އޭޕްރިލް ފޫލްސްގެ ނަމުގައި ދޮގު މައުލޫމާތު ފަތުރާ މީހުންނަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ޝާރުޖާއިން އަދަބުތަކެއް ކަނޑައަޅައިފި އެވެ.
ޔޫއޭއީގެ ތިންވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ، ޝާރުޖާގެ ކަމާބެހޭ އިދާރާތަކުން ވަނީ ދޮގު މައުލޫމާތު ފެތުރުމަކީ ސީރިއަސް ކުށެއް ކަމަށާއި އޭޕްރިލް ފޫލްސްގެ ނަމުގައި ދޮގު ހެދުމަކީ މަޖަލަކަށް ކުރާ ކަމެއް ކަމަށް ބުނި ނަމަވެސް ގާނޫނީ ޒިންމާއިން ސަލާމަތް ނުވެވޭނެ ކަމަށެވެ.
ފިޔަވަޅުތަކުގެ ތަފުސީލު ދެމުން ޝާރުޖާ ޕަބްލިކް ޕްރޮސިކިއުޝަނުން ބުނީ، ޔޫއޭއީގެ ސައިބާ ކްރައިމްގެ ގާނޫނުގެ ދަށުން މީހަކު ކުރާ ޕޯސްޓަކަށް ގާނޫނީ ފިޔަވަޅު އަޅަނީ އެ މީހެއްގެ ނިޔަތަށް ބެލުމުގެ ބަދަލުގައި އެ ޕޯސްޓެއްގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރަށް ބަލައިގެން ކަމަށެވެ.
އެހެންކަމުން، އެޕްރީލް ފޫލްސްގެ ނަމުގައި ކުރާ ކަންކަމުގެ ސަބަބުން ވެސް އާންމުންގެ މެދުގައި ބިރުވެރިކަން ނުވަތަ އޮޅުންބޮޅުން އުފެދިއްޖެނަމަ، އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރެވޭނެ ކަމަށް ބުންޏެވެ.
އެގޮތުން ދޮގު މައުލޫމާތު ފަތުރާ މީހަކު އެއް އަހަރަށް ޖަލަށްލުމާއެކު އެއްލައްކަ ދިރުހަމް (420،694 ދިވެހި ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެ އެވެ.
އަދި އެފަދަ މައުލޫމާތަކީ ދައުލަތުގެ މުއައްސަސާތަކަށް އަމާޒުކޮށް ނުވަތަ ފިތުނަ އުފެއްދުމަށް ފަތުރާ އެއްޗެއް ނަމަ، އެ މީހަކު ދެ އަހަރަށް ޖަލަށްލުމާއެކު ދެ ލައްކަ ދިރުހަމް (841388 ދިވެހި ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެ އެވެ.
މީގެ އިތުރުން، ބަލިމަޑުކަމެއް ނުވަތަ ގައުމީ ކާރިސާގެ ވަގުތުތަކުގައި މިފަދަ ކަންކަން ކުރާ މީހުންނަށް ދޭ އަދަބު މިއަށްވުރެވެސް ހަރުކަށި ކުރުމަށް ނިންމާފައިވާއިރު، ހަނގުރާމައިގެ ހާލަތްތަކުގައި ދޮގު ހަބަރު ފަތުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށްވެސް ނިންމާފައިވެ އެވެ.
ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، ސޯޝަލް މީޑިއާ އިންފްލުއެންސަރުންނާއި އާންމު މީހުން ސަރުކާރުގެ ރަސްމީ ލޯގޯތައް ބޭނުންކޮށްގެން ނުވަތަ ރަސްމީ އިއުލާނެއްގެ ސިފަ ޖެހޭ ގޮތަށް ކުރާ ފޭކް ޕޯސްޓަކުން އިގްތިސާދަށް ގެއްލުންވެ، ބިރުވެރިކަން އުފެދިއްޖެނަމަ އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ބެލެވޭނެ އެވެ.
އޭޕްރިލް ފޫލްސްގެ ނަމުގައި ދޮގު މައުލޫމާތު ފަތުރާ މީހުން ބޮޑު ޖޫރިމަނާ އަކާއެކު ޖަލަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ