ކަލާނގެ ޙަޟްރަތަށް އެނބުރިދާން އަންނާށެވެ! ދޮރުތައް ހުރީ ހުޅުވިފައެވެ.

ތައުބާގެ ދޮރަކީ އަބަދުވެސް ހުޅުވިފައި ހުންނަ ދޮރެކެވެ. އެހެނަސް ބަރަކާތްތެރި މި މައްސަރުގައި ހުޅުވިފައި ހުރި ރަޙުމަތުގެ ދޮރުތައް ބަންދުނުވަނީސް ކަލާނގެ ޙަޟްރަތަށް އެނބުރިދާން އަންނާށެވެ. ވަރަށް ގިނަ މީހުން ތިބީ ތައުބާވާން ތައްޔާރަށެވެ. އެހެނަސް އަދުނޫންމާދަމައަށް ފަސްކޮށްކޮށް އޭގެ ޢަމަލީ މަސައްކަތް ނުފެށިފައެވެ. ޙަޔާތުގެ އުނދަގޫ ވަގުތުތައް ނިމެންދެނެވެ. ނޫނީ މިހާރު ހިނގާ ވަކި ކަންތައްތަކެއްގެ މޫސުމެއް ނިމެންދެނެވެ. ނޫނީ ދިރިއުޅުމުގައި އުފުލަން ޖެހިފައި އޮތް ޒިންމާތަކަކުން އަތްދޫކޮށްލެވެންދެނެވެ. މިހެން ތިއްބާ ބައެއް މީހުންގެ ޙަޔާތަށް ދިމާވާ ކުއްލި ކާރިސާއަކާ ގުޅިގެން ތައުބާގެ ދޮރުން ވަންނަން މަޖުބޫރުވެއެވެ. އެ މަޖުބޫރީގައި ވެސް ތައުބާ ވެއްޖެ މީހާއަށް ހުރީ އުފާވެރިކަމެވެ. ތައުބާވުން ފަސްކުރުމަކީ އިސްލާމްދީން ތަރުޙީބުދޭ ކަމެއް ނޫނެވެ. ޚާއްޞަކޮށް އޭގެ ފަހި ފުރުޞަތުތައް ގެއްލެންދެން ތިބުމަކީ ހިތާމަހުރި ދެރަ ކަމެކެވެ. ތަކުރާރުކޮށް ﷲ އެ ގެންދަވަނީ އެ އިލާހުގެ އަޅުންނަށް ގޮވައިލައްވަމުންނެވެ. އެނބުރި އެއިލާހުގެ ޙަޟުރަތަށް އައުމަށެވެ. އެބައިމީހުންގެ އަމިއްލަ ހިތްވަރުން ރަނގަޅުވެ ޟާލިޙުންނަށް ވެގެން އަންނައައުމެއް ނޫނެވެ. ކަންކަން އެންމެ އުނދަގޫވެ ފާފައިގެތެރޭ ޣަރަޤުވެގެން ގެނބިގެން ސަލާމަތްނުވާ ހިސާބުގައި ތިއްބައެވެ. ކިތަންމެ ގިނަ ފާފައެއް ކުރެވިފައި ވިޔަސް، އަދި ފާފައިގެ ތެރޭގައި މިހާރު އުޅެމުން ދިޔަ ކަމުގައި ވިޔަސް، މިހާރުންމިހާރަށް ވެސް އެނބުރި އައުމަށް އެ އިލާހު ގޮވައިލައްވައެވެ. ﷲ ވަޙީކުރެއްވިއެވެ. ‎﴿قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ﴾ ‎(الزمر: ٥٣) މާނައީ: " ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙުމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙުމަތްވަންތަ ރަސްކަލާނގެއެވެ." ލޮބުވެތި ކިޔުންތެރިންނޭވެ! ކަލާނގެ ޙަޟްރަތަށް އެނބުރިދާން އަންނާށެވެ. ދޮރުތައް ހުރީ ހުޅުވިފައެވެ. ތިބާގެ ރައްޓެހިންނަށް ވެސް މި މެސެޖުދިނުން ލަސްނުކުރާށެވެ! އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ދުތުރާތިމާގެ މީހުންނަށް ވެސް މި ވާހަކައިން ޚަބަރުކުރާށެވެ. ދަންނާށެވެ! ތައުބާވުމަކީ ފާފަވެރިން އެކަނި ކުރާކަމެއް ނޫނެވެ. ތައުބާނުވުމަކީ ފާފަވެރިކަމެއް ކަމުގައި ދެކޭށެވެ. ތައުބާވުމަކީ ﷲގެ ރުހުން ތިމާއަށް ލިބި ތިމާގެ ނަފުސު އެތައް ބަލިމަޑުކަމަކުން ސަލާމަތްކޮށްދޭ ކަމެކެވެ. އަޅުގަނޑާއި ތިޔަ އަޚާ، ތައުބާ ނުވާންވީ ކީއްވެ ހެއްޔެވެ؟ މި އުންމަތައް ކައުކުރެއްވި ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّم ރެޔަކާދުވާލު ސަތޭކަ ފަހަރު ތައުބާވެ ވަޑައިގަންނަވައެވެ. އެހެންވީއިރު އަޅުގަނޑުމެން ތައުބާވުން މާ އައުލާވެގެން ވެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ، فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ» (أخرجه البخاري في الأدب المفرد: 621) މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތައުބާވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު ސަތޭކަ ފަހަރު އެއިލާހަށް ތައުބާވެޑައިގަންނަވަމެވެ." ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمއަކީ ހުރިހާ ފާފައަކުން ޠާހިރުވެގެން ހުންނެވި މައުސޫމު ބޭފުޅެކެވެ. އެކަލޭގެފާނު ސަތޭކަ ފަހަރު ތައުބާވެ ވަޑައިގަންނަވައެވެ. އަޅުގަނޑުމެން ތައުބާ ނުވާންވީ ކީއްވެހެއްޔެވެ؟ އެއްވެސް ސަބަބެއް ނެތެވެ. ހުރިހާ ފާފައެއްގެ އަހުލުވެރިންނަކީ އަޅުގަނޑުމެންނެވެ. ތައުބާވުން ލަސްކުރުމަކީ ނުރައްކާ ކަމެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّىٰ إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ وَلَا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُولَـٰئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا﴾ ‎(النساء: ١٨) މާނައީ: "އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިން މީހެއްގެ ގާތަށް މަރު އައިސް ހާޒިރުވެއްޖެ ނަމަ، އެހިނދު ތިމަން މިހާރު ތައުބާވެއްޖައީމޭ ބުނާ މީހުންނާއި، ކާފިރުން ކަމުގައި ތިބެ މަރުވާ މީހުންނަކަށް ތައުބާ ލެއްވުމެއްނެތެވެ. އެއުރެންނަށް ޓަކައި ވޭންދެނިވި ޢަޒާބު ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ." ވިސްނާށެވެ! ކާފިރުންނާ އެއްހަމަވެގެން މަރުވާން މަޑުނުކުރާށެވެ. ތައުބާވުން ލަސްނުކުރާށެވެ. މިއަދު ތައުބާވާށެވެ. ކަލާނގެ ޙަޟްރަތަށް އެނބުރިދާން އަންނާށެވެ. ދޮރުތައް ހުރީ ހުޅުވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ