ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރު ކޮށްދޭން އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

މަނީ ލޯންޑަރިންއާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތް ބޭރުކޮށްލައިފި އެވެ.
ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވީ ނަމަވެސް މައްސަލަ ބައްލަަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުން އިސްތިއުނާފީ އަޑުއެހުންތައް އޮތީ މަޑުޖެހިފަ އެވެ. އެހެންވެ ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމާމެދު އޮތީ ޝައްކު އުފެދިފަ އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނީ ހައިކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފީ މައްސަލަ، އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމުގެ ކުރިން އެ މަނިކުފާނާ އެއްކޮޅަށް ނިމިއްޖެ ނަމަ އެވެ.
އެހެންވެ ޔާމީންގެ ވަކީލުން ވަނީ، އެ މަނިކުފާނުގެ އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް އިއްޔެ ދުސްތޫރީ މައްސަލައެއް ވައްދައިފަ އެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމުގައި ވިދާޅުވެފައިވަނީ އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ވިދާޅުވެފައިވެ އެވެ.
ރަޖިސްޓްރާ އެގޮތަށް ނިންމެވި ނަމަވެސް ރަޖިސްޓްރާގެ އެ ނިންމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ