އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދާފައިވާ "ބޯޑް އޮފް ޕީސް" އިން އެކުލަވާލާފައިވާ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައި.އެސް.އެފް) ގެ ދަށުން ގައްޒާއަށް ސިފައިން ފޮނުވުމަށް އިންޑޮނޭޝިޔާ، މޮރޮކޯ، ކަޒަކިސްތާން، ކޮސޯވޯ އަދި އަލްބޭނިއާއިން ނިންމައިފިއެވެ.
ވޮޝިންޓަންގައި ބޭއްވި މި ބޯޑުގެ ބައްދަލުވުމެއްގައި، ގައްޒާގައި އަލަށް އުފައްދާ ސުލްހަ ބަލަހައްޓާ ފައުޖުގެ އިސްވެރިޔާ، އެމެރިކާގެ އާމީ ޖެނެރަލް ޖެސްޕަރ ޖެފާސް ބުނީ، މި މިޝަންގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމު އިންޑޮނޭޝިޔާއިން ގަބޫލުކޮށްފައިވާ ކަމަށެވެ.
"މި ފިޔަވަޅުތަކާއެކު ގައްޒާއަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް އަހަރެމެން އެހީތެރިވެދޭނަން،" ޖެފާސް ބުންޏެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވިދާޅުވީ، އިޒްރޭލުގެ ގަތުލުއާންމުގައި 72,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ގައްޒާގައި ސުލްހަ ގާއިމުކުރުމަށްޓަކައި އެގައުމުން 8,000 އަށްވުރެ ގިނަ ސިފައިން ފޮނުވާނެ ކަމަށެވެ. ކަޒަކިސްތާނުގެ ރައީސް ގާސިމް-ޖޯމާތު ޓޮކަޔޭވް ވިދާޅުވީ އެގައުމުން ސިފައިންނާއި މެޑިކަލް ޔުނިޓްތައް ފޮނުވާނެ ކަމަށެވެ. އަދި މޮރޮކޯގެ ފޮރިން މިނިސްޓަރު ނާސިރު ބޫރީތާ ވިދާޅުވީ އެގައުމުން ފުލުހުން ފޮނުވުމަށް ތައްޔާރަށް އޮތް ކަމަށެވެ.
މީގެ އިތުރުން، އަލްބޭނިއާއިން ސިފައިން ފޮނުވުމަށް ނިންމާފައިވާއިރު، އަވަށްޓެރި މިސްރާއި އުރުދުންއިން ވަނީ ފުލުހުން ތަމްރީނުކުރުމުގައި ބައިވެރިވާނެ ކަމަށް ބުނެފައެވެ.
އިންޑޮނޭޝިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގައުމުގެ ސިފައިން ގައްޒާއަށް ފޮނުވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އާންމުން ހިމާޔަތްކުރުމަށާއި، ފަލަސްތީނުގެ ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް ކަމަށެވެ. އަދި އިންޑޮނޭޝިޔާގެ ސިފައިން އެއްވެސް ހަނގުރާމަވެރި އޮޕަރޭޝަނެއްގައި ބައިވެރިނުވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ނަމަވެސް، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމާއަތުގެ އިންޑޮނޭޝިޔާ ގޮފީގެ އިސްވެރިޔާ އުސްމާން ހާމިދު ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގާނޫނާ ހިލާފު އިސްތިއުމާރާއި ގަތުލުއާންމު ވަރުގަދަކުރުމަށް މި ފޯސްގެ ސަބަބުން މަގުފަހިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންވެސް ވަނީ މި ފޯސްގެ ސަބަބުން އިޒްރޭލުގެ އިސްތިއުމާރު އިތުރަށް ވަރުގަދަވެދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި އައި.އެސް.އެފް އަކީ އދ. އިން ލުބުނާނުގައި ހަރަކާތްތެރިވާ ޔުނިފިލް (UNIFIL) ފަދަ މަލްޓިލޭޓަރަލް ސުލްހަ ބަލަހައްޓާ ފައުޖުތަކާ ތަފާތު ފައުޖެކެވެ. އިންޑޮނޭޝިޔާއަކީ މިހާރުވެސް ލުބުނާނުގައި އދ. ގެ ދަށުން ސުލްހަ ބެލެހެއްޓުމުގައި އެންމެ ގިނަ ސިފައިން ބައިވެރިވާ އެއް ގައުމެވެ.
ޣައްޒާގައި ސުލްހަ ޤާއިމްކުރުމަށް އިންޑޮނޭޝިޔާ އާއި އިތުރު 4 ގައުމަކުން ސިފައިން ފޮނުވާނެ ކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ