ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން 99 މައްސަލަ ރިޕޯޓްކުރި: ފުލުހުން

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އަނިޔާ ލިބޭ މީހުންގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން 99 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަތަކާ ގުޅިގެން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
ރައްކާތެރިކުރުމުގެ އަމުރަކީ، އަނިޔާގެ އަމަލެއް ތަކުރާރުވެދާނެކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ މީހާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ. މި އަމުރު މެދުވެރިކޮށް، އަނިޔާކުރާ މީހުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގަ އެވެ. މީގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އެ މީހުންގެ އަސާސީ ހައްގުތައް ހިމާޔަތް ކޮށްދިނުމެވެ.
ކޯޓުން ނެރޭ "ރައްކާތެރިކުރުމުގެ ވަގުތީ އަމުރު" ނުވަތަ "ރައްކާތެރިކުރުމުގެ އަމުރު" އާ އެއްވެސް މީހަކު ހިލާފުވެއްޖެނަމަ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެ ކަމެއް ކަން ފުލުހުން ވަނީ ހަނދާން ކޮށްދީފަ އެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށާ އެގޮތުން 2025 ވަނަ އަހަރުގެ ތެރޭގައި މިފަދަ 24 މައްސަލައެއްގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޯޓުތަކުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކަށް ފުރިހަމައަށް ބޯލަނބައި، އެ އަމުރުތަކަށް އިހުތިރާމް ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރެ އެވެ. އަދި އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާނަމަ، ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށް ވެސް ފުލުހުން އެދެ އެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އަމާން ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ބޮޑު އިސްކަމެއްދޭ އެއް މަސައްކަތް ކަމުގައި އެ އިދާރާއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ