ޓްރަމްޕްގެ 'ބޯޑް އޮފް ޕީސް' ބައްދަލުވުމުގައި އޭނާ ނިދަން އިން ވީޑިއޯއެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދި "ބޯޑް އޮފް ޕީސް"، ސުލްހައިގެ ބޯޑު، އިފްތިތާހުކުރުމަށް ބޭއްވި ރަސްމީ ބައްދަލުވުމުގައި، އޭނާ ނިދަން އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް އޮފް ޕީސްގައި ބޭއްވި މި ބައްދަލުވުމުގެ ތެރެއިން ނަގާފައިވާ މި ވީޑިއޯއިން ފެންނަ ގޮތުގައި، ބޯޑުގައި މޭޖަރ ޖެނެރަލް ޖެސްޕަރ ޖެފަރސް ވާހަކަދައްކަމުން ދިޔައިރު، އުމުރުން 79 އަހަރުގެ ރައީސް ޓްރަމްޕް އިނީ ނިދިގެން ބޯ އަރިވެފައެވެ.
މީގެ އިތުރުން، އަސްކަރީ އިސް ބޭފުޅުންނާއި ބައިނަލްއަގުވާމީ މަންދޫބުން ތަގުރީރު ކުރައްވަމުން ދިޔައިރު، ޓްރަމްޕް އެތައް އިރެއްް ވަންދެން އެއްވެސް ހަރަކާތެއް ނެތި ލޯ މަރައިގެން އިން މަންޒަރު ފެނުމާއެކު، ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. 
ފާޑު ކިޔާ މީހުން ފާހަގަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމަކީ 40 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުން ބައިވެރިވެ، ޣައްޒާ އަލުން އާބާދުކުރުމާއި ބައިނަލްއަގުވާމީ ސަލާމަތީ ބާރުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވަރަށް މުހިންމު ބައްދަލުވުމެކެވެ.
 "ޓްރަމްޕް ވަނީ ދުނިޔޭގެ ލީޑަރުންގެ ކުރިމަތީގައި އަމިއްލަ ނަފްސު ލަދުގަންނުވާލާފައި. އަމިއްލަ ސުލްހައިގެ ބައްދަލުވުމުގައި އޭނާއަށް އެ އިނީ ނިދިޖެހިފައި. އޭނާ ހުރީ ސުލްހަދެކެ ފޫހިވެފައި ކަމަށް ބެލެވެނީ،" ކަމަށެވެ.
އަދި ބައެއް މީހުން ވަނީ ޓްރަމްޕްގެ އުމުރާއި ސިއްހީ ހާލަތަށް ބަލާއިރު، ރައީސްކަމުގެ މަގާމު ފުރުމުގެ ގާބިލުކަން ހުރިތޯ ސުވާލު އުފައްދާފައެވެ.
މީގެ ކުރިންވެސް ބައެއް ބައްދަލުވުންތަކުގައި ޓްރަމްޕަށް ނިދިޖެހޭ ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް ކުރެވުނެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ނިދަން އިން ކަމަށް ތުހުމަތު ކުރެވުނުއިރު އެކަމާގުޅިގެން ޓްރަމްޕް ބުނީ، އޭނާ ނުނިދާ ކަމަށާއި، ބައެއް ފަހަރު ބައްދަލުވުންތައް މާ ބޮޑަށް ފޫހިވުމުން ލޯ މަރާލައިގެން އިންނަނީ ކަމަށެވެ.
"އަހަރެން މިއީ މާ ގިނައިން ނިދާ މީހެއް ނޫން،" ޓްރަމްޕް ބުންޏެވެ.
ވައިޓް ހައުސްއިން މީގެ ކުރިން ބުނެފައިވަނީ ރައީސް ޓްރަމްޕްގެ ސިއްހީ ހާލަތު ވަރަށް ރަނގަޅު ކަމަށެވެ. ނަމަވެސް، އުމުރުން 79 އަހަރުގައި ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި މިހާތަނަށް ރައީސްކަން ކުރާ އެންމެ ދުވަސްވީ މީހާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ