އިނގިރޭސިވިލާތުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާތީ ފާޑުކިއުން

އިނގިރޭސިވިލާތުގެ ނިރުބަވެރިކަން ހުއްޓުވުމާ ބެހޭ ޤާނޫނު އެކްޓިވިސްޓުންނާ ދެކޮޅަށް ބޭނުންކުރާ ނަމަ އެ ޤާނޫނުގެ މަޤްޞަދުގެ ގެއްލުމުގެ ފުރުޞަތު އޮތް ކަމަށް ޤާނޫނު ދިރާސާކުރާ މިނިވަން ރިވިއުވަރު، ޖޮނަތަން ހޯލް ވިދާޅުވެއްޖެއެވެ.
2024ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުން ނިރުބަވެރިކަން ހުއްޓުވުމާ ބެހޭ ޤާނޫނު ބޭނުންކޮށްފައިވާ ގޮތް ދިރާސާކޮށް ހޯލް ނެރުއްވި ރިޕޯޓުގައި ވިދާޅުވީ ފަލަސްޠީނާ އެއްކޮޅަށް ވަކާތާލުކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ޕަލަސްޓައިން އެކްޝަން އިނގިރޭސިވިލާތުގައި މަނާކުރުމުން، ހަމައެކަނި މުދަލަށް ގެއްލުން ދިނުމަކީ ނިރުބަވެރިކަމުގެ ގޮތުގައި ބެލިދާނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަަމަށެވެ. ޤާނޫނުގައި ބޭނުންކޮށްފައިވާ ފުޅާ ބަސްމަގުގެ ސަބަބުން މީހަކަށް ގެއްލުން ދިނުމުގެ ނިޔަތް ހިމެނިފައި ނުވި ނަމަވެސް މުޒާހަރާ ކުރުމަކީ ނިރުބަވެރިކަމުގެ ޢަމަލެއްގެ ގޮތުގައި ބެލިދާނެ ކަމަށް ހޯލް ވިދާޅުވިއެވެ. މުދަލަށް ބޮޑެތި ގެއްލުން ދިނުމުގެ މާނައަކީ ކޮބައިކަން ޤާނޫނުން ސާފުވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކޯޓުތަކުން އެ ލަފުޒުތައް މާނަކުރާ ގޮތުން އޭގެ ތެރޭގައި ޖިނާޢީ ގެއްލުން ދިނުން ވެސް ހިމެނިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިރުބަވެރިކަމުގެ މާނައިން މުދަލަށް ގެއްލުން ދިނުން މުޅިން އުނި ނުކުރެވޭނެ ކަމަށް ފާހަގަކުރައްވައި ހޯލް ވިދާޅުވީ އޭގެ މާނަ އިތުރަށް ސާފުކޮށްދިނުމަށް، މުދަލަށް ގެއްލުން ދިނުމާ އެކުއެކީގައި އޭގެ ސަބަބުން ފުރާނައަށް ނުރައްކާވުން ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކަލެއް އޮތުން ލާޒިމް ކުރެވިދާނެ ކަމަށެވެ. އަދި ޞުލްޙަވެރި މުޒާހަރާތައް ނުހިމެނޭ ކަމަށް ވެސް ބަޔާން ކުރެވިދާނެ ކަމަށެވެ.
ހޯލްގެ ރިޕޯޓު އާއްމުކޮށްފައި މި ވަނީ ޕަލަސްޓައިން އެކްޝަން މަނާކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް އިނގިރޭސިވިލާތުގެ ހައި ކޯޓުން ނިންމުމުން އެ ޤައުމުގެ ސަރުކާރުން އެ ނިންމުން އިސްތިޢުނާފުކޮށްފައި ވަނިކޮށެވެ. ހައި ކޯޓުން އެ ނިންމުން ނިންމާފައި ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މައްޗަށް ބިނާކޮށެވެ. 2025ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޕަލަސްޓައިން އެކްޝަން މަނާކުރުމަށް ނިންމި ނިންމުން، އިސްތިއުނާފާ ގުޅޭގޮތުން ކޯޓުން ގޮތެއް ނިންނަންދެން ދަމަހައްޓާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ