ރާއްޖޭގެ ވެމްކޯ ކަޓުވާލުމަށްފަހު ލަންކާގެ ހިރްދަރަމާނީ ސެމީއަށް

ފަސް ސެޓު ކުޅެގެން ކާވާ ވިމެންސް ލީގުގެ ގްރޫޕް އޭގައި ކުޅުނު ފަހު މެޗު ކާމިޔާބުކޮށް ލަންކާގެ ހިރްދަރަމާނީ މުބާރާތުގެ ސެމީން ފުރުސަތު ހޯދިއިރު، ރާއްޖޭގެ ކުލަބު ވެމްކޯއަށް މުބާރާތް ނިމިއްޖެއެވެ. ޖުމްލަ ތިން ޓީމު ހިމެނޭ މި ގްރޫޕުގައި ވެމްކޯ މުބާރާތް ނިންމާލަން ޖެހުނީ ކުޅުނު ދެ މެޗުންވެސް ބަލިވެގެންނެވެ. ފުރަތަމަ މެޗުގައި ތުރާން ވީސީ އަތުން ވެމްކޯ ބަލިވީ ތިން ސެޓުންނެވެ. މި މުބާރާތަށް ވެމްކޯ ތައްޔާރުވީ ވަރުގަދަ ސްކޮޑަކާއެކު އެވެ. އެގޮތުން ބިދޭސީ ތިން ކުޅުންތެރިންނާއި ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ މުހިންމު ތިން ކުޅުންތެރިންނާއެކު އެ ޓީމުން މުބާރާތާ ކުރިމަތިލީ ކޯޗަކަށް އަޙްމަދު އަދީލް (ބޭބެ) ހުރެގެންނެވެ. މެޗުގެ ފުރަތަމަ ސެޓު ވެމްކޯ ކާމިޔާބުކުރީ 26-24 އިންނެވެ. ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓުގައި ހިރްދަރަމާނީ ވަނީ 25-23 އަދި 25-18 އިން ކާމިޔާބުކޮށްފައެވެ. އެއާއެކު ހަތަރުވަނަ ސެޓު 25-18 އިން ވެމްކޯ ކާމިޔާބުކުރުމާއެކު ނަތީޖާ ނެރެން ކުޅުނު ފަސްވަނަ ސެޓުގައި ވެމްކޯގެ މައްޗަށް ހިރްދަރަމާނީ ކުރިހޯދީ 15-08 އިންނެވެ. ވެމްކޯގެ އިތުރުން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ ހުރާ ކޮމިއުނިޓީ ކުލަބެވެ. އެ ޓީމު އޮތް ގްރޫޕުގައި ޖުމްލަ ހަތަރު ޓީމު ހިމެނޭއިރު، އެ ގްރޫޕުގައި މިއަދު ހަވީރު ކުޅުނު މެޗާއެކު ގްރޫޕުގެ ތިން މެޗުވެސް ކާމިޔާބުކޮށް، ހޯދި އެއްވަނަ މަގާމާއެކު އިރާނުގެ ފޫލާދު ސެޕަހާން ސެމީން ފުރުސަތު ލިބުނީ އެއްވަނަ ޓީމުގެ މަގާމާއެކު އެވެ. ދެވަނަ ޓީމެއްގެ ގޮތުގައި ދެ ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބާއި ނޭޕާލް ޕޮލިސް ކުލަބެވެ. ގްރޫޕުގެ ފުލުގައި އޮތް ހޫމޯ ވީސީ ވަނީ މިއަދު ހަވީރު އިރާނު ޓީމު އަތުން ބަލިވުމާއެކު މުބާރާތް ނިމިފައެވެ. މާލޭގެ ސޯޝަލް ސެންޓަރުގައި މުބާރާތް ކުރިއަށްދާނީ މިމަހުގެ ހަތަރަކުން ދިހައެއްގެ ނިޔަލަށެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގެ ފޯމެޓު ރޭވިފައިވާ ގޮތުން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބެއެވެ. ސެމީ ފައިނަލުން ބަލިވާ ދެ ޓީމަށް ބްރޮންޒް މެޑަލް މެޗު ލިބޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ފެބްރުއަރީ 10 ވަނަ ދުވަހުގެރޭ 20:30 ގައެވެ. މުބާރާތުގެ ފޯރިގަދަ މެޗުތައް ބެލުމަށް ޓިކެޓު ވިއްކާ އަގަކީ 25 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ ގަޑިއެއްހާއިރު ކުރިން އެ މެޗެއްގެ ޓިކެޓު ވިއްކަން ފަށާނެއެވެ. ޓިކެޓު ދޫކުރާނީ އެކަމަށް ހާއްސަކޮށް ސޯޝަލްގައި ޤާއިމުކޮށްފައިވާ ކައުންޓަރުންނެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އެހެންކަމުން މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީގެ އިތުރުން ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ. މުބާރާތުގެ ހުރިހާ މެޗަކާއެކު ކަވަރޭޖު ގެނެސްދެނީ ގިނަ ސްޕޮންސަރުންތަކެއްގެ އެހީތެރިކަމާއެކު އެވެ. އެގޮތުން ރެޑްސްޓާ، ސްޕެޑިކޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް، އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ފާހަގަކޮށްލެވެއެވެ. ދެން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އޯލް އިން އޯލް އިންވެސްޓްމަންޓް، ތިބްޔަން ޕްރީސްކޫލް، ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑް، މަމަކް، ޝަވަރުމާޝީ އަދި ފިނިޓް އިންވެސްޓްމަންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ