ރައީސް މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކުގެ ތަފްސީލް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން މިއަދު އަންގައިފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަމިއްލަ ފަރާތަކުން ރައީސް އާއި ނައިބުރައީސްގެ ކުރެއްވި ދަތުރުތަކުގެ ތަފްސީލް ހޯދުމަށް އެދިފައިވާއިރު، މިހާތަނަށް ނައިބުރައީސްގެ ދަތުރުތަކުގެ ތަފްސީލާ ގުޅޭ ގޮތުން ރަައީސް އޮފީހުން ޖަވާބު ދީފައެއް ނުވެ އެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ދަތުރުތަކުގެ ތަފްސީލާ ގުޅޭގޮތުން ކުރި ސުވާލަށް ރައީސް އޮފީހުން ދިން ޖަވާބުގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުތަކުގެ ތަފްސީލް އެ އޮފީހުން ދަނީ ހާމަކުރަމުން ކަމަށެވެ. އަދި ކުރިމަތިވި ސުވާލަށް ފުރިހަމަ ޖަވާބެއް ރައީސް އޮފީހުން ދީފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު މިއަދު އޮތް އަޑުއެހުމުގައި ވިދާޅުވީ ނައިބުރައީސްގެ ދަތުރުތަކުގެ ތަފްސީލާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ވަރަށް ބޮޑަށް ލަސްވެފައިވާތީ، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި މައުލޫމާތު ހިއްސާކުރަން އަންގާ ކަމަށެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުތަކުގެ ތަފްސީލް ހާމަކުރާ ކަމަށް ޖަވާބުގައި ބުނި ނަމަވެސް، އެކަމާ ގުޅޭ ތަފްސީލް ރައީސް އޮފީހަށް ދެވެން ވާނެ ކަމަށް އާހިދު ވިދާޅުވި އެވެ.
އަޑުއެހުމުގައި ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރު އައިޝަތު އަގީދާ ހަސަން ވިދާޅުވީ ރައީސް އާއި ނައިބުރައީސްގެ ބޭރު ދަތުރުތަކާ ގުޅޭ ތަފްސީލް ތައްޔާރުކޮށް އާންމު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން އެހެންނަމަވެސް މިދަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ބޭރުގެ ދަތުރުފުޅުތަކުގެ ތަފްސީލް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން. އެ މަސައްކަތް ކުރިއަށް މިގެންދަނީ، އެ މަސައްކަތް ނިމުނީމަ ހަމަ އާންމުކޮށް އެ މައުލޫމާތުތައް ހިއްސާކުރާގޮތަށް ހަމަޖެހިފައި މިއޮތީ އެނގޭތޯ،" އޭނާ ވިދާޅުވި އެވެ.
ރައީސް އާއި ނައިބުރައީސްގެ ދަތުރުތަކުގެ ތަފްސީލުތައް ރައީސް އޮފީހުން ކުރިން ހާމަކުރަމުންދިޔަ ނަމަވެސް، މިދިޔަ އަހަރުގެ ވަކި ހިސާބަކުން ފެށިގެން އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް އާއި ނައިބުރައީސް ކުރެއްވި ދަތުރުތަކުގެ ތަފްސީލު ފަސް ދުވަހުގެ ތެރޭގައި ހާމަކުރަން އަންގައިފި ރައީސް އާއި ނައިބުރައީސް ކުރެއްވި ދަތުރުތަކުގެ ތަފްސީލު ފަސް ދުވަހުގެ ތެރޭގައި ހާމަކުރަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ