ރާއްޖޭން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ސީރިއާގެ ވެރިކަންކުރާ ޖަމާއަތް ކަމަށްވާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތުގެ ނަން އުނިކޮށް، ރާއްޖޭން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި އެވެ.
ވީކިހިނެއް؟ - ރާއްޖޭން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ރާއްޖޭން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓަކީ ކޮންމެ އަހަރަކު މުރާޖައާކުރަން ޖެހޭ ލިސްޓެކެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވާ ގޮތުން، ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ލަފާގެ މަތިން އެ ލިސްޓު މުރާޖައާކޮށް ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އެވެ.
ތަފްސީލް - ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގެ ވެރިކަމާ އެޗްޓީއެސް ޖަމާއަތުން ހަވާލުވީ ޑިސެމްބަރު 2024ގަ އެވެ. އަދި ރައީސްއަކު ޖެނުއަރީ 2025ގައި އައްޔަންކުރި އެވެ.
ރާއްޖޭން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓްގައި އެޗްޓީއެސް ޖަމާއަތުގެ ނަން 2019 އިން ފެށިގެން އޮވެ އެވެ. ސީރިއާގެ ވެރިކަން ބަދަލުވި ފަހުން މިދިޔަ އަހަރު ލިސްޓް މުރާޖައާކޮށް ނެރުނުއިރު ވެސް ލިސްޓްގައި އެ ޖަމާއަތުގެ ނަން އޮތެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް ޖަމާއަތް އުނިކުރީ ދުނިޔޭގެ އެހެން ގިނަ ގައުމުތަކުން ވެސް މިހާރު އެ ޖަމާއަތް ބަލައިގަންނަމުންދާތީ އެވެ.
ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމުން ދިވެހިންނަށް ސީރިއާއަށް ދިއުން ދެން ހުއްދަވާނެ އެވެ.
ފާހަގަކޮށްލެވޭ - އެޗްޓީއެސް ބަލައިގަތް ގައުމުތަކުގެ ތެރޭގައި އެމެރިކާ ވެސް ހިމެނެ އެވެ.
އެޗްޓީއެސްގެ ވެރިޔާ އަދި ސީރިއާގެ މިހާރު ރައީސް އަހްމަދު އައްޝަރާއާ ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލު ވެސް ކުރެއްވި އެވެ.
ސީރިއާއަށް ދަތުރުުކުރުން ހުއްދަކޮށް، ޓެރަރިސްޓް ލިސްޓުން އެ ގައުމުގެ ވެރިކަންކުރާ ޖަމާއަތުގެ ނަން ވެސް އުނިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ