޅެއް ނުހުންނާނެ ކަމަށެވެ. ނަމަވެސް ހާލަތާ އެއްގޮތަށް އޭރު ވެސް ފިޔަވަޅުތައް  އަޅަމުންދާ ކަމަށް އޭރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ