ޝާހުގެ 'ކިންގް' ބެލުންތެރިންނަށް ގެނެސްދޭ ތާރީޚު އިއުލާނުކޮށްފި

ބޮލީވުޑްގެ ކިންގް ޚާންގެ ލަގަބު ހޯދާފައިވާ އެކްޓާތު ޝާހްރުކް ޚާން އާއި ކުޅަދާނަ ޑައިރެކްޓަރު ސިދާތް އާނަންދު ގުޅިގެން ގެނެސްދޭ ފިލްމު "ކިންގް" ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚު އިއުލާނުކޮށްފިއެވެ. ރެޑް ޗިލީސް އެންޓަޓެއިންމަންޓް އާއި މާފްލިކްސް ޕިކްޗާސް ގުޅިގެން ގެނެސްދޭ މި ވަރުގަދަ އެކްޝަން ތުރިލާ އަކީ މި އަހަރު ރިލީޒްކުރާނެކަން އިއުލާނުކުރި ފިލްމުތަކުގެތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ. ޝާހު ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން މުޅިން ތަފާތު ލުކްއެއްގައި ފެންނާނެ "ކިންގް" ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 24ގައެވެ. މިއީ ޝާހުގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު "ޕަތާން"އަށްފަހު ސިދާންތުއާ އެކު ޝާހު މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މި އަހަރުގެ ކްރިސްމަސް ބަންދާ ދިމާކޮށް "ކިންގް" ރިލީޒްކުރަން ނިންމުމާ އެކު މިއީ ޝާހުގެ ސަޕޯޓަރުންނަށް ކްރިސްމަސްގައި ދެވޭނެ އެންމެ އަގުހުރި ހަދިޔާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ޝާހް ފިލްމު "ޕަތާން"ގެ މަންޒަރެއްގައި އަދި އެ ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދު--ފޮޓޯ/ޕިންކްވިލާ ފިލްމު "ކިންގް" ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފައި ވަނީ ޝާހު އާއި ސިދާތު އެކީގައި މަސައްކަތްކުރި ފިލްމު "ޕަތާން" ބެލުންތެރިންނަށް ގެނެސްދިންތާ ތިން އަހަރު ފުރުމުގެ މުނާސަބާއާ ގުޅިގެންނެވެ. ޝާހުއަށް ފިލްމު "ކިންގް" މުހިއްމުވާ މައިގަނޑު ސަބަބަކީ މިއީ އެކްޓަރުގެ އަންހެން ދަރިފުޅު އަދި މިހާރު ފިލްމު އިންޑަސްޓްރީއަށް ތައާރަފްވެފައިވާ ޒުވާނާ ސުހާނާ ޚާންގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމަށް ވުމެވެ. އެހެންވެ މި ފިލްމަކީ އެންމެ ފުރިހަމައަށް ސްކްރީނަށް ގެނެސްދިނުމަށްޓަކައި ކިތަންމެ ބޮޑު ހޭދައެއް ކުރަންވެސް ޝާހު ހުރީ ތައްޔާރަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މިއީ ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ ފިލްމެއް ކަމަށް ފިލްމީ ޚަބަރުތަކުން ބުނެފައިވީ ނަމަވެސް ސީދާ އަދަދެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ވަރަށް ބޮޑު ކާސްޓަކާ އެކު ގެނެސްދޭ މި ފިލްމުގެ މުހިއްމު ރޯލްއިން ދީޕިކަ ޕަދުކޯން، ރާނީ މުކަރުޖީ، އަބިޝޭކް ބައްޗަން، އަނިލް ކަޕޫރު، އަރުޝަދު ވަރރުސީ، ޖެކީ ޝްރޮފް، ސޯރަބް ޝުކްލާ، ޖައިދީޕް އަހުލަވާތު، އަކްޝޭ އޮބޮރޯއި، ކަރަންވީރު މަލްހޯތުރާގެ އިތުރުން ރާގަވް ޖުޔަލް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ