ކުމާރު ސާނޫ ކުރީގެ އަނބިމީހާއާ ދެކޮޅަށް ކުރި އަބުރުގެ ދައުވާގައި ކުރި ހޯދައިފި

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫ އޭނާގެ ކުރީގެ އަނބިމީހާ ރީތާ ބަޓަޗާރްޔާއާ ދެކޮޅަށް ކުރާ އަބުރުގެ ދައުވާގައި ކުރި ހޯދާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ރީތާއާ ދެކޮޅަށް ކުމާރު ސާނޫ ހުށަހެޅި 50 ކްރޯޑު ރުޕީސްގެ އަބުރުގެ ދައުވާގައި ސާނޫއާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަ ދެއްކުމާއި ޕަބްލިކް ޕްލެޓްފޯމްތަކުގައި ދޭ އިންޓަވިއުތަކުގައި ސާނޫއާ ބެހޭގޮތުން ބޭއަދަބީ ވާހަކަ ދެއްކުން މަނާކޮށް ވަގުތީ އަމުރެއް ވަނީ ނެރެފައެވެ. ރީތާ އާއި ބައެއް މީޑިއާތަކުން ސާނޫގެ އާއިލާގެ އަގުވައްޓާލުމުގެ ބޭނުމުގައި އެއްވެސް ކަހަލަ ހަގީގަތެއް ނުވާ ވާހަކަތައް ޝާއިއުކުރާތީ އެކަންވެސް ބޮމްބޭ ހައިކޯޓުން ވަނީ މަނާކޮށް ނެރުނު އަމުރުގައި ބަޔާންކޮށްފައެވެ. ކުމާރު ސާނޫ އަދި ކުރީގެ އަނބިމީހާ ރީތާ--ފޮޓޯ/އެންޑީޓީވީ ރީތާ މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކުގައި ހައްދު ފަހަނައަޅައި މީހަކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގައި ގެންގުޅެންޖެހޭ މިންގަނޑާ ޚިލާފުވެ އަބުރު ކަތިލެވޭ މޭރުމުން ވާހަކަ ދައްކާފައިވާ ކަމަށް ކޯޓަށް ވެސް ފާހަގަ ކުރެވިފައިވާ ކަމަށް މި އަމުރުގައި ބަޔާންކޮށްފައިވެއެވެ. ރީތާއާ ދެކޮޅަށް ސާނޫ ހުށަހެޅި މައްސަލައިގައި ކުރީގެ އަނބިމީހާ ވަނީ އެ ދެ މީހުންގެ ކައިވެންޏާއި ވަރިއާ ގުޅޭގޮތުން ދައްކަންނުޖެހޭ ވާހަކަތަކެއް ދައްކާފައި ކަމަށާއި ސާނޫގެ އާއިލާގެ އަގުވައްޓާލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އިންޑިއާގެ އެންމެ އައިކޮނިކް ލަވަކިޔުންތެރިންގެތެރޭ ހިމެނޭ ކުމާރު ސާނޫގެ އަބުރު ގެއްލޭ ގޮތަށް ރީތާ މީޑިއާތަކާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރާފައިވާތީ އޭގެ ބަދަލެއްގެ ގޮތުގައި 50 ކްރޯޑު ރުޕީސް (6 މިލިއަން ޑޮލަރު) ހޯދައިދިނުމަށް ލަވަކިޔުންތެރިޔާ ވަނީ ކޯޓުގައި އެދިފައެވެ. ހަމައެއާއެކު ސޯޝަލް މީޑިއާ އަދި އިންޓަނެޓުގައި ސާނޫއާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ އެފަދަ މައުލޫމާތުތައް މިހާރުން މިހާރަށް ފޮހެ ނައްތާލުމަށް އޭނާ ވަނީ ކޯޓުގައި އެދިފައެވެ. ކުމާރު ސާނޫ އާއި ރީތާ ކައިވެނިކޮށްފައި ވަނީ 1986ގައެވެ. ދެ މީހުން ވަކިވީ 1994ގައި ނަމަވެސް ވަރީގެ ކަންކަން ރަސްމީކޮށް ނިމިފައި ވަނީ 2001 ވަނަ އަހަރުއެވެ. މި ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ