އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ވެސް ސަރުކާރު ޖަވާބުދާރީނުކުރެވޭ: ނަޝީދު

އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް އެންމެ ބޮޑަށް ފާޑުވިދާޅުވާ މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓު ދެއްވި މައްސަލާގައި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ރޭ ފާޑުވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ނަޝީދު އެ ކަމަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވީ ސަންގު ޓީވީއަށް 11 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގަ އެވެ.
މި މައްސަލަ މިހާ ބޮޑަށް ހޫނުވީ ވެސް ޗެއާޕާސަން އިންތިހާބާ ދިމާކޮށް އެމްޑީޕީގެ އެތެރޭގައި މިހާރު ވާދަވެރިކަމުގެ ތެރެއިންނެވެ. އެ ގޮތުން އެމްޑީޕީގެ 12 މަޖިލިސް މެންބަރުންގެ ތެރެއިން އެންމެ މެންބަރަކު ފިޔަވައި އެއްވެސް މެންބަރަކު ނަޝީދަށް ތާއީދެއް ނުކުރައްވަ އެވެ.
ބުނީ ކީކޭ؟ - ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވޯޓު ދެއްވާފައިވަނިކޮށް ނަޝީދު ރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު އެއްވެސް ވަރަކަށް ސަރުކާރު ޖަވާބުދާރީކުރުވުމުގެ ދައުރު އަދާނުކުރެވޭ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގެ ވާދަވެރި ޕާޓީ ވެސް މިހާރު ބުނީ ސަރުކާރު ހިނގަމުންދާ ގޮތް ރަނގަޅު ކަމަށާއި ސަރުކާރާ މެދު ރުހޭ ކަމަށެވެ. ވަކި ޕާޓީއެއްގެ ނަން ވިދާޅުނުވި ނަމަވެސް މި ވަގުތު މަޖިލީހުގައި އޮތް ސަރުކާރުގެ އެންމެ ވާދަވެރި ޕާޓީއަކީ، ހުދު ނަޝީދު ވެސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ އެވެ.
"ސަރުކާރު ޖަވާބުދާރީކުރުން ރައްޔިތުންގެ މަޖިލީހުން އެކަން ކުރެވޭ ކަމަކަށް މިހާރު އެއްގޮތަކަށް ވެސް ދެކެވޭކަށް ނެތް، ވާދަވެރި ޕާޓީ ވެސް އެ ބުނީ ވަރަށް ރަނގަޅޭ. [ސަރުކާރުގެ ވަޒީރުންނަށް] ރުހެމޭ،" ދެ އަހަރެއްހާ ދުވަހު އެމްޑީޕީއާ ދުރުގައި ހުންނެވުމަށް ފަހު މިދިޔަ އަހަރު އެ ޕާޓީއަށް އެނބުރި ވަޑައިގެންނެވި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މި ހާލަތުގައި ސަރުކާރު ޖަވާބުދާރީކުރެވެން އޮތީ ނޫސްވެރިންނަށެވެ. ނޫސްވެރިން ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުންފިލުވައިދެމުންދާ ކަމަށް ވިދާޅުވި އެވެ. އަދި އިތުރަށް އެ މަސައްކަތް ފުރިހަމަ ކޮށްދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.
"ހޫނަށްވުރެ ތެދުވީމާ މާ މުހިންމޭ. މާ ރަނގަޅޭ. އަޅުގަނޑުމެންގެ މަސައްކަތްތަކަށް ފާރަވެރިވާން ތިބީ ތިޔަ ބޭފުޅުން [ނޫސްވެރިން]. އަޅުގަނޑުމެންގެ މަސައްކަތް ރަނގަޅަށް ހިނގަނީ ތިޔަ ބޭފުޅުން ފާރަވެރިވީމާ،" ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ނޫސްވެރިކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ. 
ފާހަގަ ކޮށްލެވޭ ކަމެއް - ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގައި، އެމްޑީޕީގެ އާންމު މެންބަރުންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވީ ހޯމް މިިނިސްޓަރު އަލީ އިހުސާނަށް ރުހުން ދިނުމަށް ވޯޓު ދެއްވުމުންނެވެ.
އެހެން ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދާ ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވޯޓު ދެއްވީ އިހުސާނަށް ރުހުން ދެއްވަން ނުފެންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ