ކީރިތި ޤުރްއާނުން މިސާލު: ކޮންމެ މިސާލަކީ ޢިލްމީ ބޮޑު ހަގީގަތެއް
ކީރިތި ޤުރްއާނަކީ ތެދުމަގު ދައްކާ ފޮތެކެވެ. އެފޮތް ބާވައިލެއްވުމުގެ މަގުސަދަކީވެސް ތެދުމަގު ދެއްކުމެވެ. އެފޮތުގައި ހުރި މިސާލުތަކުން ކުރާކަމަކީވެސް ތެދުމަގަށް ވާސިލުކޮށްދިނުމެވެ. ޤުރްއާން ބާވައިލެއްވިއިރު ދުނިޔޭގައި ތިބި މީހުންނަށް ޤުރްއާނުގައި ހުރި މިސާލުތަކުން ޢިލްމީ ފިލާވަޅެއް ނުލިބެއެވެ. އެކަމަކު މިއަދުގެ ޢިލްމީ ހަގީގަތްތަކަށް ފީނާލާއިރު އެފޮތުގައިވާ ކޮންމެ މިސާލަކީ އަޖާއިބުކުރުވަނި މިސާލެކެވެ. ބަޔަކަށް އެއްޗެއް ބުނެދޭން އެންމެ ފަސޭހަ ގޮތަކީ އެމީހުންނާ ގުޅުވައިގެން ސާފު ސީދާ މިސާލުތައް ދެއްކުމެވެ. ކީރިތި ޤުރްއާން ބާވައިލެއްވިއިރު އެފޮތުގެ އެންމެ ފުރަތަމަ އޯޑިއެންސަކީ އަރަބީންނެވެ. އެމީހުންނަކީ ސަހަރާގައި ސާދާ ދިރިއުޅުމެއް އުޅުނު ބަޔެކެވެ. ﷲ އެމީހުންނާ މުޚާޠަބުކުރައްވަނީ އެމީހުންނަށް އެންމެ ފަސޭހައިން ނަގައިގަނެ ދަސްވާނެގޮތަށެވެ. ﷲ ގެ ވަޙީ ބަސްފުޅު އެމީހުންގެ ހިތާއި ނަފުސަށް ފަސޭހައިން ވަންނާނެގޮތަށެވެ. އެގޮތުން ﷲ މިސާލުޖައްސަވަނީވެސް އެމީހުންގެ ސަގާފަތާއި އެމީހުންގެ މާހައުލާ ގުޅިލާމެހޭގޮތަށެވެ. މައްކީ ޤުރްއާނަކީ އިސްލާމް ދީނުގެ ބިންގަލެވެ. އެގޮތުން ﷲ ގެ އެއްކައުވަންތަކަމާއި ރަސޫލުﷲ ގެ ރަސޫލުކަމާއި އާޚިރަތް ދުވަހަށް ބާރުއެޅުނެވެ. މައްކީ ޤުރްއާނުގައި ﷲ މިސާލު ޖައްސަވަނީ މިދެންނެވި ކަންކަމަށް ރިއާޔަތްކުރައްވަމުންނެވެ. މަދަނީ ޤުރްއާނުގެ ބިންގަލަކީ ސުލްހަވެރި އަމާން މުޖުތަމައުއެކެވެ. އެގޮތުން މުސްލިމުންގެ ޝަރީޢަތާއި ޤާނޫނާއި އެމީހުން އުޅެންވީގޮތް ބަޔާންކުރެވިފައިވަނީ މަދަނީ ޤުރްއާނުގައެވެ. މަދަނީ ޤުރްއާނުގައި ﷲ މިސާލު ޖައްސަވަނީ އެކަންކަމަށް ރިއާޔަތްކުރައްވައެވެ. ޒަމާނީ ސައެންސްގެ އަލީގައި ކީރިތި ޤުރްއާނުގައިވާ މިސާލުތަކަށް ވިސްނުމުން އެނގި ކަށަވަރުވާކަމަކީ އެފޮތުގެ ޙައްޤުކަމާއި ތެދުކަމެވެ. ކީރިތި ޤުރްއާން-- ކީރިތި ޤުރްއާނުން ފާހަގަކުރެވޭ އެއް ސިފައަކީ މަރުވެފައިވާ ނުވަތަ ހުއްޓިފައިވާ އެއްވެސް ހަގީގަތެއް އެފޮތުގައި ނުވުމެވެ. މިބަހުގެ މާނަޔަކީ ކީރިތި ޤުރްއާނުގައި ﷲ ބަޔާންކުރައްވާ ކަންކަން އަބަދުވެސް ހިނގައި ތަކުރާރުވުމެވެ. ކީރިތި ޤުރްއާން ގިޔާމަތަށް ދާދެން މުޖުތަމައުއާ ގުޅުން ހުރި ފޮތަކަށް ނުވަތަ ރެލަވަންޓް ބަސްފުޅަކަށްވަނީ އެފޮތުގައިވާ ކަންކަމުގައި ދިރުން ހުންނާތީއެވެ. ކީރިތި ޤުރްއާނުގައި ހުރި މިސާލުތައް އުނގެނުން ފަސޭހަކުރުމަށްޓަކައި ޤުރްއާނުގައިވާ މިހަގީގަތް ދެނެގަންނަންޖެހެއެވެ. ބަޤަރާ ސޫރަތުގެ ސައްބީސްވަނަ އާޔަތުގައި މަދިރިއަކުން ޖެއްސެވި މިސާލުގައި ﷲ ފިސާރި ވަރުގަދަ ވާހަކައެއް ބަޔާންކުރައްވައެވެ. އެ ވާހަކައަކީ އީމާންވި މީހުންނާ ކާފިރުވި މީހުންގެ މެދުގައި ހުރި ބޮޑު ފަރަގެކެވެ. އެއީ އީމާންވި މީހުން ދަންނަ މީހުންނަށްވުމާއި ކާފިރުވި މީހުން ނުދަންނަ މީހުންނަށްވެ ވާހަކަ ބުނާ ބަޔަކަށްވުމެވެ. އީމާންވި މީހުންނަށް ﷲ ޖެއްސެވި މިސާލަކީ ޙައްޤު ތެދެވެ. އެކަމަކު ކާފިރުވި މީހުން އެކަމެއް ނުދަނެއެވެ. އީމާންވި މީހުން ދަންނަކަމުގައި އަންގަވަމުން ކާފިރުވި މީހުންނަކީ ވާހަކަ ބުނާ ބައެއް ކަމުގައި ﷲ އަންގަވައެވެ. އިންސާނާއަށް ތެދުމަގު ލިބެނީ އޭނާ އުނގެނިގެން ނުވަތަ ދަނެގެންނެވެ. އުނގެނުމަކީ އެތެރެފުށުގެ ކަމެކެވެ. އީމާންކަމަކީވެސް އެތެރެފުށުގެ ކަމެކެވެ. މަދިރީގެ ވާހަކަ ބަޔާންކުރައްވާ މިސާލު ދެނެގަތުމަށްޓަކައި ޙައްޤު މިބަހުގެ މާނަޔައަށް ބަލަންޖެހެއެވެ. މިބަހުގައި ގިނަ މާނަތައްވެއެވެ. އޭގެތެރެއިން އެއް މާނަޔަކީ ހަގީގަތްއެވެ. މިބަހުގެ އަނެއް މާނަޔަކީ މަގުސަދު އެވެ. ޙައްޤު މިބަހުގެ އެއް މާނަޔަކީ ތެދު ނުވަތަ ހުއްޖަތެވެ. އެހެންކަމުން ޤުރްއާނުގައި ﷲ ބަޔާންކުރައްވާ ކޮންމެ މިސާލަކުން އަންގައިދެނީ ބޮޑު ހަގީގަތެކެވެ. އެ ހަގީގަތުން އިންސާނާއަށް ދައްކަނީ ތެދުމަގެވެ. މިކަމުން އަންގައިދެނީ ޤުރްއާނުގައިވާ ކޮންމެ މިސާލެއްގެ ފަހަތުގައި ވަރުގަދަ މަގުސަދެއް އޮތް ކަމެވެ. ބަޤަރާ ސޫރަތުގެ ސައްބީސްވަނަ އާޔަތުގައި ކާފިރުވި މީހުން ސުވާލުކުރާ ނުވަތަ ސުވާލުއަހާ ވާހަކަ ﷲ ބަޔާނެއް ނުކުރައްވައެވެ. އެކަމަކު ﷲ ވަޙީކުރައްވަނީ އެމީހުން ސުވާލު ބުނާ ވާހަކައެވެ. ސުވާލުކުރުމުން އެމީހުންނަށް ޙައްޤު ޖަވާބު ލިބޭނެއެވެ. އެކަމަކު އެމީހުން އުޅެނީ ޙައްޤު ހޯދާކަށް ނޫނެވެ. އެމީހުންގެ ބޭނުމާއި މަގުސަދަކީ ފަސާދަކުރުމެވެ. ފަސާދަކުރަން އެދޭ މީހުން އަހައި އޮޅުންފިލުވާނެ ކަމެއް ނޯންނާނެއެވެ. އެހެންވެ ﷲ މިކަން ސާފުކޮށް ބަޔާންކޮށްދެއްވައެވެ. ސުވާލުކުރާނީ ނުވަތަ ސުވާލު އަހާނީ ހެޔޮ ނިޔަތެއް އޮވެގެންނެވެ. ދުނިޔޭގެ އަދުގެ ހާލަތަށް ނަޒަރުހިންގާއިރުވެސް ފެންނަނީ މަދީނާގެ ޔަހޫދީން ދެއްކި ހަމައެވެ. ގިނަ މީހުން ބުރަވާތަން ފެންނަނީ މޮޅުކަމަށެވެ. ޔުނިވަސިޓީތައް ތަރުތީބުކުރެވިފައި ނުވަތަ ރޭންކުކުރެވިފައި ހުންނަނީ އެގޮތަށެވެ. އެއްޗެއް ނޭގުނަސް ހަރވަރޑުން ކިޔަވައިފިއްޔާ އެއީ އެންމެ މޮޅު މީހާއެވެ. މީހާ ދައްކާ ނުވަތަ ހުށަހަޅާ ހެއްކާއި ހުއްޖަތަކީ މުހިންމު އެއްޗެއްނޫނެވެ. މިއީ ރަސޫލުﷲ އާ މެދު ޔަހޫދީ ފާދިރީންނާއި ޢިލްމުވެރިން ކަންކުރިގޮތެވެ. މިހާރުވެސް ހުޅަނގުގެ ގައުމުތަކުން އިސްލާމް ދީނާމެދު ދެކެނީ އެގޮތަށެވެ. ޔަހޫދީންގެ މަކަރުވެރި ހީލަތްތެރި އުކުޅުތަކަށް ﷲ ޖަވާބުދެއްވަނީ ނުހަނު ފުރިހަމައަށެވެ. މިއާޔަތުގައި ﷲ އަންގަވަނީ ﷲ ގެ މިސާލުން މަގުފުރެދެނީ ފާސިޤުންކަމުގައެވެ. ﷲ ގެ މިބަސްފުޅުން، ޖަހައި މޮހޮރު މަލަރުކުރާފަދައިން ޔަހޫދީންގެ މަކަރުވެރިކަމުގައި ސިއްކަޖެހުނެވެ. ތެދުމަގު ހޯދުމަށްޓަކައި ކީރިތި ޤުރްއާން އުނގެނެން ބޭނުން މީހާ އެފޮތާ ކުރިމަތިލާންޖެހެނީ ހިތްތިރިކޮށް ތައައްސަބުން ދުރުވެހުރެއެވެ. އެނޫންގޮތަކަށް އެފޮތާ ކުރިމަތިލާ ކޮންމެ މީހަކުވާނީ ފާސިޤަކަށެވެ. އަދި އެމީހާ ނިމިދާނީ މަގުފުރެދިގެންނެވެ. ފާސިޤުންނަކީ ކޮބައިކަން ޖެހިގެން އޮތް އާޔަތުގައި ﷲ ބަޔާންކުރައްވައެވެ. އެ މީހުންނަކީ ﷲއާ އަހުދު ހިފުމަށްފަހު އަހުދު އުވާލާ މީހުންނެވެ. އަދި އެމީހުންނަކީ ގުޅުވައި ދެމެހެއްޓުމަށް ﷲ އަމުރުކުރެއްވި ކަންތައްތައް ކަނޑާލައި ބިމުގައި ފަސާދަ އުފައްދާ މީހުންނެވެ. ޔަހޫދީން ރަސޫލުﷲ ގެ ބަސްފުޅުދޫކޮށް ޤުރްއާނުގައި އެކަނި ހިފަންއުޅުނެވެ. ހަމައެގޮތަށް ކާފިރުވި މީހުން އާއިލީ ގުޅުންތަކަށް ސަމާލުކަމެއް ނުދިނެވެ. ﷲ ގެ މިބަސްފުޅުން ލިބޭ ފިލާވަޅަކީ ޤުރްއާން ގަބޫލުކުރާފަދައިން ރަސޫލުﷲ ގެ ބަސްފުޅު ގަބޫލުކުރަންޖެހޭ ކަމެވެ. އަދި ލޭގެ ނުވަތަ ރަހިމްގެ ގުޅުންތަކަށް އިސްކަންދީ އެގުޅުންތައް ދަމަހައްޓަންޖެހޭ ކަމެވެ. މައިންބަފައިންނަށް ކަމޭހިތަންޖެހޭކަމެވެ. އަދުގެ ދިރާސާތައް ހާމަކުރާގޮތުގައި މުޖުތަމައުތައް ފަސާދަވާ މައިގަނޑު އެއް ސަބަބަކީ އާއިލީ ގުޅުންތައް ހީނަރުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ