ދައްތަގެ ކުއްލި އަލްވަދާއު، 7 ކުދިންގެ ޒިންމާ

ފަތިހުގެ އަލިކަން ފެތުރުމުގެ މާކުރިން، މައިސާ އިސްހާގްގެ ގޭތެރެ ހަލަބޮލިވާން ފަށަ އެވެ. ސިޒޭރިއަންއަށް ފަހު އަދި މުޅިން މީހާ ހަމައަކަށް ނޭޅުނު ނަމަވެސް، އެންމެ 3 މަހުގެ ދަރިފުޅު ގޮވައިގެން، ގޭތެރެ ހަމައަކަށް އެޅުވޭތޯ މަސައްކަތް ފަށަ އެވެ.
ފުރަތަަމަ، އެނދުމަތިވެފައިވާ 18 އަހަރުގެ ބަލި ކުއްޖާގެ ހަބަރު އޭނާ ބަލަ އެވެ. ދެން އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ ހޭލައްވަ އެވެ. އުމުރުން 13 އަހަރާއި ދިހަ އަހަރާއި ހަތް އަހަރުގެ ކުއްޖާ ސްކޫލަށް ގެންދިޔުމުގެ ތައްޔާރީތައް ފަށަ އެވެ. ފަސް އަހަރުގެ އަންހެން ދަރިފުޅު ހޭލަން ވާއިރަށް ސައި ދޭނެ އެއްޗެއް ތައްޔާރުކުރަން ޖެހެ އެވެ.
އެއް ފަހަރާ ހަތް ކުދިންގެ ޒިންމާ ނަގާފައިވާ އުމުރުން އެންމެ 29 އަހަރުގެ މި ޒުވާނާގެ ދިރިއުޅުން ހަމަކުއްލިއަކަށް ވަރަށް ބިޒީ ވެއްޖެ އެވެ. ހަމަޖެހިލާނެ ހަމަ އެންމެ ހިނދުކޮޅެއް ވެސް ނުލިބެ އެވެ. އެކަމަކު މިއީ މައިސާ ކަށިން ހިތްވަރު ނެރެން ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެންމެ ކުޑައިރުއްސުރެ އޭނާ އުޅެން މަޖުބޫރުވީ، ގައިގާ ނެތް ހިތްވަރު ނެރެގެން، ކަރުނަތައް ފޮހެލައިގެން، ދުނިޔެއަށް ހިނިތުންވުމެއް ދައްކައިގެންނެވެ.
މައިސާ ކިޔައިދިނެވެ؛ އޭނާގެ އެންމެ ކުރީގެ އެއް ހަނދާނަކީ ވެސް އުމުރުން 6 އަހަރުގައި އައި ފޯނު ކޯލެކެވެ. ރަށުގެ ބޫތަށް ގުޅާފައި ބައްޕަ ބުނީ، ކެންސަރު ބަލީގައި އޭރު މާލޭގައި ފަރުވާ ހޯދަމުން ދިޔަ މަންމަ މަރުވި ވާހަކަ އެވެ. ބައްޕަ ގުޅީ ދެން ދުވަހަކު ވެސް މަންމައާ ބައްދަލު ނުވާނެ ހަބަރު ދޭން ވެގެންނެވެ.
އެ ދުވަހު މައިސާގެ އެންމެ ބޮޑު މަދަދުގާރަކީ އޭނާގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ދައްތަ އެވެ. ދައްތަ ގައިގާ ބައްދައިގެން ހުރެ އެތައް އިރަކު އޭނާ ރުޔެވެ. އޭރު އުމުރުން 12 އަހަރުގެ މަރިޔަމް އިސްހާގު، އޭނާގެ އިހުސާސްތައް އޮބަހައްޓަމުން ކޮއްކޮއަށް ނަސޭހަތްތެރިވި އެވެ. ތަސައްލީ ދިނެވެ.
މަންމަގެ ކުއްލި ވަކިވުމާ އެކު އެ ދެބެން އެކަނި ވިއެވެ. ބައްޕަގެ ލޯތްބާއި އޯގާތެރިކަމުން މަހުރޫމްވި އެވެ. މައިސާގެ ބަހުން ނަމަ ދެން އެ ދެބެން ދިރިއުޅެން ފެށީ އެކަކު އަނެކެއްގެ ކައިރިން ހިތްވަރު ހޯދައިގެންނެވެ. ބައްޕަ ގެއިން ނެރެލުމުން ކޮންމެވެސް ގެއެއްގައި އުޅެން ދަނީ އެވެ. އެހާ ކުޑައިރުއްސުރެ އުޅުނީ އެއްގެއިން ކައިގެން އަނެއް ގެއިން ނިދައިގެންނެވެ.
ވަރަށް ޅައުމުރުގައި މަރިޔަމް ކައިވެނި ކުރަންދެން އެ މީހުން އުޅުނީ އެހެންނެވެ. ފުރަތަމަ ކައިވެނި ރޫޅި، ދެ ވަނަ ކައިވެންޏެއްކޮށް ދައްތަ ރަށުން ބޭރަށް ދިޔުމުން، ދުވަސްކޮޅެއް ފަހުން، ދައްތަ ފަހަތުން އޭނާ އެ ރަށަށް ވެސް ދިޔަ އެވެ. ގިނަ ދުވަސްތަކަކަށް އެ ދެމީހުން ވަކިވީ މައިސާ ކައިވެނިކޮށް، ރ. އުނގޫފާރަށް ބަދަލުވުމުންނެވެ.
މައިސާ ބުނީ އޭނާ އެނބުރި އުފަން ރަށް، ހދ. މަކުނުދޫއަށް ދިޔައީ ދައްތަގެ އެދުމުގެ މަތިން ދެ މީހުން އެކުގައި އުޅެން ބޭނުންވާތީ އެވެ. ފޯނުން ކޮންމެ ދުވަހަކުހެން ވާހަކަ ދައްކައި، ހީ ސަމާސާކޮށް ހެދި ނަމަވެސް، ދެބެންނަށް، ކައިރީގައި އެކަކު އަނެކަކު ނެތްކަމުގެ ފަޅުކަން އިހުސާސްވާތީ އެވެ.
އެކަމަކު ނޭނގި އޮތް ކަމަކީ އެއީ ވެސް ވަގުތީ ބައްދަލުވުމެއް ކަމެވެ. 
މައިސާ ރަށަށް ބަދަލުވިތާ އަދިވީ ދެތިން އަހަރެވެ. ދެ މީހުން ވެސް ފުރަތަމަ އުޅުނީ ބައްޕަގެ ގެއިން ތަންކޮޅެއް ހަދައިގެންނެވެ. އެކަމަކު ގިނަ ކުދިން ތިބުމާއެކު ދެ ކޮޓަރީގައި އެ އެންމެން އުޅުން ފަސޭހަކަމަކަށް ނުވި އެވެ. އެހެންވެ، ވާހަކަ ދައްކައިގެން ނިންމީ، އެ ހެދި ބައި ކުއްޔަށް ދީފައި، އެއަށް ވުރެ ބޮޑު ތަނަކަށް ބަދަލުވާންށެވެ.
އާގެއަށް ބަދަލުވިތާ މާގިނަ ދުވަސްތަކެއް ނުވެ އެވެ. މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 12 ޖަހަން އުޅެނިކޮށް، މަރިޔަމްގެ ކުޑަ އަންހެން ދަރިފުޅު ދުވަމުން އައިސް ދިނީ، އޭނާގެ އުމުރުން 6 އަހަރުގައި ލިބުނު ފަދަ ބިރުވެރި ހަބަރެވެ. އެއްބަނޑު ވިޔަސް، އެއްބަފާ ވިޔަސް އާއިލާގައި ހުރި ހަމައެކަނި އިންސާނާ މަރުވީ އެވެ.
އުމުރުން 35 އަހަރުގައި ކުއްލި ގޮތަކަށް މަރިޔަމް އިސްހާގް މަރުވީ، ކުޑަ ތިން ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ދޫކޮށްފަ އެވެ.
"އެއީ އަޅުގަނޑުގެ މަންމަ އާއި ބައްޕަ. އެ ވަކިވީ ހަމަ އަޅުގަނޑުގެ މަންމައާ ބައްޕަ،" އަސަރާ އެކު މައިސާ ބުންޏެވެ.
މަރިޔަމް މަރުވީ މާ ބޮޑަށް ބަލިވެ އުޅެފައެއް ނޫނެވެ. ބޮލެއްގައި ރިއްސާތީ މީގެ ދެތިން މަސް ކުރިން މާލެ ގޮސް ޑޮކްޓަރަށް ދެއްކުމުން އެނގުނީ މައިގްރޭން ހުރި ކަމެވެ. އޭނާ ދިޔައީ މައިގްރޭންއަށް ބޭސްކަމުންނެވެ. މަރުވުމުގެ ދެ ދުވަސްކުރިން، މާބޮޑަށް ވަރުދެރަވާތީ މަރިޔަމް ގޮވައިގެން މައިސާ ޑޮކްޓަރަށް ދިޔަ އެވެ. ކޮލެސްޓްރޯލް އާއި ލޭ މަތިވުން ފިޔަވައި އެހެން ގޯހެއް އުޅޭ ކަމަކަށް ޑޮކްޓަރު ނުބުނެ އެވެ.
އެކަމަކު ހަތް ވަނަ ދުވަހުގެ ރޭ ފާހާނާގައި ހުއްޓާ ކުއްލިއަކަށް ވެއްޓުނީ މަރުވެގެންނެވެ.
ކިތަންމެ ހިތްދަތިވިޔަސް، ހިތްފުރާ ރޯކަށް މި ފަހަރު މައިސާއަކަށް ވަގުތެއް ނެތެވެ. ދައްތަ ދޫކޮށްފައި ދިޔަ އަމާނާތާ އޭނާ ހަވާލުވާން ޖެހެ އެވެ. ކިރިޔާ ތިން މަސްވި ތުއްތު ކުއްޖެއް އުރުގައި އޮތެވެ. ދައްތަގެ ދޮށީ ދަރިފުޅު، ވާހަކަ ނުދެއްކޭ، އިށީނދެ ވެސް ނުލެވޭ ހާލަތުގައި އެނދުމަތީގައި އެބަ އޮތެވެ. ދައްތަގެ 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކާއި 7 އަހަރުގެ ކުއްޖެއް ހުރި އިރު، މައިޝާގެ 10 އަހަރާއި 5 އަހަރުގެ ކުއްޖާ ކައިރީގައި ހުއްޓެވެ.
"ދައްތަގެ މަރުގެ ހަބަރާ އެކު ވަރަށް ހިތްވަރު ކުރަން ޖެހުނު. އެކަމަކު އެންމެ ފަހުގެ ކަމެއްގެ ގޮތުގައި އަޅުގަނޑު ބޭނުންވީ އަމިއްލައަށް ދައްތަ ހިނަވަން. އެއީ އަޅުގަނޑު އެ ފަދަ ކަމެއް ކުރަން ހިނަވާ ގެއަށް ވަން ފުރަތަމަ ދުވަސް،" މައިސާ ބުންޏެވެ.
"ވަރަށް ރޮވުނު. ކިރިޔާ ނުވެއްޓި ހުރެވުނީ ވެސް. އެކަމަކު މިއަދު ހިތްހަމަޖެހޭ އަމިއްލަ އަތުން ދައްތައަށް ފަހުގެ ވާޖިބު އަދާކުރެވުމުން."
މައިސާ ބުނި ގޮތުގައި އޭނާގެ އެންމެ ބޮޑު ހިތްވަރަކީ ފިރިމީހާ އެވެ. ހިނަވާގެއިން ނުކުތުމާ އެކު ފިރިމީހާ އޭނާއަށް ވައުދުވީ، މައިސާ އެދޭ ނަމަ، އެ ހުރިހާ ކުދިން ވެސް އަމިއްލަ ދަރިންހެން ބަލައިދޭނެ ކަމަށެވެ. އެއްވެސް ކުއްޖަކަށް ތަފާތު ކުރުމެއް ނެތި އެވެ.
ދައްތަ މަރުވީ ކުއްލި ގޮތަކަށް ނަމަވެސް، އޭނާގެ ފަހު ދުވަސްތަކުގައި ކުދިންނާ ގުޅޭގޮތުން ގިނަ ވަސިއްޔަތްތަކެއް ކުރި ކަމަށް މައިސާ ބުންޏެވެ. އެންމެ ބޮޑު ކަމަކަށް އެދުނީ، އޭނާގެ ހުރިހާ ދަރިން ވެސް ބަލައިދިނުމަށެވެ. މަރުވި ދުވަހުގެ ހަވީރު ވެސް، ދޮށީ އަންހެން ދަރިފުޅު ގާތު، 'މަންމަ ނެތް ދުވަހަކުން ދޮންތަ ކައިރީގައި އުޅުމަށް' އެދުނެވެ.
އޭނާ ހުރީ ދައްތަގެ އެ ވަސިއްޔަތް ފުރިހަމަ ކޮށްދޭން އަޒުމު ކަނޑައަޅައިގެންނެވެ. ކިތަންމެ ބުރަޔަސް، މާލީ ގޮތުން ދަތިވިޔަސް އެކަން ކުރަން އޭނާ ހުރީ ނިންމައިގެންނެވެ.
"ދިރިއުޅުން މިހާރު ބަދަލުވެއްޖެ. ދައްތަގެ ދޮށީ މީހާއަށް ހޭހަން ކުރަމުން، ތުއްތު ކުއްޖަކަށް ގާތުން ދެމުން، ފަސް ކުދިން ސްކޫލަށް ގެންގޮސް ގެނެސް، އެ ކުދިންގެ ފިލާވަޅުތައް ނިންމައިދީ، ގޭގައި ކައްކާ ސާފުކޮށް މި ހަދަނީ އެކަނި. އެހެން ކަމަކަށް އެއްގޮތަކަށް ވެސް ވަގުތެއް ނެތް. އެކަމަކު އަލްހަމްދުލިއްލާހި. ވަރަށް ހިތްހަމަ ޖެހޭ،" މައިސާ ބުންޏެވެ.
"މިއީ ﷲ އަޅުގަނޑަށް ކުރެއްވި އިމްތިހާނެއް. އަޅުގަނޑު ގަބޫލުކުރަނީ އެ ކުދިން އަންނާނީ އެ ކުދިންގެ ރިޒްގާ އެކީގައި ކަމަށް. ކުދިންގެ ބައްޕަ ވެސް އެހީވޭ. މިހާރު އަޅުގަނޑުގެ ޒިންމާއަކީ އެ ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުން. ދައްތައަށްޓަކައި އަޅުގަނޑު އެކަންކުރާނަން. އެ އަމާނާތް ބަލަހައްޓައިދޭނަން."
އެޑިޓަރުގެ ނޯޓު: މި ބަރަކާތްތެރި މަހު މައިސާގެ އާއިލާއަށް ސަދަގާތް ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ:
7770000037952 މައިސާ އިޝްހާގް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ