އޮއުސްބާގުން ބަޔާންގެ ރެކޯޑް ނިމުމަކަށް ގެނެސްފި އޮއުސްބާގުން ބަޔާންގެ ރެކޯޑް ނިމުމަކަށް ގެނެސްފި

މިއުނިކް (ޖެނުއަރީ 25) - ޖަރުމަނު ލީގުގައި ރޭ އޮއުސްބާގު އަތުން 2-1 އިން ބަލިވެ ބަޔާން މިއުނިކުން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް ނިމުން އަތުވެއްޖެ އެވެ.
މި މެޗުގެ ކުރިން އެންމެ ފަހުން ބަޔާނުން ކުޅުނު 27 މެޗުން ވެސް ބަލިވެފައިނުވެ އެވެ. ބަޔާން، އެންމެ ފަހުން ލީގުގެ މެޗަކުން ބަލިވެފައިވަނީ، މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. މީގެ 10 މަސް ކުރިން ބަޔާން އެންމެ ފަހުން ބަލިވެފައިވަނީ ބޮކުމް އަތުންނެވެ.
ރޭގެ ނަތީޖާ އަށް ފަހު ބަޔާނުން އެއް ވަނައިގައި އޮތީ 19 މެޗުން 50 ޕޮއިންޓް ހޯދައިގެން 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވަނީ 18 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ.
ބަޔާނުން ރޭގެ މެޗުގައި ޖަޕާނުގެ ޑިފެންޑަރު ހިރޯކީ އީޓޯ ޖެހި ލަނޑުން ލީޑުނެގި އެވެ. މިއީ މައިކަލް އޮލީސޭ ނެގި ކޯނަރަކަށް އަރައި، އީޓޯ ބޮލުން ޖެހި ގޯލެކެވެ. ފުރަތަމަ ހާުފުގެ އިތުރު ވަގުތުގައި، އޮއުސްބާގުގެ ރޮބިން ފެލްހައުއާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހިފައިވެ އެވެ.
މި މެޗަށް އައިއިރު، އެންމެ ފަހުން ފަސް މެޗުގައި ވެސް މޮޅެއް ލިބިފައިނުވާ އޮއުސްބާގުން ނަތީޖާ އަނބުރާލީ މެޗުގެ ފަހު ކޮޅުގަ އެވެ. އެ ގޮތުން، މެޗުގެ 75 ވަނަ މިނިޓްގައި، އޮއުސްބާގަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ އާތޫރު ޗާވޭސް އެވެ. އަދި، އޭގެ ހަ މިނިޓް ފަހުން، އޮއުސްބާގް މޮޅުވި ލަނޑު ޖަހައިދިނީ، ހަން-ނޯއާ މަސެންގޯ އެވެ.
ބަދަލުތަކެއް ގެނެސްގެން ބަޔާނުން ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރެވޭތޯ ކުރި މަސައްކަތް ކާމިޔާބުނުވެ، ސީޒަނުގައި ލީގުގައި ފުރަތަމަ ފަހަރަށް ވަނީ ބަލިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ