ލޭ ރައްކާކުރުމަށް ބޭނުންކުރާ ފްރީޒަރެއްގެ ފިނިހޫނުމިނަށް ދިމާވި މައްސަލައަކާ ގުޅުވައި، ތެލަސީމިއާ ކުދިންނަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބުނާ ވާހަކަ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ދޮގުކޮށްފިއެވެ.
މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މިކަން ހާމަކުރެއްވީ މިމަހުގެ 19ވަނަ ދުވަހު ލޭ ރައްކާކުރުމަށް ބޭނުންކުރާ ފްރީޒަރެއްގެ ފިނިހޫނުމިނަށް މައްސަލައެއް ދިމާވި ހާދިސާއަކާ ގުޅުވައި، ތެލަސީމިއާ ކުދިންނަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާގުޅިގެންނެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ނެރުނު ބަޔާނުގައި ވިދާޅުވީ، މިމަހުގެ 20ވަނަ ދުވަހު ތެލެސީމިއާ ކުދިންނަށް އަޅާފައިވާ ލެޔަކީ، ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިހުރި ލޭ ނޫންކަމުގެ ޔަޤީންކަން ސިއްޙީ ގޮތުން ބަލާއިރު އެނގޭކަމަށެވެ.
އެބަޔާނުގައި ވިދާޅުވީ، މިމަހުގެ 19ވަނަ ދުވަހު މޯލްޑިވްސް ބްލަޑް ސަރވިސްގެ ޚިދުމަތްދީ ނިންމައި މަރުކަޒު ބަންދުކުރިފަހުން ލޭ ރައްކާކުރުމަށް ބަހައްޓާ ފްރީޒަރު ނަންބަރު 2ގައި 6 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގެ ފިނިހޫނުމިނުގައި ލޭ އެޅުމަށް ނެގުމަށް ރައްކާކޮށްފައިވަނިކޮށް 2 ނަންބަރު ފްރީޒަރަށް ޓެކްނިކަލް މައްސަލައެއް ދިވާވެފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން ކަމާގުޅޭ 5 މުވައްޒަފަކަށް އެލާޓް ދިޔުމުން 3 މުވައްޒަފަކު ފްރީޒަރު ހުންނަ ކޮޓަރިއަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ހާޒިރުވެ، ސްޓޭންޑްބައި ފްރީޒަށް 12 ލޭ ޕެކެޓް ބަދަލުކޮށްފައިވާކަމަށެވެ.
އެ ބަޔާނުގައި ވިދާޅުވީ، އާންމުގޮތެއްގައި ފްރީޒަރުގެ ފިނިހޫނުމިން ބަހައްޓަންވާނީ 2 އާއި 6 ޑިގްރީއާ ދެމެދުގެ ފިނިހޫނުމިނެއްގައި ކަމުގައިވިޔަސް ފިނިހޫނުމިން 11 ޑިގްރީ އަރާފައިވާކަން ފާހަގަވުމުން އެ މިންވަރުގައި ހުރީ ކިހާ ވަގުތެއް ވަންދެން ކަމެއް ސިސްޓަމުގައި އޮޓޯއިން ލޮގު ކުރެވިފައިހުރި ރެކޯޑުތައް ބަލައި ޗެކްކުރުމުންވެސް ސިސްޓަމުން ސާފުކުރެވިފައި ނުވާކަމަށެވެ.
ނަމަވެސް ފްރީޒަރަށް މައްސަލައެއް ދިމާވާ ހާލަތެއްގައި 10 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިނުވާގޮތަށް 4 ގަޑިއިރު ވަންދެން ރައްކާތެރިކަމާއެކު ފްރީޒަރުގައި ލޭގެ ޕެކެޓްތައް ބެހެއްޓޭނެކަން ސިއްޙީ މިންގަނޑަކުން އެނގެން އޮންނަކަމަށެވެ.
އެހެންކަމުން މިމަހުގެ 20ވަނަ ދުވަހު ތެލެސީމިއާ ކުދިންނަށް އަޅާފައިވާ ލެޔަކީ، ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިހުރި ލޭ ނޫންކަމުގެ ޔަޤީންކަންއޮތްކަމަށް ވިދާޅުވިއެވެ.
އެ ބަޔާނުގައި ވިދާޅުވީ، ފްރީޒަރަށް މައްސަލަ ދިމާވުމާ ގުޅިގެން އިދާރާއިން ބަލަންޖެހޭ ކަންކަން ބަލައި ދެނެގަތުމުގެ މަސައްކަތް ކުރަމުން ދިޔަ ވަގުތުގެ ތެރޭގައި، މިމަހުގެ 20ވަނަ ދުވަހު ތެލަސީމިއާ ސެންޓަރުގައި ލޭއެޅުމަށްޓަކައި ތިބި 3 މީހަކަށް، އެމީހުންނަށް ލޭ އެޅުމުގެ ބޭނުމަށް އޭގެ ކުރީ ދުވަހު ކަނޑައަޅައި ފްރީޒަރުގައި ރައްކާކޮށްފައި ހުރި ލޭ ހެނދުނުގެ ވަގުތެއްގައި އަޅާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ލޭ އަޅާފައިވާކަން ފާހަގަވީ އެމީހުންނަށް ލޭ އަޅާ ނިމުނުފަހުން ކަމަށް ވިދާޅުވިއެވެ.
ކަންހިނގައިދިޔަ ގޮތަށްބަލައި، ލޭ އެޅުމުގައި ޝާމިލްވާ ޚިދުމަތްތެރީން ފާހަގަކޮށް އިހުމާލު ވެފައިވޭތޯ ކަށަވަރުކުރުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ތަޙުޤީޤު ޓީމެއް އެކުލަވާލައި، ތަޙުޤީޤެއް ފަށާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ލޭ އެޅުމުގެ ކަންކަމާ ހަވާލުވެހުރި ފަރާތުން، ލޭ އެޅުމުގެ ކުރިން އަންގަންޖެހޭ މަޢުލޫމާތު އެންގުމުގައި އިހުމާލުވެފައިވާކަމަށް ތުހުމަތުކުރެވި މިމަހުގެ 23 ވަނަ ދުވަހު ތަހުޤީގު ބޭނުމަށް އޮފީހަށް ނުކުތުން މަނާކުރެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން އެބަޔާނުގައި ވިދާޅުވީ، މިމަހުގެ 20ވަަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅިގެން އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންކަން އިންތިޒާމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ތެލަސީމިއާ ކުދިން ތިބޭ ޓެލެގްރާމް ގްރޫޕްގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ފަރާތުން އާންމުކުރުމާއެކު މަޢާފަށްވެސް އެދި މެސެޖެއް ނެރެފައިވާކަމަށެވެ.
އަދި ލޭ އެޅުނު ފަރާތެއްގެ އާއިލާ ހިމެނޭހެން ބައްދަލުވުމެއް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އިންތިޒާމްކުރުމާއެކު އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އެހުމާއެކު އެފަރާތްތަކަށް އެވަގުތާ ހަމައަށް ހާމަކުރެވެންހުރި ސައްހަ އަދި ފުރިހަމަ މަޢުލޫމާތު ފޮރުވުމެއްނެތި ހިއްސާކޮށްފަވާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވިއެވެ.
އެހެންކަމުން މިމަހުގެ 20ވަނަ ދުވަހާ ހަމައަށް ތެލަސީމިއާ ކުދިންނަށް ހިއްސާކުރި މަޢުލޫމާތުތަކެއް ހިމަނައިގެން، ކަމުގެ ހަޤީގަތް އޮޅުންއަރާގޮތަށް، ތެލަސީމިއާ ބަލި ތަަޙައްމަލު ކުރާ ފަރާތްތަކާއި، ލޭ އެޅުންފަދަ މުހިންމު ޚިދުމަތްތަކާ ގުޅުވައި އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް މަޢުލޫމާތާއި ޚަބަރު ނުފެތުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
"ތެލަސީމިއާ ކުދިންގެ ގަޔަށް އެޅިފައިވަނީ ތަޣައްޔަރުވެފައިވާ ލެޔެއްނޫން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ