އެމެރިކާގެ ވިޔަފާރީގެ އެއްބަސްވުމަށް އިންޑިއާގެ ކުންފުނިތަކުން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލަނީ

އެމެރިކާއާ އެކު ވިޔަފާރީގެ އާ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަގުފަހިކުރުމުގެ ގޮތުން، އިންޑިއާގެ ތެޔޮ ސާފުކުރާ ކުންފުނިތަކުން އަންނަ އޭޕްރީލް މަހުން ފެށިގެން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލަން ނިންމައިފި އެވެ.
ސިނާއީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި، މި ބަދަލު ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް ބެލެވެ އެވެ.
ވިޔަފާރީގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކުރި ގޮތުގައި، އިންޑިއާ ސަރުކާރުގެ އިންޑިއަން އޮއިލް އަދި ބާރަތު ޕެޓްރޯލިއަމްގެ އިތުރުން އަމިއްލަ ކުންފުންޏެއް ކަމަށްވާ ރިލަޔަންސް އިންޑަސްޓްރީޒް އިން ވެސް މާޗު އަދި އޭޕްރީލް މަހު ރަޝިޔާގެ ތެޔޮ ގަތުމަށް ދޫކޮށްފައިވާ ހުށަހެޅުންތައް މިހާރު ގަބޫލެއް ނުކުރެ އެވެ.
މީގެ އިތުރުން، އިންޑިއާގެ އެހެން ގިނަ ކުންފުނިތަކަކުން ވެސް މިހާރު ވަނީ ރަޝިޔާގެ ތެޔޮ ގަތުން މެދުކަނޑާލާފަ އެވެ.
މި ނިންމުމަކީ ޓެރިފްތައް ކުޑަކުރުމަށާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށްޓަކައި އެމެރިކާ އާއި އިންޑިއާއާ ދެމެދު މިދިޔަ ހުކުރު ދުވަހު އިއުލާންކުރި ވިޔަފާރީގެ ވަގުތީ އޮނިގަނޑާ ގުޅިގެން އައި ބަދަލެކެވެ.
މި އެއްބަސްވުމުގެ ރަސްމީ ބަޔާނުގައި ރަޝިޔާގެ ތެލާ ބެހޭ ގޮތުން ސީދާ ވާހަކަދައްކާފައި ނުވި ނަމަވެސް، ރަޝިޔާގެ ތެޔޮ ގަންނާތީ އިންޑިއާގެ މުދަލުން ނަގަމުންދިޔަ %25ގެ އިތުރު ޓެރިފް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުވާލައްވާފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އިންޑިއާއިން ވަނީ ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް ރަޝިޔާގެ ތެޔޮ އެތެރެކުރުން ހުއްޓާލުމަށް ވައުދުވެފަ އެވެ. ނަމަވެސް، އިންޑިއާ ސަރުކާރުން ރަސްމީކޮށް މިފަދަ ނިންމުމެއް އަދި ހާމައެއް ނުކުރެ އެވެ.
މި ބަދަލާ ގުޅޭ ގޮތުން އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، އިންޑިއާގެ ސްޓްރެޓެޖީއަކީ ހަކަތަ ހޯދާ ވަސީލަތްތައް ތަފާތުކުރުން ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ މަސްރަހަށް އަންނަ ބަދަލުތަކާ އެއްގޮތަށް ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ރަޝިޔާއިން 2022 ވަނަ އަހަރު ޔޫކްރެއިނަށް އެރި ފަހުން، ރަޝިޔާގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމަކަށް އިންޑިއާ ވެގެންދިޔަ ނަމަވެސް، މިހާރު އެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިދިޔަ އަހަރު ދުވާލަކު އެވްރެޖްކޮށް 1.7 މިލިއަން ފީފާ ތެޔޮ އެތެރެކުރި ނަމަވެސް، އަންނަ މާޗު މަހާ ހަމައަށް އެ އަދަދު 1 މިލިއަނަށް ވުރެ ދަށްކުރުމަށް އިންޑިއާއިން ދަނީ ތައްޔާރުވަމުންނެވެ.
މި ކަމުގައި އޮތް ހަމައެކަނި އިސްތިސްނާއަކީ ރަޝިޔާގެ މަދަދާ އެކު ހިންގާ ނަޔާރާ އެނާޖީ އެވެ. ނަމަވެސް، މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށްދާތީ އެ ކުންފުނިން ވެސް އޭޕްރީލް މަހު ތެޔޮ އެތެރެކުރާކަށް ނުނިންމަ އެވެ.
ޓްރަމްޕްގެ ގަރާރުގައިވާ ގޮތުން، އިންޑިއާއިން ތެޔޮ ގަންނަ މިންވަރު އެމެރިކާގެ އޮފިޝަލުން މޮނިޓާ ކުރަމުންދާނެ އެވެ. އަދި އަލުން ރަޝިޔާއިން ތެޔޮ ގަންނަން ފަށައިފި ނަމަ، އުވާލި ޓެރިފްތައް އަލުން އިއާދަކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ