ފިތުރު އީދުގެ އުފާވެރި މުނާސަބާގަައިވެސް ފަލަސްތީނާއި، މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމުން ތަހައްމަލުކުރަމުންދާ ހުރިހާ ވޭނެއްގައި ދިވެހީން ބައިވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ މި އަހަރުގެ އީދުގެ އުފާ އަޅުގަނޑުމެންގެ އިސްލާމީ އުންމަތާ ބައްދަލުކުރިއިރު، އުންމަތް މިވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށެވެ. ހާއްސަކޮށް، ފަލަސްތީނުގައި، އާންމުކޮށް މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމު އެތައް އަހުންނާއި އުހުތުންނެއް ވަނީ ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށްވާތީ، މި ހުރިހާ ވޭނެއްގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި މި ހާލަތުގައި އެދެވެނީ އަވަސް ގޮތެއްގައި އެ ލޮބުވެތި އަހުންނާއި އުހުތުންނަށް އަމާންކަމާއި ރައްކާތެރިކަމަށާއި، މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
“މާތް ﷲ އިސްލާމީ އުންމަތަށް ނަސްރާއި ރައްކާތެރިކަން ދެއްވާށިއެވެ! ދިވެހި ގައުމަށް ހެވާއި ލާބަ މިންވަރު ކުރައްވާށިއެވެ! ކުރިޔަށް އޮތް އަހަރަކީ ބާއްޖަވެރި، އަމާން، ތިޔާގި އަހަރެއް ކަމުގައި ލައްވާށިއެވެ!” ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވީ މިއަދަކީ އިސްލާމީ އުންމަތަށް ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ. އަދި ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދު ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރަނީ، ބަރަކާތްތެރި ރަމަޟާން މަހުގެ މަތިވެރި އަޅުކަމަށް ފަހު، އެ އަޅުކަން ފުރިހަމައަށް އަދާކުރެވިއްޖެ ކަމުގެ އުންމީދާއެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ. ްަދި އެ މާތް މައްސަރުގައި ލައްވާފައިވާ ރުއްސެވުމާއި، ފުއްސެވުމާއި، ނަރަކައިން މުއްތިކުރެއްވުން އަޅުގަނޑުމެންގެ މައްޗަށް، ދީލަތިވަންތަ ﷲ ހިންމަވައިދެއްވައިފި ކަމުގެ އިތުބާރާއި ހިތްހަމަޖެހުމާއެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އީދު އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އުފާކުރުމަށާއި އުފާފާޅުކުރުމަށް ކަމަށެވެ. ނަމަވެސް އެއީ، މާތް ﷲ އަޅުގަނޑުމެންގެ މައްޗަށް ފަރުޟުކުރެއްވި ރޯދައިގެ އަޅުކަން އަދާކުރެވުމުގެ އުފާ ކަމަށާއި، އެއީ ކީރިތި ގުރްއާން ކިޔެވުމާއި، ޒިކުރުކުރުމާއި، އިސްތިޣްފާރު ކުރުމުގައި ރޯދަމަހުގެ ރޭތަކާއި ދުވަސްތައް ހޭދަކުރެވުނީތީ އެކަމުގެ އުފާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި ނިކަމެތިކަން ތަހައްމަލުކުރާ ފަރާތްތަކަށް ދީލަތިވެވުމުގެ އުފާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރުކޮށް ދަންނަވާނަމަ، އީދުގެ އުފަލަކީ މާތް ﷲއަށް ހަމްދުކުރުން ކަމަށާއި، އެކަލާނގެ ދެއްވި ނިއުމަތްތަކަށް ޝުކުރުކުރުން ކަމަށެވެ. އަދި މުސްލިމުން އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކުރުމާއި، އެއީ ފަރުދީ ގޮތުންނާއި، ޖަމާއަތުގެ ގޮތުން ހިތްތަކަށް ހަމަޖެހުން ހޯދައި މުޖުތަމައުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
”އިސްލާމްދީނުގައި އެއްވެސް ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ މިންގަނޑުން ބޭރުވުމެއް ނެތެވެ. އީދުގެ އުފާފާޅުކުރުން ވެސް އޮތީ އެގޮތުގައެވެ. އެހެންކަމުން، އީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމެވެ. އެހެނީ އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ ހެޔޮކަމަށެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މާތް ސިފަތަކަށެވެ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަކިވެގެންދިޔަ ރޯދަމަސް އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ އަޅުގަނޑުމެންގެ ނަފުސުތަކަށާއި ގުނަންތަކަށް މުހިންމު ތަމްރީނުތަކެއް ދީފައި ކަމަށެވެ. އަދި ރަނގަޅު ބަސްތައް މެނުވީ އަޅުގަނޑުމެންގެ ދޫތަކުން ނުބުނުމާއި ރަނގަޅު އަމަލުތައް މެނުވީ ގުނަންތަކުން ނުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އީދުގެ އެއް ފަރާތުގައި ވަނީ ރޯދަމަސް ކަމަށާއި، އަނެއް ފަރާތުގައި ވަނީ ހަ ރޯދަ ކަމަށެވެ. އޭގެ މާނައަކީ ހެޔޮ އަމަލުތަކުގެ މަތީގައި ދެމިތިބެން އިސްލާމްދީން ގޮވާލަނީ ވަރަށް ފުރިހަމަ ނިޒާމަކުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރޯދަ ނިމުނީމާ އަޅުކަމާއި އަޅުވެރިކަމުގެ ދުވަސްތައް ނިމުނީ ނޫން ކަމަށާއި އަލުން ފަށައިގެން ކުރިޔަށް ދިޔުމުގެ ދައުވަތު ހަ ރޯދައިން އެބަ ލިބިދޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ފަލަސްތީނާއި އެހެން ބިންތަކުގައި މުސްލިމުން ތަހައްމަލުކުރަމުންދާ ހުރިހާ ވޭނެއްގައި ދިވެހީން ބައިވެރިވޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ