ވައިގެ މަގުން ކަނޑު ބަލަހައްޓަން ފެށިފަހުން ގަވައިދާ ޚިލާފަށް ވަންނަ އުޅަނދުފަހަރު މަދުވެއްޖެ: ޣައްސާން
މިދިޔަ މާރިޗު މަހުގެ 15ވަނަ ދުވަހު އެމްއެންޑީއެފްގެ އެއާ ކޯގެ ޚިދުމަތް ފެށި ފަހުން، ގަވައިދާ ޚިލާފަށް ރާއްޖޭގެ އިގުތިޞާދީ ސަރަހައްދަށް އެތެރެވާ ކަނޑު އުޅަނދުފަހަރު މަދުވެއްޖެ ކަމަށް، ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން މިރޭ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން މިދިޔަ މާރިޗު މަހުގެ މެދުތެރޭ ފެށި ފަހުން ކަނޑުތައް ބެލެހެއްޓުމާއި ގެއްލޭ މީހުން ހޯދުން ފަދަ، 170އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. އެއާ ކޯ ތައާރަފްކުރިފަހުން ރާއްޖޭގެ ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ޣައްސާން ވިދާޅުވިއެވެ. އެގޮތުން އެމްއެންޑީއެފްގެ ކޯސްޓްގާޑު މެދުވެރިކޮށް ހިފަހައްޓާ އުޅަނދުތައް ހިފުމުގެ ހުރިހާ އޮޕަރޭޝަނެއްގައިވެސް އެއާ ކޯގެ އެހީ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މީގެ އިތުރުން، މިކަން ދިވެހިރާއްޖޭގައި ފައްޓައިފިކަން ދުނިޔެއަށް އެނގިގެން ދިއުމުން، އަޅުގަނޑުމެންނަށް ފެންނަ ޓްރެންޑަކީ ގާނޫނާއި ގަވައިދާ ޚިލާފަށް އަޅުގަނޑުމެންގެ އިގުތިޞާދީ ސަރަހައްދުގެތެރޭގައި ހަރަކާތްތެރިވަމުންދާ މަސްބޯޓުފަހަރުގެ އަދަދުވެސް މިހާރު މަދުވަމުންދާކަން،" ޣައްސާން ވިދާޅުވިއެވެ. އެއާއެކު، ޣައްސާން ވިދާޅުވީ، އުތުރުގައި ށ. ފުނަދޫގައި އެމްއެންޑީއެފުން ގާއިމްކުރާ އެއާ ސްޓޭޝަންގެ މަސައްކަތް މިއަހަރުތެރޭ ނިންމާލެވޭނެ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، އެމްއެންޑީއެފް އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ގަމުގައި ވަނީ، މިދިޔަ ނޮވެންބަރު މަހުގެ ކުރީކޮޅު ހުޅުވައިފައެވެ. https://sun.mv/213546 ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ގެނައި ޑްރޯންތައް އިފްތިތާހުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 15ގައެވެ. ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ މި ޑްރޯންތަކުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެއެވެ. އަދި، 150 ކިލޯގެ ޕޭލޯޑް ކެޕޭސިޓީއެއް ލިބިގެންވެއެވެ. އެންމެ ޒަމާނީ އާލާތްތަކާ އެކު އުދުއްސޭ މި ޑްރޯން 70 އާއި 120 ނޮޓުގެ ސްޕީޑުގައި 27 ގަޑިއިރަށް ވުރެ ގިނައިރު ދުއްވޭނެއެވެ. އަދި، 25،000 ފޫޓަށްވުރެ މަތިން ދުއްވުމުގެ ގާބިލުކަން ވެސް މި ޑްރޯންގައި ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ