ހޯރަފުށީ މަގު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ކައުންސިލް އިންތިހާބަށް ދެ ހަފްތާއެއްހާ ދުވަސް އޮއްވާ، ހއ. ހޯރަފުށީގެ މަގު ހަދަން އެމްޓީސީސީއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮންސްޓްރަކްޝަން މިނިސްޓްރީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި، އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރިކަން ވަނީ ހާމަކޮށްފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއަކީ ހޯރަފުށީ މަގުތައް ތަރައްގީކުރުމުގެ ތިން ވަނަ ފިޔަވައްސެވެ.
ތަފްސީލު - މި މަޝްރޫއުގެ އެއްބަސްވުމުގައި:
މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ޝާމިލް
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރު ހަސަން ނައުފަލް
އެއްބަސްވުމުގައި ސޮއިކުރުމަށް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއުގެ އަގާއި ހޭދަވާނެ މުއްދަތު އަދި ކުރާނެ ކަންކަމުގެ މައުލޫމާތެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
ފާހަގަކޮށްލެވޭ - މިއީ މި މަސް ތެރޭ އެ މިނިސްޓްރީން ސޮއި ކުރި މިފަދަ ހަތަރު ވަނަ އެއްބަސްވުމެވެ. މީގެ ކުރިން މާލޭ މާރުކޭޓު ތަރައްގީ ކުރުމާއި ގދ. ފަރެސްމާތޮޑާ ބަނދަރު އަދި ގދ. މަޑަވެލި ބިން ހިއްކުމުގެ މަޝްރޫއުގައި ސޮއިކޮށްފައިވެ އެވެ.
ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ގިނަ މަޝްރޫއުތަކެއްގައި ސޮއިކުރަން މިހާރު ފަށާފައިވާއިރު، 2024ގައި ބޭއްވި މަޖިލިސް އިންތިހާބާ ދިމާކޮށް ވެސް ގިނަ މަޝްރޫއުތަކެއްގައި ސޮއި ކުރި އެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަދިވެސް ނުފެށެ އެވެ.
މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވެސް އިންތިހާބުތަކާ ދިމާކޮށް މިގޮތަށް ތަރައްގީގެ މަޝްރޫއުތަކުގައި ސޮއިކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ