ތޫނު އެއްޗަކުން ފުލުހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުވާ މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

ތޫނު އެއްޗަކުން ފުލުހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ބަންދުކޮށްފައި ވަނީ. ހދ ނޮޅިވަރަންފަރަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ، ތޫނު ހަތިޔާރުން މާރާމާރީ ހިންގި ކަމަށެވެ. ކޯޓުން ވަނީ، ރިމާންޑު ޖަލެއްގައި އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. ބަންދު އަމުރުގައި ވަނީ، އޭނާ ތޫނު އެއްޗަކުން ފުލުހަށް ހަމަލާދީފައިވާ ކަމަށް ފުލުހުން ތުހުމަތުކުރާ ކަމަށެވެ. އޭނާ އަކީ ބަންދު ރެކޯޑު އޮތް މީހެއް ކަމަށްވާއިރު، ވަކީލެއް އައްޔަނުކުރަން ބޭނުންވާ ކަމަށް ކޯޓުގައި އޭނާ ވަނީ ބުނެފައެވެ. އެ މީހާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް ބުނެފައި ވަނީ، ގޭންގު ކުށްތަކާއި އެ ނޫން ވެސް ކުށްތައް ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާތީ ކަމަށެވެ. އޭގެއިތުރަށް، އެ މީހާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ކޯޓަށް ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި، ސީނަށް ދިޔަ ފުލުހުންނާއި އަނިޔާ ލިބުނު މީހާގެ ބަޔާނާއި އަނިޔާގެ ފޮޓޯތަކާއި ކުށުގެ ރެކޯޑު ހިމެނެއެވެ. https://sun.mv/215859 ފުލުހުންނަށް ހަމަލާ ދިނުމަކީ ވެސް ދޭތެރެއަކުން ހިނގާ ކަމެކެވެ. އެގޮތުން، މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ވެސް ވަނީ، ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ކުށުގެ ރެކޯޑު އޮތް ތިން މީހަކު މާލޭން ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ