ބަންގްލަދޭޝްގެ މުޅި ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރުމުގެ ގާބިލްކަން ބީއެންޕީއަށް ލިބިއްޖެ: ތާރިގް ރަހްމާން

ޑާކާ (8 ފެބްރުއަރީ 2026) : ބަންގްލަދޭޝްގެ މުޅި ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް އެގައުމުގެ އެންމެ ބޮޑު އެއް ޕާޓީ ކަމަށްވާ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ބީއެންޕީ އިން ބުނެފިއެވެ. ބީއެންޕީ ނުވަތަ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީގެ އައު ޒައީމް ތާރިގް ރަހްމާން ވިދާޅުވީ ކުރިޔަށް އޮތް އާންމު އިންތިޚާބު ވަރަށް ފަސޭހަކަމާއެކު އެ ޕާޓީން ކާމިޔާބު ކުރާނެ ކަމަށާއި އެހެން ޕާޓީއަކާއެކު ކޯލިޝަން ހަދަންޖެހޭ ހާލަތެއް ނެތް ކަމުގައެވެ. ތާރިގް ދެއްވި ބަޔާނެއްގައި ވިދާޅުވީ މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝްގެ އާންމު އިންތިޚާބުގައި ޕާލަމެންޓްގެ ބޮޑު އަޣްލަބިއްޔަތެއް އެ ޕާޓީން ހޯދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައެވެ. ހާލިދާ ޒިއާ (ވ) އަދި އޭނާގެ ދަރިފުޅު ތާރިގް ރަހްމާން(ކ) - ބީއެންޕީއަށް ގޮންޖަހާލެވޭ ވަރުގެ އެއްވެސް ޕާޓީއެއް ނެތުމުން އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ވިސްނުން ބީއެންޕީން ނުގެންގުޅޭ ކަމަށް ރަހްމާން ވިދާޅުވިއެވެ. ތާރިގް ރަހްމާން އަކީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި ބީއެންޕީގެ ކުރީގެ ޒައީމާ ޚާލިދާ ޒިޔާގެ ދޮށީ ފިރިހެން ދަރިކަލުންނެވެ. ޚާލިދާ ވަނީ ދާދިފަހުން އަވަހާރަވެފައެވެ. ޚާލިދާ އަވަހާރަ ވުމާއެކު ބީއެންޕީގެ ޒައާމަތު ލިބިވަޑައިގެންނެވީ ތާރިގް އަށެވެ. ތާރިގް ފާއިތުވި 15 ވަރަކަށް އަހަރު ދުވަހު އުޅުއްވީ ގައުމުން ބޭރުގައި އިނގިރޭސިވިލާތުގައެވެ. އެއީ ޝައިޚް ހަސީނާގެ ބޮޑުވަޒީރުކަމުގައި އޭނާ ހައްޔަރުކޮށްފާނެކަމުގެ ބިރަށެވެ. ހަސީނާގެ ވެރިކަމުގައި ތާރިގްގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއް އުފުލާފައެވެ. ބަންގްލަދޭޝްގެ މުޅި ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރުމުގެ ގާބިލްކަން ބީއެންޕީއަށް ލިބިފައިވާ ކަމަށް ތާރިގް ވިދާޅުވި ނަމަވެސް ބީއެންބީ އަކީ ކޮރަޕްޓް ޕާޓީއެއްކަމަށް މަޝްހޫރު ޕާޓީއެއް ކަމަށްވާތީ އެ ޕާޓީގެ ގިނަ ސަޕޯޓަރުންތަކެއް މިހާރު ތާއީދު ކުރަނީ ބަންގްލަދޭޝްގެ ތިންވަނައަށް އެންމެ ބޮޑު ޕާޓީކަމަށްވާ ޖަމާއަތޭ އިސްލާމީ ޕާޓީއަށް ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ބަންގްލަދޭޝްގެ އެންމެ ބޮޑު ޕާޓީކަމަށްވާ ޝައިޚް ހަސީނާގެ އަވާމީ ލީގް ޕާޓީ ވަނީ ކުރިޔަށް އޮތް އިންތިޚާބުގައި ބައިވެރި ނުވެވޭގޮތަށް އެ ޕާޓީގެ ހަރަކާތްތައް މަނާކޮށްފައެވެ. ވީމާ، އެޕާޓީގެ ކެންޑިޑޭޓުން މިފަހަރު ކުރިމަތިލަނީ މުސްތަގިއްލު ކެންޑިޑޭޓުންގެ ގޮތުގައެވެ. މި ފެބްރުވަރީ 12ވަނަ ދުވަހު ބާއްވާ ބަންގްލަދޭޝްގެ އާންމު އިންތިޚާބުގައި ބީއެންޕީއާ އެންމެ ގާތުން ވާދަކުރާނެ ކަމަށް ބެލެވެނީ ޖަމާޢަތޭ އިސްލާމީ ޕާޓީއެވެ. އެޕާޓީ ވަނީ 2001 ން 2006 އަށް ބީއެންޕީން ކުރި ވެރިކަމުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ބީއެންޕީ އާ ބައިވެރިވެފައެވެ. ކުރިއަށް އޮތް އިންތިޚާބަށް ފަހު ބީއެންޕީ އާއެކު ކޯލިޝަނެއް ހެދުމަށް ޖަމާއަތޭ އިސްލާމީ ޕާޓީން ވަނީ ބީއެންޕީއަށް ހުށަހަޅާފައެވެ. ނަމަވެސް ތާރިގް ރަޙްމާން ވަނީ ބަންގްލަދޭޝްގެ މުޅި ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރުމުގެ ގާބިލްކަން ބީއެންޕީއަށް ލިބިފައިވާ ކަމަށް ވިދާޅުވެ އެކަމަށް އިންކާރު ކުރައްވާފައެވެ. ރަހްމާން ވިދާޅުވީ ޝައިޚް ހަސީނާގެ އަވާމީ ލީގް މަނާކޮށްފައި އޮތުމުން ޖަމާއަތޭ އިސްލާމީ ޕާޓީ އޮތުން ރަނގަޅުވާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. އެހެންނޫނީ ބަންގްލަދޭޝްގައި އިދިކޮޅު ޕާޓީއެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ރިޕޯޓްތައް ބުނާގޮތުން އިންތިޚާބުގައި އަޣްލަބިއްޔަތު ނުލިބިއްޖެ ހާލަތެއްގައި އެކަން ފޫބެއްދުމަށް ތާރިގް ރަހްމާން ބޭނުންފުޅުވަނީ ގޮނޑި ކާމިޔާބުކުރާ މުސްތަގިއްލު ކެންޑިޑޭޓުންނާއެކު ޑީލްތައް ހެދުމަށެވެ. ސިޔާސީ އެހެން ޕާޓީއަކާ މިފަހަރު ކޯލިޝަން ނުހެދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ