ރިތިކްއާ އެކު ފިލްމެއް ކުޅޭތީ ކުރީގެ ލޯބިވެރިޔާ ވީ ދެރައިން 17 ކިލޯ ހަށިގަނޑުގެ ބަރުދަނުން ލުއިކުރި: މްރޫނާލް
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރިތިކް ރޯޝަންއާ އެކު ފިލްމެއްގައި މަސައްކަތްކުރާކަން ކުރީގެ ލޯބިވެރިޔާއަށް އެނގުމުން އެކަމާ ވީދެރައިން ހަށިގަނޑުގެ ބަރުދަނުން 17 ވަރަކަށް ކިލޯ ލުއިކުރި ކަމަށް ބަތަލާ މްރޫނާލް ތާކުރު ބުނެފިއެވެ. މިއަދު ރިލީޒްކުރާ މްރޫނާލްގެ އާ ފިލްމު "ދޯ ދިވާނޭ ސެހެރް މޭ"ގެ ޕްރޮމޯޝަން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ބަތަލާ ބުނީ ޒަވާޖީ ހަޔާތަށް އަންނަ ބައިވެރިންނަކީ ބައެއް ފަހަރު ވަރަށް ބޮޑަށް ނުތަނަވަސްކަން އިހުސާސްވާ މީހުން ކަމަށާއި އޭގެ ނުރަނގަޅު އަސަރު ދެ މީހުންނަށް ވެސް ކުރާ ކަމަށެވެ. އެގޮތުން ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބައިވެރިޔާއަށް ވެސް ދިމާވީ އެހެން ކަމަށާއި ރިތިކް ރޯޝަން ފަދަ ރީތި ފިރިހެންވަންތަ އެކްޓަރަކާ އެކު މަސައްކަތްކުރާތީ އޭރުގެ ލޯބިވެރިޔާ އެކަމާ ހަސަދަވެރިވީ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެހެންވެ އޭރުގެ ލޯބިވެރިޔާ ވެސް ބޭނުންވީ ހަށިގަނޑު ފިޓުކޮށް ބަހައްޓާ ރިތިކް ފަދަ ރީތި މީހަކަށް ވުމަށް ކަމަށް މްރޫނާލް ވަނީ ބުނެފައެވެ. ރައުނާގް ރާޖާނީގެ ޔޫޓިއުބް ޗެނަލަށް ބަތަލާ ދިން މި އިންޓަވިއުގައި ކުރީގެ ލޯބިވެރިޔާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. މްރޫނާލްގެ ފިލްމު "ދޯ ދިވާނޭ ސެހެރް މޭ"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް މްރޫނާލްގެ ކުރީގެ ލޯބިވެރިޔާއާ ގުޅޭގޮތުން ވާހަކަދައްކާފައިވާއިރު ދެކުނު އިންޑިއާގެ އެކްޓަރު ދަނުޝާއާ މްރޫނާލްއާ ދެމެދު ސީރިއަސް ލޯބީގެ ގުޅުމެއް އޮތް ކަމަށް ވެސް މީޑިއާތަކުން ވަނީ ބުނެފައެވެ. ދެ ތަރިން ވަރަށް އަވަހަށް ކައިވެނިކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނަމުން އައި ނަމަވެސް ދާދިފަހުން ބަތަލާ ވަނީ އެ ޚަބަރުތައް ދޮގުކޮށްފައެވެ. މިއަދި ސިނަމާތަކުގައި ދައްކަންފެށި މްރޫނާލްގެ ފިލްމު "ދޯ ދިވާނޭ ސެހެރް މޭ" އަކީ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުންފުނިން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި މްރޫނާލްއާ އެކު ލީޑް އެކްޓަރެއްގެ ގޮތުގައި ފެންނާނީ ޒުވާން ތަރި ސިދާންތު ޗަތުރުވެދީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ