މަސްތުވާތަކެތި ފޮރުވާފައި ހުރި ލަގެޖުތަކަކީ ”ބާއީ“ ކިޔާ މީހަކު ފައިސާ ދޭން ބުނެގެން ރާއްޖެ ގެނައި ތަކެތި ކަމަށް ރާއްޖެއަށް 8 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ މީހަކު ބުނެފިއެވެ.
މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ލަގެޖުގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗާއެކު ރާއްޖެ އައުމުން ކަސްޓަމްސްއިން ދިވެހި ފުލުހުންނާ ހަވާލުކުރީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުންނެވެ. އެއީ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އެވެ. އޭގެ އިތުރުން ފުލުހުން މި މައްސަލައިގައި ތިން ދިވެއްސަކު ވެސް ހައްޔަރުކޮށްފައިވެއެވެ.
ބެންގަލޫރޫ މަގުން ރާއްޖެ އައި މުސްތާކް ޖަމާލް އާއި ރަޝިތާގެ ބަންދުގެ މުއްދަތަކާ ބެހޭ އަޑުއެހުމެއް އިއްޔެ ކްރިމިނަލް ކޯޓުން ބޭއްވިއިރު، އެ ކޯޓުން ނެރުނު އަމުރުން އެނގޭ ގޮތުގައި އެ ދެ މީހުން ވެސް ވަނީ، މަސްތުވާތަކެތި ފޮރުވާފައި ހުރި ލަގެޖުތައް އެ މީހުންނާ ހަވާލުކުރުމުން، އެއީ ”ބާއީ“ ކިޔާ މީހަކު ފައިސާ ދޭނެ ކަމަށް ބުނެގެން އެތެރެކޮށްފައިވާ ތަކެތި ކަމަށް ބުނެފައެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި އެ ލަގެޖުތަކުގެ ފުލުގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ކަސްޓަމްސްއަށް ބެލެވިގެން އެކްސްރޭކޮށް ބެލިއިރު ލަގެޖުތަކުގެ ފުލުގައި ހުރި ބައެއްގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ވަނީ ފެނިފައެވެ. ކޮންމެ ލަގެޖެއްގައި 4 ކިލޯ ހުރި އިރު ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 8.3 ކިލޯ ހުއްޓެވެ.
އެތަކެތި ތަހުލީލުކޮށް ބެލުމުން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓެޓްރާހައިޑްރޯކެނަބިނޯލް އާއި ކެނަބިނޯލްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުންް އިއްޔެ ނިންމާފައިވަނީ މުސްތާކް ޖަމާލް އާއި ރަޝިތާގެ ބަންދަށް އިތުރު 15 ދުވަސް ދިނުމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދިވެހީންނަކީ ލ.ގަން, މުކުރިމަގު، ފޭރުގަސްދޮށުގެ އަޙްމަދު އަފްރާޙް (33އ) އާއި ކ.މާލެ، ހ. ކަހަފަތި، އިލްޔާސް އަޙްމަދު (42އ) އާއި ކ.މާލެ، ގ. ހޭޅި، ޙަސަން ޝަމްޢޫން (36އ) އެވެ. އެ ތިން މީހުން ވެސް ތިބީ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައެވެ.
8 ކިލޯގެ ޑްރަގްގެ މައްސަލަ: ލަގެޖުތައް ރާއްޖެ ގެނައީ ”ބާއީ“ ކިޔާ މީހަކު ބުނެގެން ކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ