އިންޑިއާގެ ޒުވާން ގައުމީ ޓީމުގައި ތިބީ ވަރަށް އުންމީދީ ކުޅުންތެރިން ކަމަށާއި، ސަރަހައްދީ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ އިންޑިއާގެ ތަރި ސުނިލް ޗެތުރީގެ ލެގަސީ ދަމަހައްޓާނެ ކަމަށް އިންޑިއާގެ ކޯޗު މަހޭޝް ގަވާލީ ބުނެފިއެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ބޫޓާން އަތުން ހޯދި މޮޅަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ކޯޗު ބުނީ ހުރިހާ ކުޅުންތެރިންނަކީވެސް ވަރަށް އުންމީދީ ކުޅުންތެރިން ކަމަށެވެ. ވަކިން ހާއްސަކޮށް ނުވަ ނަމްބަރު، އޮމަންގް ޑޮޑަމްއަކީ ކުރިއަރުވަން ބޭނުންވާ މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި އެއީ އިންޑިއާގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ސަހްޝިއްޔަތު، ސުނިލް ޗެތްރީގެ "ލެގަސީ" ދަމަހައްޓާނެ ކުޅުންތެރިއެއް ކަމަށެވެ.
"އެއީ ވަރަށް ހަނގު ކުޅުންތެރިއެއް. އަހަރުމެން ބޭނުން އޭނާ ކުރިއަރަން، އަދި ސުނިލް ޗެތުރީގެ ލެގަސީ ކުރިޔަށް ގެންދަން" ކޯޗު ބުންޏެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި އިންޑިއާއިން ލީޑު ނެގީ ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި އޮމަންގް ޑޮޑަމް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ދެވަނަ ލަނޑު ފެނިގެންދިޔައީ ޖެހީ ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށެވެ. އޮމަންގް ޑޯޑަމް ނަގައިދިން ހުރަހެއްގައި މުޅިން ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމްޑީ އަރްބާސް އެވެ.
އަދި ދެވަނަ ހާފްގެ ކުރީކޮޅު ނަތީޖާ 0-4 އަށް ބަދަލުކޮށްދީނީ ދެ ލަނޑު ކާމިޔާބު ކޮށްދިން ރޯހެން ސިންގްއެވެ. ފަސްވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިފަހުން ދެއްކި އިތުރު ވަގުތުގެ ތެރޭގައި އެމް.އެސް. ތޮކްޗޮޕް އެވެ.
5-0 ގެ ނަތީޖާއަކުން ހޯދި މިމޮޅާއެކު އިންޑިއާ ފައިނަލަށް ނިކުންއިރު ކޯޗު ބުނީ ހުރިހާ މެޗަކީވެސް މުހިންމު މެޗެއްކަމަށާއި، އެއްވެސް މެޗަކީ ފަސޭހަ މެޗެއް ނޫންކަމަށެވެ. އަދި ފައިނަލުގައި ވާދަކުރަން ޖެހޭ ޓީމަކީ ވަރަށް ހުނަރުވެރި ޓީމެއް ކަމަށާއި، އެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ.
"ގްރައުންޑައި މެޗުގެ ކޮންޑިޝަނަށް ބަލާފަ އިންގޭނީ އަހަރުމެން ކުޅޭނެ ގޮތެއް، ފައިނަލްގައި ވާދަކުރަން ޖެހޭ ޓީމު، ބަންގްލަދޭޝް އެއީ ވަރަށް އެގްރެސިވް ސްޓައިލެއް، ވަރަށް ޓެލެންޓެޑް ސްޓައިލެއްގެ ކުޅުމެއް ކުޅޭ ޓީމެއް، ފަސޭހައެއް ނުވާނެ" ކޯޗު ބުންޏެވެ.
އަދި ފައިނަލު މެޗު ކުޅެން ޖެހޭނީ، ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކަމަށާއި އެހެންނަމަށް އިންޑިއާ ކުޅުންތެރިން މިހާރު ތިބީ އެކަމަށް ހޭނިފައި ކަމަށް ކޯޗު ބުންޏެވެ. އެހެންކަމުން ސަޕޯޓަރުން ގިނަވިޔަސް އިންޑިއާގެ ފޯކަސް ބަހައްޓާނީ ދަނޑުމައްޗަށް ކަމަށްވެސް ކޯޗު ބުންޏެވެ.
ގުރޫޕު ސްޓޭގައި އިންޑިއާ އާއި ބަންގްލަދޭޝް ނިކުތް މެޗުން ދެ ޓީމު ވަނީ 1-1 ން އެއްބަރުވެފައެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ ރަސްމީ ބޯޅަ ދަނޑުގައެވެ. އިންޑިއާއިން ވަނީ ސާފް ޗެމްޕިއަންޝިޕްގައި ދެ ފަހަރު، މި އުމުރުފުރާގެ ތަށި ހޯދާފައެވެ.
ޗެތުރީގެ ލެގަސީ ދަމަހައްޓާނެ: އިންޑިއާ ޒުވާން ޓީމުގެ ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ