އޯޓީ އެއްހަމަކޮށް، އިިތުރުގަޑީގެ މަސައްކަތް ބެލެހެއްޓުމުގައި އެސްއޯއީ ހުރިހާ ކުންފުންޏަކަށް ވެސް އެއް އުސޫލެއް!

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހުރިހާ ކުންފުންޏެއްގެ ސިޔާސަތުތައް އެއްހަމަކުރުމަށްޓަކައި، އިތުރުގަޑީގެ ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އިސްލާހުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތަކަށް އަންގައިފިއެވެ.
ޕީސީބީން 21 ޖުލައި 2026 ގައި ކުންފުނިތަކަށް ފޮނުވި ސާރކިއުލާގައި އިރުޝާދުދީފައިވަނީ، ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ކުންފުނިތަކުގެ އޯޓީ ދޭ އުސޫލު ބަދަލުކުރުމަށެވެ.
މި ނިންމުމުގެ މަގުސަދަކީ އިތުރުގަޑީގެ މަސައްކަތް ބެލެހެއްޓުމުގައި ހުރިހާ ކުންފުންޏަކުންވެސް އެއް އުސޫލަކަށް އަމަލުކުރުމެވެ.
މިހާރުވެސް އިތުރުގަޑީގެ ފައިސާ ދިނުމުގައި ވަކި ކެޕެއް ކަނޑައަޅާފައިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ މިހާރުގެ އުސޫލުތަކާއި މި އައު 48 ގަޑިއިރުގެ އުސޫލު އަޅާކިޔައި، ކުންފުންޏަށް މާލީގޮތުން އެންމެ ފައިދާހުރި އަދި ހަރަދު ކުޑަ ގޮތެއް އިހުތިޔާރުކުރުމަށް ޕީސީބީއިން ވަނީ އަންގާފައެވެ.
މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށާއި، ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަވެގެންދާނެކަމަށް ބެލެވެއެވެ. އަދި އިތުރުގަޑީގެ ހަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުން، ކުންފުނީގެ މުހިންމު މަސައްކަތްތަކަށާއި، ހިދުމަތްތައް ރަނގަޅުކުރުމަށް އިތުރު ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޕީސީބީއިން އަންގާފައި ވަނީ 30 ޖުލައި 2026 ގެ ކުރިން ކުންފުނިތަކުގެ އޯޓީ ދިނުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ނިންމުމަށެވެ. މި އިސްލާހު ކުރެވޭ އުސޫލުތަކަށް އަމަލުކުރަން ފަށާނީ 1 އޯގަސްޓް 2026 އިން ފެށިގެންނެވެ.
ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދާނާކޮށް އެ ކުންފުނިތަކަކީ ފައިދާގައި ހިންގާ ކުންފުނިތަކަށް ހެދުމަށްކުރަމުންދާ މަސައްކަތުގެ ތަރެއިން، މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށްވެސް ކުންފުނިތަކަށް ޕީސީބީއިން ވަނީ މީގެ ކުރިން އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ