އިރާނުން 14 ވަނަ ފަހަރަށް އޭޝިއާގެ ފުޓްސަލް ޗެމްޕިއަންކަން ހޯދައިފި އިރާނުން 14 ވަނަ ފަހަރަށް އޭޝިއާގެ ފުޓްސަލް ޗެމްޕިއަންކަން ހޯދައިފި

ޖަކާޓާ، އިންޑޮނޭޝިއާ (ފެބްރުއަރީ 7) - މުބާރާތް ހޯސްޓްކުރި އިންޑޮނޭޝިއާ އަތުން ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވެ، އިރާނުން 14 ވަނަ ފަހަރަށް ފުޓްސަލް އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އިންޑޮނޭޝިއާ އެރީނާގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމުނުއިރު ދެ ޓީމުން ވަނީ 5-5 އިން އެއްވަރުވެފަ އެވެ.
ޕެނަލްޓީގައި އިރާނުން ފުރަތަމަ ޕެނަލްޓީ ނާކާމިޔާބުވީ ނަމަވެސް ދެން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ވައްދާލި އެވެ. އެކަަމަކު، އިންޑޮނޭޝިއާ އިން ފޮނުވާލި ހަ ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެެވެ.
މި ފަހަރުގެ މުބާރާތުގައި އިރާނުން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. އެ ގޮތުން، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން 4-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުން ސައުދީ އަރަބިއްޔާ އަތުން 2-0 އިން މޮޅުވި އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، އަފްގާނިސްތާން އަތުން 5-2 އިން ވަނީ ކުރިހޯދައިފަ އެވެ.
ކުއާޓާ ފައިނަލުގައި އުޒްބެކިސްތާން އަތުން 7-4 އިން މޮޅުވިއިރު، ސެމީ ފައިނަލުގައި އިރާގު އަތުން 4-2 އިން ކުރިހޯދި އެވެ.
ފުޓްސަލް އޭޝިއަން ކަޕްގެ ޗެމްޕިއަންކަން އިރާނުން ހޯދި އަހަރުތަކަކީ، 1999، 2000، 2001، 2002، 2003، 2004، 2005، 2007، 2008، 2010، 2016، 2018، 2024 އަދި 2026 ގަ އެވެ.
އެންމެ ފަހުން ނެރުނު ދުނިޔޭގެ ރޭންކިންގެ ފަސް ވަނައިގައި އޮތް އިރާނަކީ އޭޝިއާގެ އެއް ވަނަ އެވެ. އިރާނުން ވަނީ ފުޓްސަލް ވޯލްޑް ކަޕްގައި، 1992 ވަނަ އަހަރު ހަތަރު ވަނަ ހޯދުމުގެ އިތުރުން، 2016 ވަނަ އަހަރު ތިން ވަނަ ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ