ޕްރޮފެޝަނަލް ވިޔަފާރިތައް ކަމަށް ދޭހަވާ ފަދަ ފޭސްބުކް ޕޭޖުތައް ހަދައިގެން ފައިސާ ފޭރި ސްކޭމުތައް ހިންގާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިއަދު ވަނީ ބިޒްނަސް ރެޖިސްޓްރޭޝަން ނަންބަރާއި ސައްހަ ނޫން އިންވޮއިސް ބޭނުންކޮށްގެން އާންމުންގެ އަތުން ފައިސާ ފޭރުމަށް ހިންގާ ސްކޭމުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ތަފްސީލް - އެންޓި-ސްކޭމް ސެންޓަރުން ބުނީ ޕްރޮފެޝަނަލް ވިޔަފާރިތަކުން ހިންގާ ޕޭޖުތައް ކަމަށް ދޭހަވާ ގޮތަށް ފޭކު ފޭސްބުކް ޕޭޖުތައް ހަދައިގެން އާންމުންގެ އަތުން ފައިސާ ފޭރޭ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ. ހާއްސަކޮށް ފަރުނީޗަރާއި ގަހަނާ ވިއްކާ ވިޔަފާރިތަކުގެ ނަމުގައި ހިންގާ މިފަދަ ސްކޭމު ޕޭޖުތައް ގިނަކަމަށް ފުލުހުން ބުންޏެވެ.
މިފަދަ ޕޭޖުތައް ދެނެގަނެ، އާންމުން ސަމާލުވާންވީ ކަންތައް ވެސް އެންޓި ސްކޭމް ސެންޓަރުން ވަނީ ކިޔައިދީފަ އެވެ.
ފޭކު ރެޖިސްޓްރީ ނަންބަރު ބޭނުންކޮށްގެން އޮޅުވާލަފާނެކަން ފާހަގަކޮށް ފުލުހުން ވަނީ ފޭސްބުކް ޕޭޖެއްގައި ވިޔަފާރި ރެޖިސްޓްރީ ނަންބަރެއް ޖަހާފައި އިން ނަމަވެސް، އަމިއްލައަށް ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ވިޔަފާރީގެ ސައްހަކަން ވެރިފައިކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން:
ފައިސާ ފޮނުވަން ދޭ އެކައުންޓު ނަންބަރަކީ އަމިއްލަ މީހެއްގެ ނަން މަތީ އޮންނަ އެކައުންޓަކަށް ވުން - ފުލުހުން ބުނީ ވިޔަފާރިތަކުން ފައިސާގެ މުއާމަލާތް ކުރުމުގައި ބޭނުންކުރާނީ ކޯޕަރޭޓު އެކައުންޓުތައް ކަމަށާއި އަމިއްލަ ނުވަތަ ޕާސަނަލް އެކައުންޓަކަށް ފައިސާ ފޮނުވަން ބުނެފިނަމަ އެއީ 'ރެޑް ފްލެގެއް' ކަމަށް ބަލަންޖެހޭ ކަމަށް
ކޮމެންޓު ނުކުރެވޭ ގޮތަށް ހުރުން - ފޭސްބުކްގައި ހިންގާ ޕޭޖުގެ ޕޯސްޓުތަކަށް ކޮމެންޓު ނުކުރެވޭ ގޮތަށް ކޮމެންޓު ޑިސްއޭބަލްކޮށްފައި ހުރެއްޖެ ނަމަ އެއީ ސައްހަ ވިޔަފާރިއެއް ކަމަށް ނުބެލުމަށް ފުލުހުން އިލްތިމާސްކުރޭ
ފަރުނީޗަރު ވިއްކާ ވިޔަފާރިއެއްގެ ޝޯރޫމެއް ނުވަތަ ގުދަނެއް ހުންނަޖެހޭނެ - އަމިއްލައަށް ގޮސް ބެލޭނެ ފަދަ ގޮތަކަށް ޝޯރޫމެއް ނުވަތަ ގުނަދެއް ފަދަ ތަނެއްގެ އެޑްރެސް ނުދޭ ނަމަ އެ ވިޔަފާރިއަކަށް އިތުބާރުނުކުރުމަށް ފުލުހުން އިލްތިމާސްކުރޭ
މީގެ އިތުރުން، ފައިސާ ފޮނުވުމުގެ ކުރިން އިތުރަށް ކަންތައްތައް ޔަގީންކޮށް 'ޑީޕް ވެރިފައި' ކުރަން ވެސް ފުލުހުން އިލްތިމާސްކުރެ އެވެ.
ފޭސްބުކްގައި ހިންގާ ޕޭޖުގެ 'ޕޭޖު ޓްރާންސްޕޭރެންސީ' ބަލައި އެ ޕޭޖެއްގެ ނަން ބަދަލުކޮށްފައިވާ ނަމަ، އެ ތާރީހަކާއި އެޑްމިން ހިންގާ ގައުމު ބެލޭނެ އެވެ. މީގެ އިތުރުން، އެ ޕޭޖު ހިންގާ މީހާއަކީ ކާކުކަން ހޯދުމަށް ވެސް ފުލުހުން އިލްތިމާސްކުރެ އެވެ. އެގޮތުން:
ސްކޭމަރުން އާންމުކޮށް ބޭނުންކުރަނީ އެއްވެސް އެކްޓިވިޓީއެއް ނުހިންގާ ނުވަތަ އާ އެކައުންޓު
ޕޭޖުގައި ބޭނުންކޮށްފައި ހުންނަ ފޮޓޯ އަކީ އިންޓަނެޓުން ނަގާފައި ހުރި ފޮޓޯތޯ ބެލުމަށް ގޫގުލް އިމޭޖު ސާޗު ބޭނުންކުރެވިދާނެ
ޕޭޖުގައި ދީފައި އިންނަ ނަންބަރަށް ގުޅައި މައުލޫމާތު ސާފުކުރެވޭތޯ ބަލާ؛ ސްކޭމަރުން އާންމުކޮށް ބުނާނީ ވައިބާ ނޫނީ ވަޓްއެޕް މެދުވެރިކޮށް ގުޅުމަށް. ޑައިރެކްޓު ކޯލުތަކަށް އެފަދަ މީހުން ޖަވާބެއް ނުދޭ
މި ހުރިހާ މައުލޫމާތަކާ އެކު ފުލުހުން ވަނީ 'ޑެކް އޮންލައިން އެމްވީ'ގެ ނަމުގައި ފަރުނީޗަރު ވިއްކާ ކަމަށް ބުނާ ވިޔަފާރިއެއްގެ ފޭސްބުކް އަދި ވައިބާ އާއި ވަޓްސްއެޕް ޕޭޖުތަކުގެ ސްކްރީން ޝޮޓުތަކެއް ވެސް އާންމުކޮށްފަ އެވެ. މި ޕޭޖުން ވިޔަފާރި ކުރުމަށް މުއާމަލާތު ކުރި ބައެއް މީހުން ވަނީ ހިދުމަތް ނުލިބޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝަކުވާ ކޮށްފަ އެވެ.
ފުލުހުން ވަނީ، ސްކޭމަރުންގެ ފަރާތުން ރައްކާތެރިވުމަށް މި މައުލޫމާތު ރައްޓެހިންނަށާއި އާއިލާގެ މެންބަރުންނާ ހިއްސާކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ފުލުހުން މި ކިޔައިދެނީ ސްކޭމް ހިންގާ ޕޭޖުތަކުގެ 'ރެޑް ފްލެގު'ތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ