ސަރުކާރު ދެމި އޮންނާނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ފަހިކޮށް ދިނުމުގައި: ރައީސް
އެންމެންގެ ހައްގުތަކާއި ކަރާމާތް ނަގަހައްޓައި، ޝާމިލު މުޖުތަމައުތައް ބިނާކުރުމުގެ އަޒުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.ރައީސް މިހެން ވިދާޅުވީ "ދުނިޔޭގެ އިޖުތިމާއީ އަދާލަތު"ގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވީ ދިވެހީންނަށް މިއީ ކިހާ މުހިންމު ދުވަހެއްތޯ ވިސްނާލަން ޖެހޭ ކަމަށެވެ. ދިވެހި މުޖްތަމަޢު އޮތީ ބައިނަލްއަޤްވާމީ މުޖްތަމަޢުއާއެކު އެއްބައިވަންތަކަމުގައިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު ދިވެހި ސަރުކާރުގެ އަމާޒަކީ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ފުރުސަތުތަކާއި ރައްޔިތުންގެ ކަރާމާތާއި ރައްކާތެރިކަން އޭގެ އެންމެ ފުރިހަމަ އަދި ހަމަހަމަ ގޮތުގައި ލިބޭނެ ގޮތް ފަހިކޮށްދީ އެކަންކަން ޔަޤީންކޮށް ދިނުން ކަމަށެވެ.ރައީސްގެ ޕޯސްޓްގައި އޯގާތެރިކަމާއި، ހިއްސާކުރާ ޒިންމާއަކީ އާރުކާޓީ ކަމުގައިދެކިގެން، މި މަގުން، ދެމެހެއްޓެނިވި މުސްތަޤުބަލަކާ ދިމާއަށް މިސްރާބުޖެހުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރެއްވިއެވެ.އަދި ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމާން އަދި އުންމީދީ މުސްތަގުބަލެއް ބިނާކުރުމުގެ ބާރުވެރިކަން ހޯދައިދިނުމަށްޓަކައި، ތައުލީމާއި ހުނަރު ތަރައްގީކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.ރައީސް ވަނީ ވަސީލަތްތަކުގެ ފަރަގުތަކާއި ގޮންޖެހުންތައް ހުރި ނަމަވެސް، ސަރުކާރުގެ އަޒުމަކަށް ބަދަލެއް ނާންނާނެކަން ވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން އެކަކު އަނެކަކަށް އަޅާލުމާއި، އޯގާތެރިކަމާއި، އަދި އެންމެންގެ ޒިންމާދާރުކަމާ އެކު، ހުރިހާ ރައްޔިތުންނަށްޓަކައި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމުގައި ސަރުކާރު ދާނީ ކުރިއަށް ކަމަށް ވިދާޅުވެފައިވެ އެވެ.ދުނިޔޭގެ އިޖުތިމާޢީ އަދާލަތުގެ ދުވަހަކީ، އިޖުތިމާއީ ހަމަހަމަކަން ޤާއިމުކުރުމަށް ގޮވާލައި، ފަގީރުކަމާއި، ބާކީކުރުމާއި، ނާއިންސާފު ފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމަށް، ކޮންމެ ފެބުރުވަރީ މަހެއްގެ 20 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ