ލަންކާގައި ބުޅަލުގެ ފަރާތުން ރޭބީޒް ބަލި ފެތުރޭތީ އިންޒާރު ދީފި

ސްރީލަންކާގައި ބުޅަލުގެ ފަރާތުން ރޭބީޒް ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެ ގައުމުގެ ސިއްހީ މާހިރުން އާންމުން ސަމާލުވުމަށް އިންޒާރު ދީފިއެވެ.
ސްރީލަންކާގެ ހެލްތު މިނިސްޓްރީގެ އެޕިޑަމިއޮލޮޖީ ޔުނިޓުގެ ކޮންސަލްޓަންޓް ކޮމިއުނިޓީ ފިޒީޝަން، ޑރ. އަތުލަ ލިޔަނަޕަތިރަނަ ވިދާޅުވީ، ރޭބީޒް ބައްޔަކީ ފުރާނައަށް ނުރައްކާވާ ބައްޔެއް ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް، މި ބަލި ޖެހުމަށްފަހު ސަލާމަތްވެފައިވަނީ ވަރަށް މަދު ބަޔަކުކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. އަތުލަ ވިދާޅުވި ގޮތުގައި، މިހާތަނަށް ހެދި ޓެސްޓުތަކުން ދައްކާގޮތުގައި، ބުޅަލުގެ މެދުގައި ރޭބީޒް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ބުޅާ ދަތްއެޅުމުގެ ހާދިސާތައް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، ޚާއްސަކޮށް ކޮލަމްބޯ އަދި ގަމްޕަހާ ޑިސްޓްރިކްޓުގައި މިފަދަ ހާދިސާތައް ގިނަވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސިއްހީ މާހިރުން ހާމަކުރި ގޮތުގައި، މިދިޔަ އަހަރު އެ ގައުމުން ރިޕޯޓްކުރި ރޭބީޒް ގިނަ ކޭސްތައް ފެނިފައިވަނީ ގޭގޭގައި ގެންގުޅޭ ކުއްތާތަކުގެ ފަރާތުންނެވެ.
ރޭބީޒް އަކީ ކުއްތާ، ބުޅާ، މުގޮށިމީދާ، މަންގޫސް، ވާ، އަދި އަސް ފަދަ ޖަނަވާރުގެ ފަރާތުން އިންސާނުންގެ ގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސްރީލަންކާގައި އަހަރަކު 250،000 އާއި 300،000 އާ ދެމެދުގެ އަދަދަކަށް ކުއްތާ ދަތްއެޅުމުގެ ހާދިސާތައް ރިޕޯޓްކުރެއެވެ.
އެހެންކަމުން، މި ބަލި ފެތުރޭ ޖަނަވާރުތައް ގެންގުޅޭ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ސިއްހީ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ