އެނދި ހައުސިން މިނިސްޓްރީ އިމާރާތާ އިންވެގެން ފުޓްސަލް ކޯޓެއް

އަލިފާނުގެ ހާދިސާއެއްގައި އަދައިގެންދިޔަ ހައުސިން މިނިސްޓްރީ ހުރި ބިމާ އިންވެގެން ފުޓްސަލް ކޯޓެއް އަޅައިފި އެވެ.
ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައި 12 ޑިސެމްބަރު 2024ގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި އިމާރާތް އެއްކޮށް ވަނީ އަނދާފަ އެވެ. އެ އިމާރާތަކީ ސަރުކާރުގެ ގިނަ މިނިސްޓްރީތަކެއްގެ އިތުރުން، ދައުލަތުގެ ބައެއް އިދާރާތައް ވެސް ހިންގަމުންދިޔަ އިމާރާތެކެވެ.
އެހެންވެ، ހައުސިން މިނިސްޓްރީ ހިމެނޭހެން، އެތަނުގައި ހުރި މިނިސްޓްރީތަކުގެ އޮފީސްތައް މިހާރު ވަގުތީ ގޮތުން ހިންގަމުން އަންނަނީ ދަރުބާރުގޭގަ އެވެ. އެތަނުގައި ރޯވަން މެދުވެރިވި ސަބަބާ ބެހޭ ތަހުގީގެއް ހިންގި ނަމަވެސް، އަދިވެސް އެކަން ވީ ގޮތެއް ދެނެއެއްނުގަނެވެ އެވެ.
ތަފްސީލް - ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ އެ އިމާރާތާއި އިންވެގެން މިހާރު ހުރީ ފުޓްސަލް ކޯޓެއް އަޅާފަ އެވެ. އެ ތަން ބޭނުންކުރަމުންދާތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ.
އެތަނުގައި ރޯވި ސަބަބު ކިޔައިނުދީ، ކުއްލިއަކަށް އެ ބިމުގައި ފުޓްސަލް ކޯޓެއް އަޅާފައި ހުރުމުން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ފާޑުކިޔާފަ އެވެ.
އެގޮތުން، އެތަނުގެ ފޮޓޯއެއް ހިއްސާކޮށް، މާލޭ ސިޓީ ކައުންސިލުގެ މަންޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ހަދީޖާ މުހައްމަދު ވިދާޅުވީ، ރޯވި ސަބަބު ބުނެނުދެވޭއިރު، އެ މައްސަލަ ބެލުމަށް ފަހު އިންޑިއާއިން ހިއްސާކުރި ރިޕޯޓު ވެސް ސަރުކާރުން އާންމުނުކުރާ ކަމަށެވެ.
"ކުއްލިއަކަށް މި ފެނުނީ ދަނޑެއް އަޅާފައި ހުއްޓައި،" ހަދީޖާގެ ޕޯސްޓުގައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އަލިފާނުގެ ހާދިސާ ހިނގި އިރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު ވިދާޅުވެފައި އޮތީ، އެ ހާދިސާގައި "ހަމަ ގާތްގަނޑަކަށް ވުޒާރާގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއަކާ އެއްކޮށް އެ ދިޔައީ" ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން، މިދިޔަ ސަރުކާރުގައި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުން ކަނޑައެޅި ފްލެޓު ކޮމިޓީގެ ރިޕޯޓާއި އެކަމާ ގުޅޭ ގޮތުން އެ ކޮމިޓީން ކޮށްފައިވާ އެއްވެސް މަސައްކަތެއް ވެސް މިހާރު ފެންނަން ނެތް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ