އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ

އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް ދޫކުރާ ފައިސާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފިއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ ދައުލަތުގެ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަންޖެހޭކަމަށެވެ. އަދި "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓުތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އާ އެއްގޮތްވާގޮތުގެ މަތިން ކައުންސިލްތަކުން މެދު ރާސްތާ ބަޖެޓު ތައްޔާރުކޮށް އެ ވުޒާރާއަށް ހުށަހަޅަން ޖެހޭނެކަމަށެވެ.
ބަޖެޓު ތައްޔާރުކުރާއިރު އާމްދަނީއާއި ޚަރަދު ވަކިން އެނގެން އޮންނަންވާނެކަމަށާއި ކައުންސިލްތަކުން ބަޖެޓު ތައްޔާރުކުރާއިރު ހިމަނަންޖެހޭ ކަންކަން ވުޒާރާއިން ވަނީ ތަފްސީލުކޮށްދީފައެވެ. އެގޮތުން ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީއާއި ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީއާއި ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް އަދި ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ ހިމެނެއެވެ.
މީގެތެރެއިން ކައުންސިލްތަކަށް ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީގެބަޖެޓު ތައްޔާރުކުރާނީ 2027 އިން 2029 ވަނަ އަހަރަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށްކަނޑައަޅާކަމަށް ވުޒާރާއިން ލަފާކުރާ އަދަދުތަކަށްވުރެ ބޮޑުނުވާނެގޮތަށެވެ. ނަމަވެސް ކައުންސިލްތަކުން ބަޖެޓު ފައިނަލް ކުރާނީ ގާނޫނުގައިވާ ގޮތުގެ މަތިން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރުމުން، އެ ބަޖެޓުގައިވާ އަދަދުތަކަށް ރިއާޔަތްކޮށްގެން ކަމަށް ވެސް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ހުރިހާ ކައުންސިލްތަކުން ވެސް ސާކިއުލާއާ އެއްގޮތްވާ ގޮތުގެ މަތިން އަންނަ އަހަރުން ފެށިގެން 2029 ގެ ނިޔަލަށް ލަފާކުރާ ބަޖެޓު، ސެޕްޓެންބަރު 18، 2026 ގެ ކުރިން އެ ވުޒާރާއަށް ހުށަހެޅުމަށް މާލީ ވުޒާރާއިން ވަނީ އެދިފައެވެ. އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް ދޫކުރާ ފައިސާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މިއަހަރަކީ، ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ. މި އަހަރުގެ ބަޖެޓުގައި ކައުންސިލުތަކުގެ ގްރާންޓުގެ ގޮތުގައި ޖުމްލަ 2.47 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އޭގެ ކުރީ އަހަރުވެސް ކައުންސިލުތަކަށް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ. މި އަހަރުގެ މިހާތަނަށް ކައުންސިލުތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ކައުންސިލުތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ، ސިޓީ ކައުންސިލުތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ، މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް ފައިސާ ދޫކުރަނީ، ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން 'ބްލޮކް ގްރާންޓް'ގެ ގޮތުގައެވެ.
ކައުންސިލުތަކަށް ދޭ އެހީގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިހާރު އަތޮޅު ކައުންސިލުތައް އުވާލާފައިވާއިރު، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވާނެ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތްތަނުގައި ކައުންސިލުތަކަށް ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލު ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ކައުންސިލުތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫޢުތައް ހަރުދަނާ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ