ދަނާލުގައި މަރުވި ކުއްޖާ އެފްސީޕީޑީ އާއި 911އަކަށް ނުގުޅާ: އިހުސާން

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި ޒުވާނަކު މަރުވުމުގެ ކުރިން، އެކި ފަހަރުމަތިން ފުލުހުންގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު (އެފްސީޕީޑީ) އާއި 911އަށް ގުޅައި އެހީތެރިކަން ހޯދަން މަސަައްކަތްކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ދޮގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޔޫގައި ކިޔަވާ 18 އަހަރުގެ ދަރިވަރަކު، ދަނާލުގައި އޭނާ ދިރިއުޅޭ ކޮޓަރިތެރޭ މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ކުއްޖާ މަރުވީ ބުލީގެ ޝިކާރައަކަށްވެގެން ކަމަށާއި މަރުވުމުގެ ކުރިން އެ ރޭ އެކުއްޖާ ފުލުހުންގެ އެހީތެރިކަން ހޯދަން އެކި ފަހަރުމަތިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަތައް ފެތުރެމުންނެވެ. އަދި އެކަމަށް ފުލުހުން ޒިންމާވާންޖެހޭނެ ކަމަށް ބުނެ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ވެސް ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.
ބުނީ ކީކޭ؟ - ހޯމްލޭންޑް މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވަނީ، މި ވާހަކަތައް ދޮގުކުރައްވާފަ އެވެ. އަދި އެ ރޭ ކަން ހިނގިގޮތުގެ ޓައިމްލައިނެއް ހިއްސާކުރެއްވި އެވެ. 
އެ ކުއްޖާ މަރުވި ރޭ ކަން ހިނގި ގޮތް ކަމަށް އިހުސާން މިއަދު ހިއްސާކުރެއްވި ޓައިމްލައިންގައިވާ ގޮތުން:
ހޯމަ ދުވަހުގެ ރޭގަނޑު 8:40 ހާއިރު ވިކްޓިމް ސަޕޯޓަށް މެސެޖެެއް ލިބުނު؛ އެ މެސެޖުގައި ވަނީ "އައިއެމް ސޯ ކްލޯސް ޓު ގިވްއަޕް"
އެ މެސެޖަށް 8:49ގައި ފުލުހުން ޖަވާބުދީ، ވެގެން އުޅޭ ގޮތް ހިއްސާކުރަން ބޭނުންތޯ އަހާފައިވޭ
އެ މެސެޖަށް ޖަވާބުދީ، 8:50ގައި ކުއްޖާ ފޮނުވި މެސެޖުގައި، އޭނާގެ ހިޔާލުތައް ކޮންޓްރޯލު ކުރަން އުނދަގޫވާ ކަމަށް ބުނެފައިވޭ
8:53 - ވަކިވަކިން އެ ކުއްޖާ ކުރި ތިން މެސެޖެއްގައި އެއްވެސް މީހަކަށް ނުގުޅުމަށާއި އޭނާ "އޯކޭ" ކަމަށާއި އޭނާ "އޯކޭ" ވާނޭ ކަމަށް ބުނެފައިވޭ
8:56 - ހިނގާލަން ބޭރަށް ނުކުންނަ ކަމަށް ބުނެ ފުލުހުންގެ ވިކްޓިމް ސަޕޯޓަށް އެ ކުއްޖާ މެސެޖެއްކޮށްފައިވޭ
12:38 - އެ ކުއްޖާ ވިކްޓިމް ސަޕޯޓަށް ފޮނުވި މެސެޖެއްގައި "އައިއެމް ގޯން" ކަމަށް ބުނެފައިވޭ
12:42 - އެ މެސެޖުގެ މާނައަކީ ކޮބައިތޯ އާއި އެހީތެރިވެދެވިދާނެ ގޮތަކީ ކޮބައިތޯ އަހާފައިވޭ 
އޭގެ ކުރިން 12:36ގައި އެ ކުއްޖާގެ ބޭބެއަށް ފޮނުވި މެސެޖެއްގައި އިތުރަށް އޭނާގެ ސަބަބުން އުނދަގޫ ނުވާނެ ކަމަށް ބުނެފައިވޭ
12:57 - ވިކްޓިމް ސަޕޯޓާއި އެ ކުއްޖާ ވާހަކަދައްކަމުންދިޔަ ވައިބާ ނަންބަރު އޮފްލައިންވެފައިވޭ
އެ ކުއްޖާގެ ބޭބެއަށް މެސެޖެއްކޮށްފައިވާ ކަމަށް 1:02ގައި މައުލޫމާތު ލިބުމުން ބޭބެއަށް ގުޅައި އެފަދަ ކަމެއް ހިނގާފައިވާ ކަމަށް މައުލާތުދީ، އާއިލާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިއުމަށް ފުލުހުން އެދިފައިވޭ
1:03 - ފުލުހުންގެ ކޮމާންޑު ސެންޓަރަށް އެ މައުލޫމާތުދީ އެތަނަށް ފުލުހުން ފޮނުވައިދިނުމަށް ފުލުހުންގެ  ވިކްޓިމް ސަޕޯޓުން އެދިފައިވޭ
1:08 - ފުލުހުން ދަނާލަށް ވަދެފައިވޭ
1:14 - އެ ކޮޓަރިއަކީ ކޮބައިތޯ ދެނެގަންނަން ފުލުހުން މަސައްކަތްކޮށްފައިވޭ
1:32 - ކޮޓަރި ދެނެގަނެވިފައެއްނުވޭ؛ އެކަމަކު ކޮޓަރި ތަޅުލާފައި ހުރުމުން ފެން ލައިޓުން ބެލިއިރު ކުއްޖާ ކޮޓަރިތެރޭގައި ދަންޖެހިފައި ހުއްޓާ ފެނިގެން ފެން ލައިޓުން ކޮޓަރިއަށް ފުލުހުން ވަދެފައިވޭ
އެ ކުއްޖާ މަރުވުމުގެ ކުރިން، އެ ރޭގެ އެކި ވަގުތުތަކުގައި އެފްސީޕީޑީ އާއި ފުލުހުންގެ 911އަށް އެ ކުއްޖާ ގުޅާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
"އެއީ ކަނޑައެޅިގެން ދޮގެއް. ފުލުހުންގެ ވެސް އަދި ސަރުކާރުގެ ވެސް އެއްވެސް މި ބާވަތުގެ ނަންބަރަކަށް މި ނަންބަރުން އަދި މިކުއްޖާ ވެސް ގުޅާފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް. އަޅުގަނޑުމެންނަށް ކަށަވަރުކުރެވިފައިވޭ ފުލުހުންގެ 911އަށް ވެސް އަދި އެފްސީޕީޑީއަށް ވެސް ގުޅާފައިނުވާކަން،" އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ، މި މައްސަލާގައި ފުލުހުން އަަމަލުކޮށްފައިވާ ގޮތް ބަލާނެ ކަމަށާ އަދި ރަނގަޅުކުރެވެން ހުރި ކަންކަން ބަލައި އެކަންކަން ރަނގަޅު ކުރާނެ ކަމަށެވެ.
އިހުސާން ވަނީ މިފަދަ ވާހަކަތައް ފެތުރުމުގައި ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. އަދި މިފަހަކުން ފުލުހުންނަށް ހުށަހެޅޭ ކުޑަކުދިންނާ ގުޅޭ އެފަދަ މައްސަލަތައް އިތުރުވެފައިވާތީ އެކަންކަމަށް އާއިލާތަކުންނާއި ބެލެނިވެރިން ސަމާލުވުމަށް ވެސް އޭނާ އިލްތިމާސްކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ