ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދަމުންދާ ކުދިންގެ ގަޔަށް ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިވާ ލޭ އަޅާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކާއި މަންސަތަކުގައި ފަތުރަމުންދަނީ ދޮގު ޚަބަރުތަކެއް ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ބުނެފިއެވެ.
އެމްބީއެސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ 19 ވީ އާދީއްތަ ދުވަހުގެ ރޭ 21:00 ގައި ހިދުމަތް ނިންމައި މަރުކަޒު ބަންދުކުރި ފަހުން، ލޭ ރައްކާކުރާ ފްރީޒަރަކަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ.
މި މައްސަލަ ފާހަގަކުރެވުނީ އެރޭ 23:21 ހާއިރު ފްރީޒަރުގެ ފިނިހޫނުމިން މޮނިޓާ ކުރާ އެލާޓް ސިސްޓަމުން މެސެޖް ލިބުމާ ގުޅިގެންނެވެ.
އެލާޓް ލިބުމާއެކު އެމްބީއެސްގެ ތިން މުވައްޒަފަކު ވަގުތުން މަރުކަޒަށް ހާޒިރުވެ، ފްރީޒަރުގައި ހުރި 12 ލޭ ޕެކެޓް ވަނީ ސްޓޭންޑް-ބައި ފްރީޒަރަކަށް ބަދަލުކޮށްފައި ކަމަށާއި، ފްރީޒަރުގެ ފިނިހޫނުމިން 11 ޑިގްރީ ސެލްސިއަސްއަށް އަރާފައިވީ ނަމަވެސް، ސިއްހީ މިންގަނޑުތަކަށް ބަލާއިރު 10 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިނުވާ ގޮތަށް 24 ގަޑިއިރު ވަންދެން ލޭ ރައްކާތެރިކަމާއެކު ބެހެއްޓޭނެ ކަމަށް ބަޔާނުގައިވެއެވެ.
އެހެންކަމުން، އެ ދުވަހު އަޅާފައިވާ ލެޔަކީ ކުނިވެފައި ނުވަތަ ތަޣައްޔަރުވެފައިވާ ލެޔެއް ނޫންކަމުގެ ފުރިހަމަ ޔަގީންކަން އެ އިދާރާއިން އަރުވައެވެ.
ނަމަވެސް، މި ހާދިސާއާ ގުޅިގެން އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ދަނިކޮށް، މި މަހުގެ 20 ވީ ހޯމަ ދުވަހުގެ ހެނދުނު، ތެލަސީމިއާ ސެންޓަރުގައި ތިބި ތިން މީހަކަށް އެ ލޭ އަޅާފައިވާކަން ހެނދުނު 09:30 ހާއިރު ވަނީ ފާހަގަކުރެވިފައެވެ. އެމްބީއެސް އިން ބުނީ ލޭ އަޅާފައިވަނީ އެކަން ފާހަގަވުމުގެ ކުރިން ކަމަށާއި، އެކަން އެނގުމާއެކު އެ ފަރާތްތަކަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
މި ކަމުގައި އިހުމާލެއް ވެފައިވޭތޯ ބެލުމަށްޓަކައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން މިހާރު ވަނީ ތަހުގީގު ޓީމެއް އެކުލަވާލައި ތަހުގީގު ފަށާފައެވެ. މިގޮތުން، ލޭ އެޅުމުގެ ކުރިން ދޭންޖެހޭ މައުލޫމާތު ދިނުމުގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ މުވައްޒަފަކު، ތަހުގީގުގެ ބޭނުމަށް މި މަހުގެ 23 އިން ފެށިގެން އޮފީހަށް ނުކުތުން ވަނީ މަނާކޮށްފައެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް އިން އިތުރަށް ބުނީ، މިފަދަ ހާދިސާތަކުގައި ކަންކަން ކުރިއަށްދާނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
އަދި ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ އިދާރާގެ އެންމެ އިސް މަގްސަދު ކަމަށް ވެސް ވަނީ ބުނެފައެވެ.
ތެލަސީމިއާ ޕޭޝަންޓުންގެ ގަޔަށް ކުނި ލޭ އެޅި ކަމަށް ބުނެ ފަތުރަނީ ދޮގެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ