އައްޑޫ އަތޮޅުގެ ގުޅިފައިވާ ހަތަރު ރަށުން މިއަދު ވެސް ކަރަންޓު ކެނޑިއްޖެ އެވެ.
ވީކިހިނެއް؟ - މި މަހު މީގެ ކުރިން ވެސް ދުވަސްތަކެއްގައި އެ ސަރަހައްދުން ކަރަންޓު ކެނޑިގެންދިޔަ އިރު، މިއަދު ހެނދުނު 11 ޖަހާކަށް ހާއިރުން ފެށިގެން ކަރަންޓު ވަނީ ކެނޑިފަ އެވެ.
ތަފްސީލް - ގުޅިފައިވާ ރަށްތަކުގެ ފެނަކަ ބްރާންޗުތަކުން ބުނި ގޮތުގައި ކަރަންޓު ކެނޑުނީ އިންޖީނަކަށް މައްސަލައެއް ދިމާވެ ޕަވާހައުސް ޑައުންވެގެންނެވެ.
"އައްޑޫގެ ގުޅިފައިވާ ރަށްތަކުން މި ވަގުތު ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ ޓީމުން ކުރަމުންދާ ވާހަކަ ދަންނަވަން،" ކަސްޓަމަރުންނަށް ފެނަކައިން ފޮނުވި މެސެޖެއްގައިވެ އެވެ.
ގުޅިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގެ ވެރިރަށް ހިތަދޫގެ އިތުރުން މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.
ގުޅުން ހުރި - އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 30 މެގަވޮޓު އިތުރުކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
މިދިޔަ މަހު ކުރީކޮޅު ރައީސް މުހައްމަދު މުއިއްޒު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެ އަތޮޅަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން އާ މަޝްރޫއެއް ވަނީ އިއުލާން ކުރައްވާފަ އެވެ.
އެ މަޝްރޫއު އިއުލާން ކުރައްވަމުން ރައީސް ވިދާޅުވީ:
ހިތަދޫގައި އަލަށް 32 މެގަވޮޓުގެ އިންޖީނުގެއެއް ގާއިމުކުރާނެ
ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރާނެ
މި މަޝްރޫއުގެ އަގަކީ 59 މިލިއަން ޑޮލަރު؛ ފެނަކަ އިން ފައިސާ ދައްކަން 12 އަހަރު ލިބޭނެ
މިދިޔަ ތިން އަހަރެއްހާ ދުވަހު އައްޑޫގައި ކަރަންޓުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ގިނަ ދުވަހު އެ އަތޮޅުން ކަރަންޓު ކެނޑި، ބައެއް ރޭރޭ އަނދިރީގައި ހޭދަކުރަން ޖެހިފައިވެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު އަނެއްކާ ވެސް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ