ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުން އެކަމުގެ އުފަލުގައި އިރާގު ސަރުކާރު ދެ ދުވަހަށް ބަންދުކޮށްފި އެވެ.
އިރާގުގެ މަޝްހޫރު ނޫސްވެރިޔާ އޮމަރް ގަހްތާން ބުނީ ސަރުކާރުން ދެ ދުވަސް ވަންދެން އުފާފާޅު ކުރަން ނިންމީ 40 އަހަރަށް ފަހު އިރާގަށް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ޖާގަ ލިބުމަކީ މުޅި ގައުމަށް ލިބުނު އުފަލަކަށްވާތީ ކަމަށެވެ.
އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިއާލް ސޫދާނީ މި ގޮތުން ބަންދު ކުރުމަށް އިއުލާނު ކުރެއްވީ އިއްޔެ އާއި މިއަދެވެ.
އިރާގު މުބާރާތަށް ކޮލިފައިވީ އިއްޔެ މެކްސިކޯގައި ކުޅުނު އިންޓަ ކޮންޓިނެންޓަލް ކަޕުގެ ފައިނަލުގައި ބޮލީވިއާ ބަލިކުރުމުންނެވެ. މިއާއެކު އިރާގުގެ ކުދިބޮޑު ގިނަ ބަޔަކު ވަނީ މަގުތަކަށް ނުކުމެ އުފާފާޅު ކުރަން ފަށައިފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕް އޮންނާނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގަ އެވެ. މިއީ ތިން ގައުމެއް ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އިރާގު ހިމެނެނީ މި މުބާރާތުގައި ފްރާންސާއި ނޯވޭ އާއި ސެނެގާލްއާއެކު ގްރޫޕް އައިގަ އެވެ.
މީގެ ކުރިން އިރާގު ކުޅެފައިވަނީ އެންމެ ވޯލްޑް ކަޕެކެވެ. އެއީ މިއީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތެވެ. އިރާގު ހިމެނުނީ މެކްސިކޯ އާއި ޕެރަގުއޭ އާއި ބަލްޖިއަމާ އެއް ގްރޫޕެއްގަ އެވެ. މިއިން އެއްވެސް މެޗަކުން އިރާގު މޮޅެއް ނުވެ އެވެ. ޕެރަގުއޭ އަތުން 1-0އިން ބަލިވެ، ބެލްޖިއަމް އަތުން 2-1އިން ބަލިވެ، ފަހު މެޗުގައި މެކްސިކޯ އަތުން ބަލިވީ 1-0އިންނެވެ.
އެމެރިކާ އިން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އިރާގު ޓީމު މެޗު ކުޅެން މެކްސިކޯ އަށް ދިޔައީ ވެސް ދަތިތަކާއެކުގަ އެވެ. އެއީ މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުވެފައި އޮތުމުން ކޯޗު ގްރެހަމް އާނޮލްޑާއި ޓީމުގެ އެކިއެކު ކުޅުންތެރިން އެކި ގައުމުތަކުގައި ތިބެ އެކަށީގެންވާ ޕްރެކްޓިސް ވެސް ނުކުރެވި އެވެ.
ސަރަހައްދީ ފުޓްބޯލައިގައި އިރާގުގެ އެންމެ ބޮޑު ކާމިޔާބީ އަކީ 2007 ވަނަ އަހަރު އޭޝިޔާގެ ޗެމްޕިއަންކަން ހޯދުމެވެ.
ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުފަލުގައި އިރާގް ސަރުކާރުން ބަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ