ހައްޔަރުކުރި އަމީރު އެންޑްރޫ، ސުވާލުކުރުމަށްފަހު ދޫކޮށްލައިފި

ޒިންމާދާރު މަގާމެއްގައި ހުރެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުކޮށް އިއްޔެ ހައްޔަރު ކުރި އިނގިރޭސިވިލާތުގެ ރަސްގެފާނު ތިންވަނައިގެ ކޮއްކޮ، ކުރީގެ އަމީރު އެންޑްރޫ މައުންޓްބެޓެން ވިންސާ ސުވާލުކުރުމަށްފަހު ދޫކޮށްލައިފިއެވެ. އުމުރުން 66 އަހަރުގެ އެންޑްރޫއާ ތޭމްސް ވެލީ ފުލުހުންގެ ޑިކެޓްޓިވް އިން ވަނީ މުޅި ދުވަހު ސުވާލުކޮށްފައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެމެރިކާގެ މަހުޖަނު އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ދައުވާ ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާ ގުޅުން ހުރި ތިން މިލިއަނަށްވުރެ ގިނަ ޞަފްޙާގެ ލިޔެކިޔުންތައް އާންމުކުރުމުން ކުރިމަތިވި ބައެއް ތުހުމަތުތަކާ ގުޅިގެން ފުލުހުން އަންނަނީ އެންޑްރޫގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އޭގެތެރެއިން ބައެއް ލިޔުންތަކުން 2010 ވަނަ އަހަރު އެންޑްރޫ އިނގިރޭސިވިލާތުގެ ވިޔަފާރީގެ މަންދޫބެއްގެ ގޮތުގައި ކުރި ރަސްމީ ދަތުރުތަކުގައި ވިއެޓްނާމް، ސިންގަޕޫރު އަދި އެހެނިހެން ތަންތަނާ ބެހޭ ރިޕޯޓްތައް އެޕްސްޓައިންއަށް ފޮނުވާފައިވާކަން އެގެއެވެ. ކަމާބެހޭ ފަރާތްތަކުގެ ތަހުގީގުގަށް އެންޑްރޫ އެއްބާރުލުން ދޭންޖެހޭ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމާ ވަނީ ވިދާޅުވެފައެވެ. "އެއްވެސް މީހަކަށް ގާނޫނަށްވުރެ މައްޗެއް ނުވެވޭނެ." އެންޑްރޫ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ. އެންޑްރޫ ހައްޔަރު ކުރުުމުން އެޕްސްޓައިންގެ ޝިކާރައަކަށްވި ވާޖީނިއާ ޖިއުފްރޭގެ އާއިލާއިން ވަނީ މަރުހަބާ ކިޔާފައެވެ. ވާޖީނީއާ މީގެކުރިން ތުހުމަތުކޮށްފައިވާ ގޮތުގައި އެޕްސްޓައިން ތިން ފަހަރެއްގެ މަތިން އެންޑްރޯ އާއެކު ޖިންސީ ގުޅުން ހިންގަން އޭނާ ފޮނުވިއެވެ. އޭގެތެރެއިން ދެ ފަހަރު ދިޔައީ އޭނާގެ އުމުރުން 17 އަހަރުގައި ކަމަށްވެސް ބުނެފައިވައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެންޑްރޫއާ ދެކޮޅަށް ދައުވާ ކުރުމުން، އެއްވެސް ކުށަކަށް އިއުތިރާފު ނުވެ 2022 ވަނަ އަހަރު އޭނާ ވަނީ މަލްޓިމިލިއަން ޕައުންޑްގެ ސެޓްލްމަންޓެއް ހަދާފައި ކަމަށްވެސް ވާޖީނިއާ ވަނީ ބުނެފައެވެ. މީގެ ކުރިން އަމީރެއްގެ ގޮތުގައި ހުރި އެންޑްރޫގެ ލަގަބު އަތުލީ، އެޕްސްޓީންއާ ބޭއްވި ގާތް ގުޅުންތައް ހާމަވި ފަހުންނެވެ. އެތައް އަހަރެއް ވަންދެން ކުޑަކުދިންގެ ވަގުފާރިކޮށް، ނުފޫޒު ގަދަ އެތައް ބަޔަކާ ގުޅުން ބޭއްވި އެޕްސްޓީންގެ ޖަލު ބަންދުގައި ހުއްޓާ، 2019 ގައި ވަނީ އަމިއްލައަށް މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ