ބީނޯޒް އެރީޒް، އާޖެންޓީނާ (ޖުލައި 24) - އާޖެންޓީނާގެ ފުޓްބޯޅަ ރައީސް، ކްލައުޑިއޯ ޓަޕިއާގެ ފޯނު، އެފްބީއައިގެ ތަހުގީގީ ބޭނުމަށް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަ އާޖެންޓީނާގެ އެފްއޭ އިން ދޮގުކޮށްފި އެވެ.
އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާ ގުޅޭ 300 މިލިއަން ޑޮލަރުގެ މަނީ ލޯންޑަރިން މައްސަލައެއް އެފްބީއައިއިން އަންނަނި ތަހުގީގުކުރަމުންނެވެ. މިއީ، ފީފާ އިން އާޖެންޓީނާގެ ފުޓްބޯޅަ އަށް ދޭ ފައިސާ، އެކިއެކި އަމިއްލަ ބޭނުންތަކާއި ވަކި ކަންކަމުގައި މާލީ މަންފާ ހޯދުމަށްޓަކައި، އާޖެންޓީނާގެ އެފްއޭ އިން އެމެރިކާގެ އެކި ކުންފުނިތަކާ އެކު ކޮށްފައިވާ މުއާމަލާތްތަކާ ގުޅޭ ތަހުގީގެކެވެ.
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
އާޖެންޓީނާގެ ދެ މީޑިއާއެއް ކަމަށްވާ، އިންފޯބޭ އާއި ކްލަރިން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ސްޕެއިން އަތުން 1-0 އިން އާޖެންޓީނާ ބަލިވި މެޗަށް ފަހު، ނިއު ޔޯކް އެއާޕޯޓުން، އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އޮފިޝަލުން ފުރަންދިޔަ ވަގުތު އެފްބީއައިއިން ވަނީ، އާޖެންޓީނާ އެފްއޭ ރައީސް، ޓަޕިއާ ހިމެނޭހެން، އާޖެންޓީނާގެ ބައެއް އޮފިޝަލުންގެ ފޯނު ހިފަހައްޓައިފަ އެވެ.
މީގެ އިތުރުން، އެފްބީއައިގެ ތަހުގީގަށް އާޖެންޓީނާ އެފްއޭގެ އޮފިޝަލުން މި މަހު 30 އަށް އެމެރިކާގެ ކޯޓަކަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެެވެ.
އެކަމަކު، އާޖެންޓީނާ އެފްއޭ އިން ވަނީ، ނެރުނު ނޫސްބަޔާނެއް މެދުވެރިކޮށް، މީޑިއާގައި ފެތުރިފައިވާ ހުރިހާ ވާހަަކައެއް ދޮގުކޮށްފަ އެވެ. އަދި، އާޖެންޓީނާ އެފްއޭގެ ރައީސް، ޓަޕިއާ އާއި އެ އެސޯސިއޭޝަންގެ އެއްވެސް އޮފިޝަލެއްގެ ފޯނެއް، އަދި އެއްވެސް އިލެކްޓޯރިކް ޑިވައިސެއް، ހިފަހައްޓާފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެެވެ.
އެމެރިކާގެ ކޯޓަކަށް އާޖެންޓީނާގެ އެފްއޭގެ ވެރިން ހާޒިރުވާން އަންގާފައިވާ ކަމަށް މީޑިއާގައި ދެކެވޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވެސް އެ ބަޔާނުގައި ހިމަނާފައިވެ އެވެ.
އެ ބަޔާން ނިންމާލަމުން، އާޖެންޓީނާ އެފްއޭ އިން އެދިފައިވަނީ މީޑިއާތަކުން، މި ކަަހަލަ ކަންކަމުގައި އާންމުންނަށް މައުލޫމާތު ފޯރުކޮށްދޭއިރު، ކަމުގެ ހުރިހާ ފަރާތެއް ބަލައި، އެންމެ ރަނގަޅު މައުލޫމާތު އާންމުންނާ ހަމައަށް ގެނައުމަކީ، ނޫސްވެރިކަމުގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރުން ކަމަށެވެ.
ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑް އަތުން އާޖެންޓީނާ މޮޅުވި މެޗަށް ފަހު، ސިޔާސީ ބެނާއެއް ގެންގުޅުނު މައްސަލައިގައި އާޖެންޓީނާގެ ކުޅުންތެރިންގެ ޑިސިޕްލިނަރީ މައްސަލައެއް ފީފާ އިން އަންނަނީ ބަލަމުންނެވެ. އަދި، އޭގެ އިތުރުން ފައިނަލް މެޗުގައި ސްޕެއިން އަތުން ބަލިވި ފަހުން، އާޖެންޓީނާގެ ކުޅުންތެރިން ހިމެނޭހެން، ދެ ޓީމުގެ މެދުގައި ހިނގި މާރާމާރީގެ މައްސަލަތައް ވެސް ފީފާ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ބަލަން ފަށައިފަ އެވެ.
އާޖެންޓީނާގެ ފުޓްބޯޅަ ރައީސްގެ ފޯނު އެފްބީއައިގެ ބެލުމުގެ ދަށަށް ގެންދިޔަ ވާހަކަ ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ