ހދ. ކުޅުދުއްފުށްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ގެ ދަށުން، އެޗްޑީސީއާ ހަވާލުކޮށްގެން، އެ ސިޓީގައި ތަރައްގީކުރާ 2،000 ހައުސިން ޔުނިޓުގެ ބިންގާއަޅައިފިއެވެ.
ރޭ ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅައިދެއްވީ، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، މިނިސްޓަރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް އާއި، މިނިސްޓަރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް އަދި އެޗްޑީސީގެ މެނޭގިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓެޔާޑު) އަލީ ޒުހައިރު އާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާވޫދު އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދުގެ އިތުރުން، ޓީމްވަން އިންޑިޔާ ޕްރައިވެޓް ލިމިޓެޑް ގެ ޑިޒައިން ޑިރެކްޓަރު ބަޝީރު އަހްމަދު އުރަފާ އެވެ.
އާއިލީ ބޯހިޔާވަހިކަމަށް އިސްކަންދީގެން ބިންގާ އެޅިގެންދިޔަ އެ މަޝްރޫއުގެ ދަށުން، 14 ބުރީގެ މިކްސްޑް ރެސިޑެންޝިއަލް އިމާރާތްތަކުގައި 1856 ފްލެޓު ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެ ރަށުން ދޫކޮށްފައިވާ ގޯތިތަކުގައި އަމިއްލަ ގެދޮރު ތަރައްގީކޮށްދިނުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ ހުސް ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ.
ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއެވެ.
ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް، އެ ރަށުގައި 2،000 ހައުސިންގ ޔުނިޓު އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދެކެވެ. އެގޮތުން، އެ މަޝްރޫއު، ހައުސިން މިނިސްޓްރީގެ ފަރާތުން އެޗްޑީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ، މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ތަވަލާ އެއްގޮތަށް ނިންމައި، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ.
ބޯހިޔާވަހިކަން އެންމެންނަށް: ކުޅުދުއްފުށީ 2،000 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ