ގުޅިގެން މަސައްކަތް ނުކޮށްފިނަމަ ރާއްޖެ ވެއްޓޭނީ އަނދިރި ވަޅުގަނޑަކަށް: މައުމޫން

ގާނޫނު އަސާސީގެ ދިފާއުގައި، އެންމެން ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިންމު ކަމަށާއި އެ މަސައްކަތް ނުކޮށްފިނަމަ ރާއްޖެ ވެއްޓޭނީ އަނދިރި ވަޅުގަނޑަކަށް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ދުވަހާ ގުޅިގެން އެމަނިކުފާނު ދެއްވި ޚިތޯބެއްގައި ވިދާޅުވީ ސިޔާސީ ޕާޓީ ތަކުގެ އިންތިޚާބީ ރައީސުންގެ އަތުން ޕާޓީ ހިންގުމުގެ ބާރު ނިގުޅައިގަތުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ރާއްޖޭގެ ދިމުޤްރާތީ ނިޒާމަށާއި ރާއްޖޭގައި އުފެދިފައިވާ ހުރިހައި ސިޔާސީ ޕާޓީތަކަށްވެސް ކުރިމަތިވާ ވަރުގަދަ ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ދިމުޤްރާޠީ ނިޒާމުގެ ދިފާއުގައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި އެގޮތަށް މަސައްކަތް ނުކޮށްފިނަމަ ސިޔާސީ ގޮތުން ރާއްޖެ ވެއްޓިގެން ދާނީ ފުންމިން ނޭނގޭ ވަރަށް އަނދިރި ވަޅުގަނޑަކަށް ކަމަށް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް 48 އަހަރު ފުރިގެންދާ މުނާސަބަތާ ކުރިމަތިލާއިރު، ޖުމްހޫރިއްޔާއެއްގެ ހަގީގީ މާނައިގައި، އެއަށް އަމަލުކުރުމަށް އިސްކަންދޭންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ޖުމްހޫރިއްޔާއެއްގެ އެންމެ މުހިންމު ރައުސުލްމާލަކީ އެ ޖުމްހޫރިއްޔާއެއްގައި ހިމެނޭ ރައްޔިތުންކަމާމެދު އެއްވެސް ޝައްކެތް ނެތް ކަމަށާއި އެއީ ޖުމްހޫރިއްޔާއެއްގައި، ވެރިކަމުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ އެ ޖުމްހޫރިއްޔާއެއްގެ ރައްޔިތުންގެ ކިބައިން ކަމަށްވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރާއިރު، ވެރިކަން ކުރަން ވާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެހެންކަމުން ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމަކަށް ދިވެހިން ތާއީދު ކޮށް އެނިޒާމު ގެނައި އިރު ދައުލަތުގެ މުއައްސަސާ ތަކުން އަމަލު ކުރަންވާނީ އެގޮތުގެ މަތީން ކަމަށް މައުމޫން ވިދާޅުވިއެވެ. އެއް ބާރުން އަނެއްބާރަށް ނުފޫޒު ފޯރުވައި، އެއް ބާރުން އަނެއްބާރުގެ މައްޗަށް ގަދަވެ ގަތުމަށް މަސައްކަތް ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފުވުން ކަމަށް ވެސް ކުރީގެ ރައީސް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ ދިވެހިރާއްޖެ ދެވަނަ ޖުމްހޫރިއްޔާއަށް 48 އަހަރު ފުރޭ މިއުފާވެރި ޖުމްހޫރީ ދުވަހު ގެ ހެޔޮއެދުމާއި ތަހުނިޔާ، ޕީޕީއެމް ގެ އެންމެހާ މެންބަރުންނަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ދަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ