އިންޑިއާ އާއި މެލޭޝިޔާގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ވަރުގަދަކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުގެ އިސްވެރިން އެއްބަސްވެވަޑައިގެންފި އެވެ.
މެލޭޝިޔާއަށް ވަޑައިގެން ހުންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ދެ ގައުމުގެ އިގްތިސާދީ އަދި ހާރިޖީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އެއްބަސްވެވަޑައިގެންފަ އެވެ.
ދެ ބޭފުޅުން މިއަދު ބޭއްވި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި ފުޅާކުރުމަށާއި ސެމީކޮންޑަކްޓަރާއި ދިފާއީ ދާއިރާއިން ގުޅުން ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
އިންޑިއާ އާއި މެލޭޝިޔާގެ ގުޅުން 'ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނަޝިޕް'އަކަށް އޮގަސްޓް 2024ގައި ބަދަލުކުރި ފަހުން، މޯދީ މެލޭޝިޔާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުގައި އަންވަރު އިބްރާހީމާ ބައްދަލުކުރެއްވީ ޕުތްރަޖާޔާގަ އެވެ.
އަންވަރު ވިދާޅުވި ގޮތުގައި، މި ބައިވެރިވުމުގެ ދަށުން ވިޔަފާރި އާއި އިންވެސްޓްމަންޓް، ކާނާގެ ރައްކާތެރިކަން، ދިފާއީ ދާއިރާ، ސިއްހީ ދާއިރާ އަދި ފަތުރުވެރިކަން ހިމެނޭހެން ގިނަ ދާއިރާތަކަކުން ގުޅުން ގާއިމުކުރެވޭނެ އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ، މި ގުޅުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި އޮތް ގުޅުމެއް ކަމަށާއި ދެ ގައުމުގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކު މިކަންކަން ހަލުވި މިނެއްގައި ކުރިއަށް ގެންގޮސް ތަންފީޒުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި، ސެމީކޮންޑަކްޓަރާއި ކާރިސާތައް މެނޭޖްކުުރުމާ އަދި ސުލްހަ ބެލެހެއްޓުމާ ގުޅޭ އެއްބަސްވުންތައް ހިމެނޭހެން، ޖުމްލަ 11 ދާއިރާއަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ބަދަލުކުރެވުނެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ކުރެވޭ މުއާމަލާތްތަކުގައި އަމިއްލަ ފައިސާ ބޭނުންކުރުމަށް ބާރުއެޅުން ކުރިއަށް ގެންދާނެ ކަމަށާއި، މިދިޔަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު 18.6 ބިލިއަން ޑޮލަރުގެ ވިޔަފާރިއަށް ވުރެ މި އަހަރުގެ ވިޔަފާރި އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.
ދެކުނު އިރުމަތީ އޭޝިޔާގައި ހާރިޖީ އަދި ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ބޯނިއޯ ރަށުގެ ސަބާ ސްޓޭޓްގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަށް މެލޭޝިޔާ ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ވެސް އަންވަރު ހާމަކުރެއްވި އެވެ.
އިންޑިއާ އާއި މެލޭޝިޔާއިން ވިޔަފާރީގެ ގުޅުން ވަރުގަދަކުރަން އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ