އިނގިރޭސި ޕްރެމިއާ ލީގަށް ކާކުކަން ވެސް ނޭނގެ ކޯޗުން ގެންދިއުން ގިނަވެއްޖެ ކަމަށާއި މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ޗެލްސީ އަށް ތިން ފަހަރު ހޯދައިދިން އެ ކުލަބުގެ އެންމެ ކާމިޔާބު ކޯޗު މޮރީނިއޯ ބުނީ އޭނާގެ ދުވަސްވަރު ޕްރެމިއާ ލީގުގައި ތިބީ ވަރަށް ހައިޕްރޮފައިލް ކޯޗުން ކަމަށެވެ.
"ވަރަށް ތަޖުރިބާކާރު ކޯޗުން ތިބީ. އެ މީހެއްގެ ފަހަތުގައި ވަރަށް ވަރުގަދަ ހިސްޓްރީ އަކާއި އެތަކެއް ކާމިޔާބީތަކެއް ހޯދާފައިތިބި ކޯޗުން ތިބީ. މީގެ ސަބަބުން ވާދަވެރިކަން ބޮޑުވި. އަދި ލީގުގެ ކޮލިޓީ ވެސް ރަނގަޅުވި. ސަޕޯޓަރުން ހިތްހަމަ ޖެހުނު. އެކަމަކު މިހާރު ގިނައިން ފެންނަނީ ޕްރެމިއާ ލީގަށް ދިއުމުގެ ކުރިން ކާކު ކަން ވެސް ނޭނގޭ ކޯޗުން ބޮޑެތި ކުލަބުތަކަށް ގެންދާ މަންޒަރު. މިއީ ވަރަށް ގޯސް ކަމެއް،" މޮރީނިއޯ ބުންޏެވެ.
ޗެލްސީގެ އިތުރުން ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމަށް ވެސް ކޯޗުކޮށްދިން މޮރީނިއޯ ބުނީ އޭނާ ޕްރެމިއާ ލީގުގައި ހުރިއިރު ލީގުގެ ހައިބަތު ވެސް ބޮޑު ކަމަށެވެ.
"ފާގަސަން ޔުނައިޓެޑްގައި، ވެންގާ އާސެނަލްގައި، ރަފާ ބެނީޓޭޒް ލިވަޕޫލްގައި، މިހެން ގޮސް ވަރަށް ވަރުގަދަ ކޯޗުން ފެނިގެންދިޔައީ. މިހެންވެ ކުޅުންތެރިން ވެސް އިތުރަށް ކުރިއެރި. އަދި ލީގުގެ ފޯރި އާއި ވާދަވެރިކަން އޮތީ ވަރަށް ބޮޑުކޮށް. އެކަމަކު މިހާރު ފެންނަ ކޯޗުންނަކީ އެ މީހުންގެ ފުށުން ކުޅުންތެރިންނަށް މާބޮޑު ކުރިއެރުމެއް ނުލިބޭ މީހުން. އަދި ބައެއް ކޯޗުންގެ ހިސްޓްރީއެއް ނެތުމުން އެ މީހުންނަށް ކުޅުންތެރިންގެ ފުރިހަމަ އިތުބާރެއް ވެސް ނޯވޭ،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ 2004 ވަނަ އަހަރު ޕްރެމިއާ ލީގުގެ ޗެލްސީ އަށް ގެންދިޔައީ އާދައިގެ ޓީމަކާއެކު ގޮސް ޕޯޗުގަލްގެ ޕޯޓޯ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުންނެވެ. އޭގެ ފަހުން އޭނާ ވަނީ ސްޕޭނުގެ ރެއާލް މެޑްރިޑާއި އިޓަލީގެ އިންޓަމިލާނާއި ރޯމާ އަށް ވެސް ކާމިޔާބު ހޯދައިދީފަ އެވެ. މިހާރު އޭނާ ކޯޗުކޮށްދެނީ ޕޯޗުގަލްގެ ބެންފީކާ އަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މޮރީނިއޯ އަކީ އަންނަ ސީޒަނުގައި ސްޕޭނުގެ ރެއާލް މެޑްރިޑުގެ ކޯޗުކަން ދީފާނެ އެއް ކޯޗެވެ.
ޕްރެމިއާ ލީގަށް މިހާރު ގެންދަނީ ކާކުކަން ވެސް ނޭނގެ ކޯޗުން: މޮރީނިއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ